ވިޔަފާރީގެ ދާއިރާ ހިމެނޭހެން މުހިންމު ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް ދިވެހިރާއްޖެއާއި އޮސްޓްރޭލިޔާއާ ދެމެދު މަޝްވަރާކޮށްފިއެވެ.
މި މަޝްވާރާތައް ކުރިއަށްދިޔައީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބައިވެރިވެވަޑައިގަތުމަށް އޮސްޓްރޭލިއާ ސްޕެޝަލް އެންވޯއީ އޮފް ދަ އިންޑިއަން އޯޝަންގެ ހާއްސަ މަންދޫބު، ޓިމް ވަޓްސް ރާއްޖެ ވަޑައިގެން ހާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އަރިހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެއެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި އޮސްޓްރޭލިޔާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ. މީގެ ތެރޭގައި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި މޫސުމީ ބަދަލުތަކަށް ތައްޔާރުވުން އިތުރުކުރުމާއި ތައުލީމީ ދާއިރާ ހިމެނެއެވެ.
🌍 It was a pleasure to meet the Australia’s Special Envoy for the Indian Ocean, MP@TimWattsMPwho joined the celebrations of the 61st Independence Day of the Republic of Maldives as a special guest of the government of the Maldives.
During our bilateral
meeting today, we…pic.twitter.com/rl0KDbqHK5— Iruthisham Adam ( Iru) (@IruthishamAdam)July 27, 2026
މި ބައްދަލުވުމުގައި ވިޔަފާރިއާ ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްވެސް ވަނީ މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގެ ތެރެއިން ވަޒީރު އިރުތިޝާމް ވަނީ އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް މެދުނުކެނޑި ފޯރުކޮށްދެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ޝުކުރު އަދާކޮށްފައެވެ. އަދި އުންމީދަކީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ގައުމުންވެސް އިސްކަންދޭ މުހިންމު ކަންކަން ހާސިލުކުރުމަށް އެކުގައި ކުރިއަށްދިއުމަށްކަމަށްވެސް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވިއެވެ.
ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާއިރު މި އަހަރުގެ ޖޫންމަހުގެ ތެރޭގައި އޮސްޓްރޭލިޔާ ސަރުކާރުގެ ހިލޭއެހީގެ ގޮތުގައި ދިވެހިރާއްޖެއަށް ނޭވީ މަނަވަރެއް ވަނީ ހަދިޔާކޮށްފައެވެ. އަދި ކަނޑު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ފަހުމުނަމާއެއްގައި ރާއްޖެއާއި އޮސްޓްރޭލިޔާއާ ދެމެދު މި އަހަރުގެ މެއިމަހުގެ ތެރޭގައި ވަނީ ސޮއިކޮށްފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމާއި އަދި ވިޔަފާރީގެ ދާއިރާއަށް ކުރިއެރުން ހޯދުމުގެ ގޮތުން މިއަހަރުވަނީ ރާއްޖެއާއި އޮސްޓްރޭލިޔާއާ ދެމެދު ސީދާ ދަތުރުތައް ފަށާފައެވެ. މޯލްޑިވިއަނުން އޮސްޓްރޭލިޔާއާއި ރާއްޖެއާ ދެމެދު ފެށި ދަތުރުތަކަކީ ތާރީޚުގައި ފުރަތަމަ ފަހަރަށް 2 ޤައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށި ފަހަރެވެ. މީގެއިތުރުންވެސް ރާއްޖެއާއި އޮސްޓްރޭލިޔާއާދެމެދު މުހިންމު ގިނަ ދާއިރާތަކަކުން ދަނީ ގުޅުން ބަދަހި ކުރަމުންނެއެވެ.