ޖަޕާނާއި ރާއްޖޭގެ ދިފާޢީ ގުޅުން އެހެން ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ޖަޕާނުގެ ދިފާޢީ ވުޒާރާ ސްޓޭޓް މިނިސްޓަރ މަސަހިސާ މިޔަޒާކީ ވިދާޅުވެއްޖެއެވެ.

ޖަޕާނުގެ ދިފާޢީ ވުޒާރާ ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު މަހުލޫފް އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިޚްތިރާމުގެ ޒިޔާރަތާއި ގުޅިގެންނެވެ. މި ބައްދަލުވުމުގައި ދިފާޢީ ދާޢިރާއިން ގުޅުން ބަދަހި ކުރުމާއި ގުޅޭ މަޝްވަރާތައް ވަނީ ކުރައްވާފައެވެ.

މި ބައްދަލުވުމަށް ފަހު މީސްމީޑިއާގައި ސްޓޭޓް މިނިސްޓަރ މިޔަޒާކީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިމާވާ ހާލަތްތަކުގައި ޖަޕާނުގެ އަސްކަރިއްޔާގެ މަތިންދާބޯޓުތައް ތައްޔާރީ ހާލަތުގައި ބޭއްވުމަށް ދިވެހިރާއްޖެއިން ދީފައިވާ އެއްބާރުލުން ފާހަގަކުރާ ކަމަށެވެ. އަދި ޖަޕާނާއި ދިވެހިރާއްޖެއަށްވެސް ފައިދާކުރަނިވި ގޮތެއްގައި ދިފާޢީ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ބަދަހިކުރާނެކަން ފާހަގަކޮށް މިއީ އެކަމުގެ ފެށުން ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއާއި ޖަޕާނުގެ ދިފާއީ ގުޅުން އެހެން ހަރުފަތަކަށް
ރާއްޖެއާއި ޖަޕާނުގެ ދިފާއީ ގުޅުން އެހެން ހަރުފަތަކަށް

މި ބައްދަލުވުމަށް ފަހު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ގުޅޭގޮތުން ސަފީރު މަހްލޫފް ވިދާޅުވީ، ނަތީޖާނެރުވޭ ފަދަ މަޝްވަރާތަކެއް ދިފާޢީ ދާއިރާއިން ކުރިއަށް ގެންދެވުނު ކަމަށެވެ. އަދި ގުޅުން ބަދަހިކުރުމާއި ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވޭ ޚިޔާލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ސަފީރު ވިދާޅުވިއެވެ.

ސަފީރު މަޙްލޫފް ވިދާޅުވީ، ޖަޕާނަކީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި، ކުއްލި ޙާލަތްތަކަށް ތައްޔާރުވުމާއި، އަދި ކާރިސާތައް މެނޭޖުކުރުމުގެ ދާއިރާއިން ދިވެހިރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައިވާ، ރާއްޖެއިން ބަލައިގަންނަ މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭއިރު، ދެފަރާތުގެ މެދުގައި އޮތް އެއްބާރުލުމާއި، އިތުބާރާއި، އަދި އެކުވެރިކަން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ސަފީރު މަހުލޫފް ވިދާޅުވިއެވެ.

ދިވެހިރާއްޖެއާ ޖަޕާނާ ދެ ޤައުމު ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބާ އަންނަ އަހަރު ފާހަގަކުރެވިގެންދާނެކަން ޚާރިޖީ ވުޒާރާއިންވަނީ ހާމަކުރައްވާފައެވެ.