މާފަރު އިންޓަނޭޝަނަލް އެއަރޕޯޓު އިތުރަށް ތަރައްޤީ ކުރުމުގެ ޕްލޭންތައް އެކުލަވާލުމަށް އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކޮށްފައިވަނީ، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން، އަބޫދާބީ ފަންޑުގެ ވަފުދަކާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މާފަރު އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭންތަކާއި މަސައްކަތްތަކާމެދު އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.
2019 ވަނަ އަހަރު ހުޅުވި މާފަރު އިންޓަނޭޝަނަލް އެއަރޕޯޓަކީ، އަބޫދާބީ ފަންޑުގެ އެހީތެރިކަމާއެކު ތަރައްޤީކޮށްފައިވާ އެއަރޕޯޓެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މި އެއަރޕޯޓު އިތުރަށް ތަރައްޤީ ކުރުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ގިނަ މަސައްކަތްތަކެއް ކޮށް ނިމި، އަދި މިހާރުވެސް ކުރަމުންދާ ކަމަށެވެ.
Pleased to meet with@ABUDHABI_FUNDto discuss the next phase of development for Maafaru International Airport.
Built with the valued support of ADFD and opened in 2019, Maafaru has continued to grow under the vision of H.E. President Dr.@MMuizzuFollowing the extension of its…pic.twitter.com/TXSAoRgkz0— Mohamed Ameen (@ameen3d)August 4, 2026
އެގޮތުން މިހާރު ވައިޑް ބޮޑީ ބޯޓުތަކަށް ޖެއްސޭނެ ވަރަށް އެއަރޕޯޓުގެ ރަންވޭ 2850 މީޓަރަށް ފުޅާކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ޗައިނާ ކުންފުންޏަކާ ހަވާލުކޮށްގެން ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތްތައް މިހާރުވެސް ބާރު ސްޕީޑެއްގައި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މާފަރު އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީ ކުރުމުގެ ދަށުން މިހާރު ކުރިއަށްދަނީ، ދެވަނަ ފިޔަވަހީގެ މަސައްކަތްތަކެވެ. މިމަޝްރޫއުގެ ދަށުން 6،238 އަކަފޫޓުގެ ޖާގައިގެ އިމާރާތެއް ތަރައްޤީ ކުރާއިރު، މީގެ ސަބަބުން ޓަރމިނަލްގެ ޖާގަ 12476އަށް އިތުރުވެ، މުޅި ޕެސެންޖަރ ޓަރމިނަލުގެ ޖާގަ ދެގުނަ އިތުރުވާނެއެވެ. އަދި މިހާރު ޓާމިނަލް ތަރައްޤީ ކުރުމުގެ 20 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
އައިލޭންޑް އޭވިއޭޝަން ސަރވިސަސްއިން ހިންގާ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ، އަތޮޅުތަކުގެ އެއަރޕޯޓުތަކުގެ ތެރެއިން އެންމެ ގިނައިން ދަތުރުތައް އޮންނަ އެއަރޕޯޓެވެ. ޕީކް ސީޒަންގައި މާފަރު އެއަރޕޯޓުން 20-25 ދަތުރު ކުރެއެވެ. ނ. އަތޮޅަކީ، ރާއްޖޭގައި ލަގްޒަރީ ރިސޯޓުތައް އެންމެ ގިނަ އަތޮޅަށް ވުމާއެކު، މާފަރު އެއަރޕޯޓަށް ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓު ޖައްސައެވެ.