މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ފަރަންސޭސިވިލާތުން ކުރަންޖެހޭ ޚަރަދު 6 ބިލިޔަން ޔޫރޯއިން އިތުރުވާނެ ކަމަށް ބެލެވޭތީ، ޤައުމަށް ކުރިމަތިވާ އިޤްތިޞާދީ ދަތިތައް ފޫބެއްދުމަށް ބައެއް ޚަރަދުތައް މަޑުޖައްސައިލާނެ ކަމަށް ފަރަންސޭސިވިލާތުން ބުނެފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު މެދުއިރުމަތީ ހަނގުރާމަ ފެށުނު ފަހުން ހަކަތައިގެ އަގުތައް އުފުލުމާއި ލޯނު ނެގުމަށް ކުރަންޖެހޭ ޚަރަދު ބޮޑުވުމުގެ ސަަބަބުން ފަރަންސޭސިވިލާތުގެ ސަރުކާރުން ހަތަރު ބިލިޔަނާއި ހަ ބިލިޔަން ޔޫރޯއާ ދެމެދުގެ ޢަދަދެއް އިތުރަށް ޚަރަދުކުރަން ޖެހޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. މި ފައިސާގެ ބޮޑު ބައެއް ޚަރަދުކުރަން ޖެހެނީ ލޯނުތަކަށް ދައްކަންޖެހޭ އިންޓަރެސްޓު އިތުރުވުމާ ގުޅިގެންނެވެ. އެ ގޮތުން މި ކަމަކަށް އެ ޤައުމުން ގާތްގަނޑަކަށް 3.6 ބިލިޔަން ޔޫރޯ ޚަރަދުކުރާނެއެވެ.
މި ގެއްލުންތައް ފޫބެއްދުމަށް ފަރަންސޭސިވިލާތުގެ ސަރުކާރުން މިހާރު ވަނީ ސަރުކާރުގެ އެކި ޚަރަދުތަކަށް ބޭނުންކުރުމަށް ކަނޑައަޅާފައިވާ ގާތްގަނޑަކަށް 6 ބިލިޔަން ޔޫރޯ ބޭނުން ނުކޮށް މަޑުޖައްސައިލުމަށް ނިންމާފައެވެ.
ފަރަންސޭސިވިލާތުގެ ބޮޑުވަޒީރު، ސެބަސްޓިޔަން ލުކޯނޫގެ ސަރުކާރުން ދަނީ ރައްޔިތުނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތަފާތު ގޮތްގޮތުން މަސައްކަތްކުރަމުންނެވެ. އިދިކޮޅު ޕާޓީތަކުން ދަނީ އެ ޤައުމުގައި ތެލުން ނަގާ 20 އިންސައްތައިގެ ޓެކްސް ކަނޑައިލުމަށް ސަރުކާރަށް ބާރުއަޅަމުންނެވެ. އަދި ހަކަތައިގެ އަގުތައް ވަކި މިނެއްގައި ހިފެހެއްޓުމަށް ވެސް ދަނީ ގޮވައިލަމުންނެވެ.
ހަނގުރާމައިގެ ސަބަބުން ފްރާންސަށް މާލީގޮތުން ބުރަތަކެއް!
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed