އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ ކުރީގައި އޮތް އާސެނަލް އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން އާސެނަލް ބަލިކޮށް ސިޓީން ތިން ޕޮއިންޓަށް ފަރަގު ކުޑަކޮށްފި އެވެ.

މި މެޗުން މެންޗެސްޓަރ ސިޓީ މޮޅުވިއިރު އެއް މެޗު އިތުރަށް ކުޅެގެން 33 މެޗުން އާސެނަލް އަށް ލިބިފައިވަނީ 70 ޕޮއިންޓެވެ. މެންޗެސްޓަރ ސިޓީ އަށް 32 މެޗުން 67 ޕޮއިންޓް ލިބިފައިވާއިރު އަންނަ ބުދަ ދުވަހު ބާރންލީ އާއި ދެކޮޅަށް ކުޅޭ މެޗުން ސިޓީ މޮޅުވެއްޖެނަމަ އާސެނަލް އާއި ޕޮއިންޓުގެ ގޮތުން އެއްވަރުވާނެ އެވެ. ނަމަވެސް އޭގެ ކުރިން އަންނަ ހޮނިހިރު ދުވަހު އާސެނަލް އިން ނިއުކާސަލް ޔުނައިޓެޑް އާއި ދެކޮޅަށް އިތުރު މެޗެއް ކުޅޭނެ އެވެ.

މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މި މެޗުގައި ދެ ޓީމުންވެސް ވަނީ ވާދަވެރި ކުޅުމެއް ދައްކާ ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ މެންޗެސްޓަރ ސިޓީ އިންނެވެ. ސިޓީ އަށް މިލަނޑު ކާމިޔާބުކޮށްދީފައިވަނީ މެތިއުސް ނޫނޭޒް ދިން ޕާހަކުން ރަޔާން ޗާރކީ އެވެ.

ނަމަވެސް އޭގެ ދެ މިނިޓު ފަހުން އާސެނަލްގެ ކައި ހަވަޓްޒް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑަކީ ސިޓީގެ ގޯލުކީޕަރު ޖިއާންލުއިޖީ ޑޮންނަރޫމާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އޭނާ ޖަހާފައިވާ ލަނޑެކެވެ.

ޕެޕް ގަޑިއޯލާގެ މެންޗެސްޓަރ ސިޓީ އަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުވެފައިވަނީ މެޗުގެ 65 ވަނަ މިނިޓުގައި އާލިން ހާލަންޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ޕްރިމިއާ ލީގުގައި ފަހަކަށް އައިސް އާސެނަލް އިން ކުޅުނު މެޗުތަކުގައި އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާއިރު ދާދި ފަހުން އަމިއްލަ ދަނޑުގައި ބޯންމަތު އާއި ދެކޮޅަށް ކުޅުނު މެޗުންވެސް އާސެނަލް ވަނީ ބަލިވެފަ އެވެ.