ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގައި އެ މަގު ފެހިކުރުމަށް އިތުރު ރުއް އިންދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެމްޓީސީސީން ވިދާޅުވީ، ބޮޑުތަކުރުފާނުމަގު ފެހިކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަގު ތަރައްޤީ ކޮށްފައިވާ ސަރަޙައްދުގައި އިތުރަށް ރުއް އިންދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ބޮޑުތަކުރުފާނުމަގު ފުޅާކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގައި އެ މަގު ފެހިކުރުމަށް ޚާއްސަ ޕްލޭނެއް އެކުލަވާލާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

އެގޮތުން މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެ ސަރަހައްދުގައި އަލަށް ތަރައްޤީ ކޮށްފައިވާ ޕާކިން ޒޯނު ސަރަހައްދުގައިވެސް ގަސް އިންދުމުގެ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެމްޓީސީސީން ވިދާޅުވީ، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މާލެ ނޯތު ހާބަރާ ހަމައަށް މިހާތަނަށް 3,100 އަށްވުރެ ގިނަ ގަސް އިންދާފައިވާ ކަމަށެވެ.

މިއީ، ޤައުމީ ވަންތަކަމާއި ތިމާވެށީގެ އިސްނެގުމުގެ ދަށުން ފެހި، ދެމެހެއްޓެނިވި އާބަން މާހައުލެއް ގާއިމްކުރުމަށް ކުރާ މަސައްކަތެކެވެ. ބޭރުމަގުގައި ގަސް އިންދުމުގެ މަސައްކަތް ކުރަމުން އަންނައިރު ސަރުކާރުން އަންނަނީ، 5 މިލިޔަން ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވެސް ގަސް އިންދަމުންނެވެ.