ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު ހާއްސަ ޓްރެއިނިންގ ކޭމްޕަކަށް އިންޑޮނޭޝިއާއަށް މިއަދު މެންދުރު ފުރައިފިއެވެ.
މި ދަތުރަށް ޓީމު ފުރާފައިވަނީ ފަހު ވަގުތު ދިމާވި އަނިޔާގެ މައްސަލަތަކަކާ ގުޅިގެން ސްކޮޑަށް ބަދަލުތަކެއް ގެނައުމަށްފަހުއެވެ.
ފުރަތަމަ އެކުލަވާލި 26 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުން، ފަހު ވަގުތު އަނިޔާގެ ސަބަބުން ބައެއް ކުޅުންތެރިން ބާކީކުރަންޖެހުމާ ގުޅިގެން، ކޯޗިން ޓީމުން ވަނީ ސްކޮޑު 24 ކުޅުންތެރިންނަށް މަދުކޮށްފައެވެ.
އެހެންނަމަވެސް މިއަދު އިންޑޮނޭޝިއާއަށް ފުރި ޓީމުގައި ހިމެނެނީ 23 ކުޅުންތެރިންނެވެ. އާއިލީ ސަބަބުތަކާހުރެ އޮޑި ސްޕޯޓްސް ކްލަބްގެ ޑިފެންޑަރު އަހުމަދު އައިހަމް ޓީމާ ގުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. މީގެއިތުން މާޒިޔާގެ ޑިފެންޑަރ ހައިޝަމް އަނިޔާގައި ހުރުމުން ޓީމާ އެކު ނުދެއެވެ.
މިފަހަރުގެ ސްކޮޑުގައި ނުހިމެނޭ ކުޅުންތެރިންނަށް ބަލާލާއިރު އަހުމަދު ރިޒުވާން އާއި މުހައްމަދު އިރުފާން ފާހަގަކޮށްލެވެއެވެ.
މިފަހަރުގެ ޤައުމީ ސްކޮޑުގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ދިވެހި ޕްރިމިއަރ ލީގުގައި ބުރު ސްޕޯޓްސް ކްލަބަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އެ ކްލަބުގެ ކެޕްޓަން އަލީ ހަމްދާނަށް ޤައުމީ ޓީމުން ފުރަތަމަ ފަހަރަށް ފުރުޞަތު ދިނުމެވެ. މިއީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ޤައުމީ ޓީމުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން މަހެއްހާ ދުވަހަށް މެދުކަނޑާލާފައިވާއިރު، ޤައުމީ ޓީމު އިންޑޮނޭޝިއާގައި ހޭދަކުރާ މުއްދަތުގައި އެކުވެރިކަމުގެ 2 މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މި ފަހަރުގެ ސާފް މުބާރާތުގައި ރާއްޖެއިން ގްރޫޕް ބީގައި ލައްވާލައިރު، ރާއްޖެއިން އެންމެ ފަހުން އިންޑިއާ އާއި އެއްގްރޫޕެއްގައި ވާދަކުރީ 2018 ވަނަ އަހަރުގެ މުބާރާތުގައެވެ. އަދި ޕާކިސްތާނާ އެއް ގްރޫޕެއްގައި އެންމެ ފަހުން ރާއްޖެއިން ކުޅުނީ 2011 ވަނަ އަހަރުގެ މުބާރާތުގައެވެ.
މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ނޮވެމްބަރު 5-17 އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ.