ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި އޮލިމްޕިކް ލިއޯން ކުޅުނު ފުރަތަމަ މެޗުގައި 8 ލަނޑު ކާމިޔާބުކޮށްފިއެވެ.
ރަށުން ބޭރުގައި ސަރވެޓް އާއި ބައްދަލުކުރި މެޗުގައި ލިއޯން ޓީމުންވަނީ މެޗުގެ ބޮޑުބައި ކޮންޓްރޯލް ކުރުމުގެ އިތުރުން ގިނަ ހަމަލާ ތަކެއްވެސް އުފައްދާފައެވެ. މިމެޗުގެ 78.3 އިން ސައްތަ ޕޮޒެޝަން އެޓީމުން ހިފަހައްޓާފައިވާއިރު 31 ހަމަލާ އުފައްދާފައިވެއެވެ. މިމެޗުގައި ސަރވެޓް އަށް އުފެއްދިފައިވަނީ އެންމެ ހަމަލާއެކެވެ. މިމެޗުގައި ލިއޯންގެ މާރީ އެންޓޮއިނެޓު ކަޓޯޓޯވަނީ ހެޓްރިކެއް ހަދައިފައެވެ.
ލިއޯންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެޓީމުން ކާމިޔާބު ކުރި ފުރަތަމަ ލަނޑަކީ މެޗުގެ 8 ވަނަ މިނެޓުގައި ސަރވެޓްގެ ލައިއާ ބަލެސްޓޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިމެޗުގައި ލިއޯންގެ ދެވަނަ ލަނޑު ޖަހާ އެޓީމުގެ ލީޑު ފުޅާކޮށްދިނީ 28 ވަނަ މިނެޓުގައި ކަޓޯޓޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ 40 ވަނަ މިނެޓުގައި ކަޓޯޓޯވަނީ މިމެޗުގައި އޭނާގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ.
މިމެޗުގައި ލިއޯންގެ 4 ވަނަ ލަނޑު ޖަހައިދިނީ މެލްޗީ ޑުމޯނޭއެވެ. އަދި ކަޓޯޓޯ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށިތާ 2 ވަނަ މިނެޓުގައި ކާމިޔާބު ކުރި ލަނޑުންނެވެ. މިމެޗުގައި ލިއޯންގެ 6 ވަނަ ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި ޑުމޯނޭ ކާމިޔާބު ކޮށްދިން އިރު އެޓީމުގެ 7 ވަނަ ލަނޑަކީ އަނެއްކާވެސް ސަރވެޓްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. 68 ވަނަ މިނެޓުގައި މިލަނޑު ސަރވެޓްގެ ގޯލަށް ވަދެފައިވަނީ އެޓީމުގެ މަގްޑަލޭނާ ސޮބާލް އަތުން ނެވެ. އަދި ލިއޯންގެ ފަހު ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ އިނޭސް ބެންޔާހިއާއެވެ.
މިކާމިޔާބީ އާއެކު ލިއޯންގެ އަންހެން ޓީމުގެ ފެށުން ރަނގަޅު ކޮށްފައިވާއިރު މިމުބާރާތުގައި ޗެލްސީ ވިމެން އާއި އޮސްޓްރިއާ ވިއެން ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ޗެލްސީޢެވެ. މިމެޗުގައި ޗެލްސީއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 11 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ވިއެކަރ ކަޕްޓެއިންއެވެ. މީމެޗުގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ޗެލްސީއަށް ލިބިގެންދިޔަ އިރު އޮސްޓްރިއާ ވިއެން އިން ފޮނުވާލި ހަމަލާއެއްވަނީ ޗެލްސީގެ ގޯލް ދަނޑިއަށް އަމާޒުވެފައެވެ.
ވިމެންސް ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގެ ފުރަތަމަ ބުރުގެ ހުރިހާ މެޗެއް މިހާރު ކުޅެވިފައިވާއިރު ދެވަނަ ބުރުގެ މެޗުތައް ކުޅުނަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހާއި އޮކްޓޯބަރު މަހުގެ އެއްް ވަނަ ދުވަހުގެ ރެއެވެ.
ވިމެންސް ޗެމްޕިއަންސް ލީގުގައި ލިއޯން ފުރަތަމަ މެޗުގައި 8 ލަނޑު
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed