ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުން ދަތުރުކުރަމުން ދިޔަ އީރާނުގެ ތެޔޮ ޓޭންކަރެއް އެމެރިކާއިން އަތުލައިގެންފިއެވެ. މިއީ އީރާނުގެ ތެޔޮ އެކްސްޕޯޓު ދާއިރާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ މި ފަދަ ފުރަތަމަ ފިޔަވަޅެވެ.

އީރާނުގެ ޓޭންކަރު އަތުލައިގެންފައިވާ ކަން އެމެރިކާގެ އަސްކައްރިއްޔާއިން އިޢުލާނުކުރި ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާއާ އީރާނާ ދެމެދު ޤާއިމްކޮށްފައިވާ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް އޭނާ ބޭނުންފުޅުނުވާ ކަމަށް ވިދާޅުވެފައެވެ. ޓްރަމްޕް ވިދާޅުވީ ޞުލްޙައިގެ މަޝްވަރާތައް ކާމިޔާބު ނުވާނަމަ އަލުން ޙަމަލާތައް ދޭން ފެށުމަށް އެމެރިކާގެ އަސްކަރިއްޔާއިން ތައްޔާރަށް އޮތް ކަމަށެވެ.

އީރާނުގެ ތެޔޮ ޓޭންކަރު އެމެރިކާއިން ހިފެހެއްޓުމާއެކު ޞުލްޙައިގެ މަޝްވަރާތަކުގެ ކުރިމަގާމެދު އިތުރު ސުވާލުތައް ވަނީ އުފެދިފައެވެ. އީރާނުގެ އުޅަނދުފަހަރު އެ ޤައުމުން ލަފާފުރުމަށް އެމެރިކާއިން ހުރަސްއަޅަމުންދާތީ ޞުލްޙައިގެ އިތުރު މަޝްވަރާތަކުގައި އީރާނުން ބައިވެރިނުވާނެ ކަމަށް އެ ޤައުމުން މީގެ ކުރިން ވަނީ ބުނެފައެވެ. ނަމަވެސް އެމެރިކާއިން ބުނަމުން ދަނީ ޙަމަލާ ބަދަލުކުރުން ހުއްޓާލާފައިވާ އޮތް މުއްދަތު ހަމަވުމުގެ ކުރިން ޕާކިސްތާނުގައި ޞުލްޙައިގެ މަޝްވަރާތައް ބޭއްވޭނެ ކަމުގެ ޔަޤީންކަން އޮތް ކަމަށެވެ.

އީރާނު ސަރުކާރުގެ ތަރުޖަމާނު، ފާޠިމާ މުހާޖެރާނީ ވިދާޅުވީ އީރާނަށް އަލުން ޙަމަލާތައް އަމާޒުވުމަށް އެ ޤައުމުން ނޭދޭ ކަމަށެވެ. ނަމަވެސް ޙަމަލާއެއް ދީފިނަމަ، އިހުނަށްވުރެ ވަރުގަދައަށް އެ ޙަމަލާތަކުގެ ރައްދު އީރާނުން ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.