ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދެމުން އަންނަ ސީ-ޓު-އެއާ ކާގޯ ޚިދުމަތް ފުޅާކޮށް ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ވައިގެ މަގުން އެހެން މަންޒިލްތަކަށް ފޮނުވައި ދިނުމުގެ ޚިދުމަތް ފަށައިފިއެވެ.
ސީ-ޓު-އެއާ ކާގޯ ޚިދުމަތް ފުޅާކުރިއިރު، ކެމްބޯޑިއާއަކީ މި ޚިދުމަތުގެ ތެރެއިން މުދާ ގެންނަން ފެށި 4 ވަނަ ޤައުމެވެ.
އެމްއޭސީއެލްއިން ވިދާޅުވީ، ކެމްބޯޑިއާއިން ރާއްޖެ ގެނައި ފުރަތަމަ ޝިޕްމެންޓް ވައިގެ މަގުން މިހާރު ފޮނުވާލާފައިވާ ކަމަށެވެ. ވައިގެ މަގުން ފުރަތަމަ ޝިޕްމެންޓް ފޮނުވާލާފައިވަނީ ޤަތަރު އެއަރވޭސް އިންނެވެ. ކެމްބޯޑިއާއިން ގެނައި މުދާ ވައިގެ މަގުން ފޮނުވާލާފައިވަނީ ސީއީއެފް ލޮޖިސްޓިކްސް މެދުވެރިކޮށެވެ.
ކެމްބޯޑިއާއިން ރާއްޖެއަށް އަދި ރާއްޖެއިން ވިލާތުގެ މަންޒިލްތަކަށް ވައިގެ މަގުން މުދާ އުފާލަމުންދާއިރު، މިއީ އޭޝިއާ ބައްރާއި ވިލާތު ގުޅުވާލުމަށް ރާއްޖެއިން އަދާކުރަމުންދާ ދައުރުގެ ތެރެއިން ހާސިލްވި މުހިންމު ލަނޑުދަނޑިއެއް ކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ.
Velana International Airport has successfully handled its first-ever Sea-to-Air transshipment cargo from Cambodia, marking the expansion of MLE’s Sea-to-Air connectivity into Southeast Asia.
In collaboration with@qatarairwayscoordinated by CEF Logistics , this milestone…pic.twitter.com/FDo8r4CqSw— Velana Airport (@VelanaAirport)July 28, 2026
ސީ-ޓު-އެއާ ކާގޯ ޚިދުމަތަށް މުދާ ގެންނަ މަންޒިލްތައް
1. އިންޑިއާ
2. ސްރީލަންކާ
3. ބަންގްލަދޭޝް
4. ކެމްބޯޑިއާ
ސީ-ޓު-އެއާ ކާގޯ ޚިދުމަތް ފުޅާވެގެން އައިސްފައިވާއިރު، މިދިޔަ މަހު މި ޚިދުމަތް މެދުވެރިކޮށް 335 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވާކަމަށް އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ސީ-ޓު-އެއާ ކާގޯގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް ގުޅިގެން ފަށާފައިވަނީ 2024 ވަނަ އަހަރުގެ މޭއިމަހުގެ ތެރޭގައެވެ.
ސީ-ޓު-އެއާ ކާގޯ ޚިދުމަތަކީ، ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން ދެމުން އަންނަ އަދި މި މަސައްކަތުން އެޤައުމުތަކުގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ލިބޭ ޚިދުމަތެކެވެ. ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއާލައިންތަކަކުން ދަތުރުކުރާއިރު، މި ޚިދުމަތް ފުޅާކުރުމުގައި ރާއްޖެއަށް އޮތް ފުރުޞަތު ބޮޑު ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.