އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއަހަރުގެ މިހާތަނަށް އިންޑިއާއަކީ ރާއްޖެއަށް 6ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.7 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %1.8 ދަށްވުމެކެވެ.

އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެގޮތުން އިންޑިއާއިން ރާއްޖެއަށް 100،435 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއަހަރުގެވެސް އަދި މިދިޔަ އަހަރުވެސް އިންޑިއާ ހިމެނެނީ ރާއްޖެއަށް 6ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުގެ ގޮތުގައެވެ.

އިންޑިއާއިން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން
އިންޑިއާއިން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން

ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ޤައުމުތައް:

* ޗައިނާ: 326،741 ފަތުރުވެރިން
* ރަޝިއާ: 248،739 ފަތުރުވެރިން
* އިނގިރޭސިވިލާތް: 131،996 ފަތުރުވެރިން
* ޖަރުމަނުވިލާތް: 115،814 ފަތުރުވެރިން
* އިޓަލީވިލާތް: 103،504 ފަތުރުވެރިން
* އިންޑިއާ: 100،435 ފަތުރުވެރިން

ރާއްޖެއައި ފަތުރުވެރިންތަކެއް / ފޮޓޯ: އެމްއޭސީއެލް

ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. އެގޮތުން ރޯޑްޝޯތަކާއި އަދި ފެއަރތަކުގައި ބައިވެރިވެ ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިވަގުތައް ބަލާއިރު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 1296 ތަނެއް ވަނީ ހުޅުވާފައެވެ. މިތަންތަނުގެ ބެޑް ކެޕޭސިޓީ 68،243 އަށް އަރާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކައެވެ.