ޖުޑީޝަލް ސާވިސް ކޮމިޝަނަށްވުރެ، ޖުޑިޝަލް ކައުންސިލްގެ ދަށުން ޝަރުޢީ ދާއިރާގެ އިދާރީ ކަންކަން ބެލެހެއްޓުމަކީ ފައިދާބޮޑުކަމެއްކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް އަދި މާފުށި ދާއިރާގެ މެންބަރު ޙުސައިން ރިޟާ އާދަމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ކޮމާކޯޅި" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ކުރީގެ ރައީސް ހުސައިން ރިޒާ އާދަމް ވިދާޅުވީ، ޝަރުޢީ ދާއިރާއަކީ އެހެން ދާއިރާތަކާއި، އިދާރީ އެހެން އޮފީސްތަކާ ޚިލާފަށް ވަރަށް ތަފާތު މަސައްކަތްތަކެއް ކުރާ ދާއިރާއެއްކަމަށެވެ. އެހެންކަމުން އެދާއިރާއަށް ބޭނުންވާ ކަންތައްތައް ރަނގަޅަށް ކަނޑައެޅިގެންދާނީ ފަނޑިޔާރުންގެ ބައިވެރިވުން ހިމެނިގެންކަމަށް ރިޒާ ވިދާޅުވިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުގެ ތެރެއިން ގިނައީ ޝަރުޢީ ދާއިރާގެ ބޭފުޅުން ނޫންކަން ފާހަގަކުރައްވައި ރިޒާ ވިދާޅުވީ، ޝަރުޢީ ދާއިރާގެ އިދާރީ ކަންކަން ޖުޑިޝަލް ކައުންސިލްގެ ދަށުން ބަލަހައްޓާނަމަ އޭގެ ފައިދާ މާ ބޮޑުވާނެކަމަށެވެ.

"ޝަރުޢީ ދާއިރާ ޖުޑީޝަލް ކައުންސިލްގެ ދަށަށް ގޮއްސިއްޔާ އެތަނުގަ ތިއްބަވާނީ ހުސް ޝަރުޢީ ދާއިރާގެ ބޭފުޅުން. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އިސް ފަނޑިޔާރުންގެ އިތުރަށް އުއްތަމަ ފަނޑިޔާރުގެ އިތުރަށް އެކި ކޯޓުތަކުން ނެގޭ ފަނޑިޔާރުންނާއި، މެޖިސްޓެރޭޓްކޯތުތައް ތަމްސީލުކުރާ ފަނޑިޔާރުން ތިއްބެވީމަ އޭގެ ހެޔޮ ފައިދާ މާ ބޮޑުވާނެ". ހުސައިން ރިޒާ އާދަމް ވިދާޅުވިއެވެ.

ހުސައިން ރިޒާ ވިދާޅުވީ، ޖުޑީޝަލް ކައުންސިލް އުފެދިގެންދާއިރު އިދާރީ ކަންކަން އިންތިޒާމްކުރުމަށާއި، ސިޔާސަތުތައް ކަނޑައަޅާ ކޯޓުތައް ހަރުދަނާކުރުމުގެ ކަންކަން އެންމެ ރަނގަޅަށް ކުރިއަށްދާނީ ޖުޑިޝަލް ކައުންސިލް އުފެދިގެންކަމަށް ޤަބޫލުކުރައްވާކަމަށެވެ.

"ޖުޑީޝަލް ކައުންސިލް އުފެދިގެންދާއިރު އިދާރީ ކަންކަން އިންތިޒާމްކުރުމަށް، ދެން އެބޭފުޅުންގެ ދައުރަކީ ސިޔާސަތުތައް ކަނޑައަޅާ ކޯޓުތައް ހަރުދަނާކުރުމުގެ ކަންތައްތައް. އެކަން އެގޮތުގަ އެންމެ ރަނގަޅަށް ކުރިއަށްދާނީ ކައުންސިލް އުފެދިގެން" ހުސައިން ރިޒާ އާދަމް ވިދާޅުވިއެވެ.

"ކޯޓުތަކުގެ ހިންގުން ޖުޑީޝަލް ކައުންސިލާއި ހަވާލުކުރުމުން ނަތީޖާ ރަނގަޅުވާނެ"
"ކޯޓުތަކުގެ ހިންގުން ޖުޑީޝަލް ކައުންސިލާއި ހަވާލުކުރުމުން ނަތީޖާ ރަނގަޅުވާނެ"

ޖުޑީޝަލް ސާވިސް ކޮމިޝަން މިހާރު އެކުލެވިފައި އޮންނަ ގޮތުން ރައްޔިތުންގެ މަޖިލީހާއި ސަރުކާރު އޮންނަ ބަޔަކަށް އެކޮމިޝަނަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު އޮވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހުށަހެޅުމަކީ އެ ނުފޫޒުން އެއްކިބާވުމަށް ޖުޑީޝަލް ކައުންސިލް އެކުލަވާލާ އުއްތަމަ ފަންޑިޔާރު ހިމެނޭހެން ޑީޖޭއޭ އަކީ އެކައުންސިލަށް ޖަވާބުދާރީވާނެ ތަނަކަށް ހެދުމެވެ. މި ބަދަލާއެކު ސަރުކާރުގެ އުއްމީދަކީ ޝަރުޢީ ދައިރާގެ މިނިވަންކަން ކަށަވަރުކުރުމެވެ.