ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް ޔަހޫދީ ވަޒަންވެރިންދޭ ޙަމަލާތަކުގައި ޔަހޫދީ އިދާރާތަކުން ބައިވެރިވާ ކަމަށް އދން ބުނެފިއެވެ.
ޔަހޫދީ ވަޒަންވެރިންގެ ޙަމަލާތަކުގައި ހުޅަނގު އައްސޭރީގައި ގިނަ ޢަދަދެއްގެ މީހުން ޝަހީދުވެފައި އަދި ޒަޚަމްވެފައިވެއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުން ގެދޮރު ދޫކޮށް ދިއުމަށް ވެސް އެ މީހުން މަޖުބޫރުކުރުވައެވެ.
އދގެ ކޮމިޝަން އޮފް އިންކުއަރީ އޮން ދަ އޮކިއުޕައިޑް ޕަލަސްޠީނިއަން ޓެރިޓޮރީއިން ތައްޔާރުކުރި ރިޕޯޓުގައި ފަލަސްްޠީނުގެ ރައްޔިތުންނަށް ޙަމަލާދޭ ވަޒަންވެރިންނަށް ޔަހޫދީ ސަލާމަތީ ބާރުތަކުން ހިމާޔަތްދޭ ކަމަށް ބުނެފައިވެއެވެ. އެ ރިޕޯޓުގައި ބުނީ ޔަހޫދީ އިދާރާތަކުން ވަޒަންވެރިންދޭ ޙާމަާތަކަށް އަސްކަރީ ވާގިވެރިކަންދީ، މާލީ ގޮތުން ވެސް އެހީތެރިކަން ޔަހޫދީ އިދާރާތަކުން ދޭ ކަމަށެވެ. ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޙަމަލާތައް ދޭ މީހުންނަށް އިދާރާތަކުން ޤާނޫނީ ގޮތުން ރައްކާތެރިކަން ދޭ ކަމަށް ވެސް ބުނެފައިވެއެވެ. އެ މީހުންނަށް އަދަބު ދެނީ މަދު ފަހަރެއްގައި ކަމަށް ފާހަގަކޮށްފައިވެއެވެ.
ރިޕޯޓުގައި އިތުރަށް ބުނީ ފަލަސްޠީނުގެ އަވަށްތަކާއި ދަނޑުވެރި ބިންތަކަށް ވަޒަންވެރިންދޭ ޙަމަލާތައް 2023ވަނަ އަހަރުގެ ފަހުން 130 އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވަޒަންވެރިންގެ ބޮޑެތި ބައިގަނޑުތަކުން މޫނު ފޮރުވައިގެން ދޭ ޙަމަލާތައް ހިމެނޭ ކަމަށް ބުނެފައިވެއެވެ. ޙަމަލާތައް ދިނުމަށް ފަލަސްޠީނުގެ އަވަށްތަކަށް ވަޒަންވެރިން ދާއިރު އެ މީހުންނާއެކު އެ މީހުންގެ ހިމާޔަތުަގައި ޔަހޫދީ އަސްކަރީ ބާރުތަކުން ދާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
1967ވަނަ އަހަރު ޔަހޫދީން ފޭރިގަތް ފަލަސްޠީނުގެ ބިންތަކުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންގެ ތެރޭގައި އެތައް ހާސް ޔަހޫދީން ދިރިއުޅެއެވެ. ޔަހޫދީންގެ މި ފަދަ އަވަށްތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ޤާއިމްކޮށްފައިވާ އަވަށްތަކެއް ކަމަށް ގިނަ ޤައުމުތަކުން ދެކެއެވެ. 2024ވަނަ އަހަރުގެ ތެރޭގައި އދގެ އެންމެ މަތީ ކޯޓުން ވެސް ވަނީ އެއީ ޤާނޫނާ ޚިލާފަށް ޤާއިމްކޮށްފައިވާ އަވަށްތަކެއް ކަމަށް ބުނެފައެވެ.
އދން ބުނީ މިދިޔަ އަހަރުގެ ތެރޭގައި ވަޒަންވެރިން ދިން ޙަމަލާތަކުގައި ފަލަސްޠީނުގެ 7 ރައްޔިތުން ޝަހީދުވެފައިވާ ކަމަށާއި 832 މީހުންނަށް ޒަޚަމްވެފައިވާ ކަމަށެވެ. މި އަހަރު ވެސް މި ފަދަ ގިނަ ޙަމަލާތަކެއް ފަލަސްޠީނުގެ ރައްޔިތުންނަށް ދީފައިވެއެވެ. ކޮންމެ ދުވަހަކު ހެން މި ފަދަ ޙަމަލާއެއް ޔަހޫދީ ވަޒަންވެރިން ފަލަސްޠީނުގެ ރައްޔިތުންނަށް ދެއެވެ.
އދން ނެރުނު ރިޕޯޓުގައި ބުނީ ވަޒަންވެރިން ދޭ ޙަމަލާތަކުގައި ޔަހޫދީ ސަލާމަތީ ބާރުތަކުން ބައިވެރިވާ މިންވަރު އިތުރުވުމުގެ ސަބަބުން ސިފައިންނާއި ވަޒަންވެރިން ވަކިކުރަން ނޭނގޭ މިންވަރަށް ވަޒަންވެރިންނަށް ބާރުތައް ލިބެމުންދާ ކަމަށެެވެ. ޔަހޫދީ ދައުލަތުން އެ ފަދަ ޙަމަލާތައް ބޭނުން ކުރަމުންދަނީ ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތުގެ އުސޫލުތައް ކުރިއެރުވުމަށް ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ކޮމިޝަނުން އިތުރަށް ބުނީ ފަލަސްޠީނުގެ އަންހެނުންނާ ދެކޮޅަށް ވަޒަންވެރިން ޖިންސީ އަނިޔާ ދޭ ކަމަށެވެ. ނުވަތަ އެ ފަދަ އަނިޔާތައް ދޭނެ ކަމުގެ އިންޒާރު ދޭ ކަމަށެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް ތަކުރާރުކޮށް ދެމުންދާ ޙަމަލާތައް ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ކޮމިޝަންގެ އިސްވެރިޔާ އެސް މުރާލިދަރު ވިދާޅުވެފައިވެއެވެ.
ފަލަސްޠީނުގެ ރައްޔިތުންނަށް ޙަމަލާ ދިނުމަށް ޔަހޫދީ ސިފައިން ޢާންމުންނަށް އެހީތެރިވޭ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed