މި ފަހުން ވިޒޓް މޯލްޑިވްސަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިދިޔަ އަހަރުކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ގެ އަހަރީ އާންމު ޖަލްސާ ބާއްވައި، 2025 ވަނަ އަހަރަކީ ފާއިތުވި އަށް އަހަރުގެ ތެރޭގައި ކުންފުންޏަށް މާލީ ގޮތުން އެންމެ ބޮޑު ކުރިއެރުމެއް ލިބުނު އަހަރުގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ. އަންގާރަ ދުވަހު މީރުމާ ހޯލުގައި ބޭއްވި ޖަލްސާގައި ކުންފުނީގެ ހިއްސާދާރުން ވަނީ 2025ގެ އަހަރީ ރިޕޯޓާއި، އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް ދިރާސާކޮށް ފާސްކޮށްފައެވެ.
2025 ވަނަ އަހަރު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް ސެލްފް ޖެނެރޭޓެޑް އިންކަމްގެ ގޮތުގައި 32.54 މިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މި އާމްދަނީ ހޯދާފައި ވަނީ މެންބަރޝިޕް ފީ، ބައިނަލްއަގުވާމީ ފެއަރ އަދި ރޯޑްޝޯތަކުގެ އިތުރުން ޕަބްލިކޭޝަންތަކާއި ކުންފުނީގެ މަންފާއަށް ކުރެވުނު އެެހެނިހެން މަސައްކަތްތަކުންންނެވެ.
ފާއިތުވި އަހަރަކީ ފަތުރުވެރިކަން ކުރިއެރުވުމާއި، ކުންފުނީގެ ހިންގުން ހަރުދަނާކުރުމާއި، ބައިނަލްއަގުވާމީ މާކެޓިންގ ހަރަކާތްތައް ފުޅާކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލްކުރި އަހަރެކެވެ. ފާއިތުވި އަހަރުގެ 2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ މި ލަނޑުދަނޑިއަށް އެންމެ އަވަހަށް ވާސިލުވެވުނު އަހަރެވެ. ޓޫރިޒަމް ރިސީޓްސް ނުވަތަ ފަތުރުވެރިކަމުން ލިބުނު ޖުމްލަ އާމްދަނީގެގޮތުގައި 5.57 ބިލިޔަން އެމެރިކާ ޑޮލަރު ލިބިފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 16.4 އިންސައްތަ އިތުރު އަދަދެކެވެ.
މި ކާމިޔާބީގައި ފަތުރުވެރިކަމުގެ މުހިންމު މާކެޓުތަކަށް އަމާޒުކޮށްގެން ރާއްޖެ އިޝްތިހާރުކުރުމަށް ހިންގުނު އެކި ހަރަކާތްތަކާއި، މަންފާކުރަނިވި ޕާޓްނާޝިޕްތަކާއި، މީޑިއާ އަދި ޑިޖިޓަލް ވަސީލްތްތައް ބޭނުންކޮށްގެން ހިންގުނު އެކި ޕްރޮމޯޝަނަލް ހަރަކާތްތައް ބޮޑު ހިއްސާއެއް އަދާކޮށްފައިވާ ކަމަށެވެ.
އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ބޯޑް އޮފް ޑިރެކްޓަރުންގެ ޗެއަރޕަރސަން އަބްދުއްﷲ ޣިޔާޒް ވިދާޅުވީ، 2025 ވަނަ އަހަރުގެ ކާމިޔާބީއަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެހާ ފަރާތްތަކުން ގުޅުގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.
"2025 ވަނަ އަހަރުގެ ކާމިޔާބީތަކުން ހާމަވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވަރުގަދަކަމާއ،ި ސަރުކާރުގެ އިދާރާތަކާއ،ި ސިނާއަތުގެ ބައިވެރިން އަދި ބައިނަލްއަގުވާމީ ޕާޓްނަރުންނާ ދެމެދު އޮތް ބަދަހި ގުޅުމުގެ އަގުހުރިކަނ.ް ކުންފުނީގެ މާލީ ނަތީޖާ ރަނގަޅުވުމަކީ ވިޔަފާރީގެ ގޮތުން ލިބުނު ކުރިއެރުމެއް ނަމަވެސ،ް އަޅުގަނޑުމެންގެ އެންމެ ބޮޑު ކާމިޔާބީއަކީ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ރާއްޖެ ދަމަހައްޓައ،ި ގައުމުގެ އިގްތިސާދަށް އޭގެ މަންފާ ހޯދައިދިނުނ،ް" ޣިޔާޒް ވިދާޅުވިއެވެ.


ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ގެ އަހަރީ އާންމު ޖަލްސާ، ފޮޓޯ: ވިޒިޓް މޯލްޑިވްސް
މި ޖަލްސާގައި ކުންފުނީގެ ހިންގުމަށް ގެނެވުނު މުހިންމު ބަދަލުތަކަށްވެސް އަލިއަޅުވާލާފައިވެއެވ.ެ އެގޮތުން މިދިޔަ އަހަރުގެ ޖުލައިމަހު، ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 19/202 ގެ ދަށުން "މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް"ގެ ނަން "ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން"އަށް ބަދަލުކޮށްފައެވެ. ފާއިތުވި އަހަރު ބޯޑުގެ 30 ބައްދަލުވުން ބާއްވައި، 70 ބޯޑު ރިޒޮލިއުޝަން 59 ސާކިއުލާ ރިޒޮލިއުޝަން ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން، ކުންފުނީގެ ނަން ބަދަލުކުރުމަށާއި ބޯޑުގެ މެންބަރުންގެ އަދަދު ހަތަކުން ނުވަޔަކަށް އިތުރުކުރުމަށް ޚާއްސަ ދެ އާންމު ޖަލްސާއެއް ބާއްވާފައިވެއެވެ.
ބައިނަލްއަގުވާމީ މައިދާނުގައި 2025 ވަނަ އަހަރު ރާއްޖެއިން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑު "ވޯލްޑް ޓްރެވަލް އެވޯޑްސް" ގައި ވިދިވިދިގެން ހަވަނަ އަހަރު "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން" ގެ ލަގަބު އަދި ވިދިވިދިގެން ދެވަނަ އަހަރު "ވޯލްޑް ލީޑިންގ ގްރީން ޑެސްޓިނޭޝަން" ގެ އެވޯޑު ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ.
2025 ވަނަ އަހަރު ކުންފނިން މާކެޓިންގ ހަރަކާތްތަކުގެ ތެރޭގައި، 46 ޑެސްޓިނޭޝަން ކެމްޕޭން، 27 ކޮލަބްރޭޝަން ހަރަކާތް، 16 ބައިނަލްއަގުވާމީ ފެއަރ، 14 ފެމިލިއަރައިޒޭޝަން ޓްރިޕް، އަދި ޕަބްލިކް ރިލޭޝަންސްގެ 27 ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވެއެވެ.