ދުރާލާ ވިސާ ނެގުމަކާއި ނުލާ ބެލަރޫސްއަށް ދަތުރުކުރެވޭނެހެން އެޤައުމާ ދިވެހި ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ. އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައެވެ.
ބެލެރޫސްއާ ރާއްޖެއާއި ދެމެދު ވިސާ އެއްބަސްވުމުގައި ސޮއިކުރެއްވީ، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ. ބެލަރޫސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ބެލަރޫސްގެ މިނިސްޓަރ އޮފް ފޮރިން އެފެއަރސް މެކްސިމް ރޫޖެންކޯވް އެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ރައްޔިތުންނަށްވެސް ވިސާ ނުލައި އެއްޤައުމުން އަނެއް ޤައުމަށް އެތެރެވުމާއި، ފުރައިގެން ދިއުމާއި އަދި ޓްރާންސިޓް ކުރުމުގެ ހުއްދަ ލިބޭނެއެވެ. އެގޮތުން ކޮންމެ ދަތުރެއްގައި ވިސާއާ ނުލައި ގިނަވެގެން 30 ދުވަހު މަޑުކުރެވޭއިރު، މީލާދީ އެއް އަހަރު ތެރޭގައި ވިސާއާ ނުލައި އުޅެވޭނެ ޖުމްލަ މުއްދަތަކީ 90 ދުވަހެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ބޭއްވި ބައްދަލުވުމުގައި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ ބެލަރޫސްއާއި ރާއްޖެއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރައްވާ މަސައްކަތަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި އެއްބަސްވުމާއެކު ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުންތައް ބަދަހިވެ، ގުޅިގެން މަސައްކަތް ކުރާނެ އިތުރު ދާއިރާތައް ފަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވަޒީރު އިރުތިޝާމް ވަނީ ވިދާޅުވިއެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ 3 ގައި ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލުންތަކެއް ވަނީ ބެލަރޫސްގެ ވެރިރަށް މިންސްކަށް ޒިޔާރަތްކުރައްވައި، އެ ޤައުމުގެ ފަސްޓް ޑެޕިއުޓީ ފޮރިން މިނިސްޓަރު ސަރްގޭ ލުކަޝެވިޗްއާއެކު ތާރީޚީ ފުރަތަމަ ރަސްމީ ބައްދަލުވުން ބާއްވަވާފައެވެ.
އެ ބައްދަލުވުމުގައި ފަތުރުވެރިކަމާއި، ޞިއްޙީ ދާއިރާގެ އިތުރުން ތައުލީމާއި، ކާބޯތަކެއްޗާއި މެޝިނަރީ ފޯރުކޮށްދިނުމުގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ. އަދި ދެ ޤައުމުގެ އިޤުތިސާދީ ގުޅުން ވަރުގަދަކޮށް، ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.
ބެލަރޫސްއަށް ދަތުރުކުރަން މިހާރު ދުރާލާ ވިސާ ނަގާކަށް ނުޖެހޭނެ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed