މަދިރިން ރައްކާ ކެމްޕެއިންގެ ދަށުން އަމާން ދޯދި ސަރަޙައްދު ސާފުކުރުމުގެ ހަރަކާތުގައި 670 ޓަނުގެ ކުނި ނަގައިފިއެވެ.
މަދިރިން ރައްކާ ކެމްޕެއިންގެ ދަށުން ހުޅުމާލެ ސާފުކުރުމުގެ ހަރަކާތް ފެށީ، މިމަހުގެ 1ވަނަ ދުވަހުއެވެ. އަދި އިއްޔެ ވަނީ، އަމާން އުދަރެސްއާއި އަމާން ދޯދި ހިމެނޭ ސަރަޙައްދުގައި ޖަމާކޮށްފައި ހުރި ކުނިތައް ނެގުމުގެ މަސައްކަތް ފަށާފައެވެ.
މިއީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ފުލުހުންގެ ޚިދުމަތް، ވެމްކޯ އަދި މޯޕާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން އެފްޑީސީން ވިދާޅުވީ، މި ހަރަކާތުގެ ދަށުން މިހާތަނަށް 670 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ. މި އަދަދަށް ކުނި ނަގާފައިވަނީ، އަމާން ދޯދި 9އިން ފެށިގެން 11ވަނަ ޓަވަރާ ހަމައަށް އޮންނަ ސަރަޙައްދުންނެވެ. ކިލޯއިން ބަލާނަމަ އެއީ 6 ލައްކަ ހަތް ހާހަށްވުރެ ބަރު އަދަދެކެވެ.
"މަދިރިން ރައްކާ" ކެމްޕޭނަކީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، ބަލިމަޑުކަމުން ސަލާމަތްވެފައިވާ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ފެށި މުހިންމު ހަރަކާތެކެވެ.
މަދިރިން ރައްކާ ޕްރޮގްރާމުގެ ދަށުން ކޮންމެ ހޮނިހިރު ދުވަހަކު ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ ހަރަކާތްތައް ދަނީ ހިންގަމުންނެވެ.


"މަދިރިން ރައްކާ" ކެމްޕޭނުގެ ދަށުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ "އަމާން އުދަރެސް" ސަރަހައްދު ސާފުކުރުން / ފޮޓޯ: ޕީއެސްއެމްނިއުސް
ހުޅުމާލޭގެ މި ޓަވަރުތަކަށް މީހުން ދިރިއުޅެން ބަދަލުވާން ފެށުމާއެކު، އެ ސަރަޙައްދުގައި ކުނީގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. ބައު ފަރުނީޗަރާއި، ގޭގެއިން ނެރެ އުކާލާ ތަފާތު ސާމާނާއި ކުންޏާއެކު ފްލެޓުތައް ހިމެނޭ އެކި ސަރަޙައްދުތަކުގައި ބޮޑެތި ކުނި ފުނިތައް ވަނީ އުފެދިފައެވެ.
އެފްޑީސީން ވިދާޅުވީ އެ ސަރަޙައްދު ސާފުކުރުމަށްފަހު، ކެމެރާ ސިސްޓަމް މެދުވެރިކޮށް މުޅި ސަރަޙައްދު ބަލަހައްޓާނެ ކަމަށާއި، މިގޮތަށް ކުނި އަޅާ މީހުންނާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
ހުޅުމާލެއަކީ، ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އަމާން ދޯދި އަދި އަމާން އުދަރެސް ސަރަޙައްދުގެ ލޭންޑް ސްކޭޕިން ހަދާ، ހިތްފަސޭހަ މާޙައުލަކަށް ބަދަލު ކުރުމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ.
ހިޔާ ސަރަހައްދުގައި ތަރައްޤީ ކޮށްފައިވާ މައިޒާންތަކާ އެއްފަދައިން، އެސަރަހައްދުގައިވެސް ކުޑަކުދިންނަށް ކުޅިވަރު ކުޅެވޭނެ އިންތިޒާމުތަކާއި، އާންމުންނަށް އިށީނދެލައިގެން ތިބެވޭނެ ފަދަ ހިތްގައިމު ބަގީޗާތަކާއި މައިޒާންތައް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަދި އެ ސަރަޙައްދު ސާފުކޮށް ނިމުމާއެކު ފެހިކުރުމުގެ މަސައްކަތްވެސް އެފްޑީސީއާއި އެޗްޑީސީ ގުޅިގެން ކުރިއަށް ގެންދާނެއެވެ.