މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުތައް އިންތިހާއަށް އުފުލި، ކަނޑުމަތީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޕެޓްރޯލް ކުރާ ޕެޓްރޯލްކުރުން ހީނަރުވުމުގެ ސަބަބުން ސޮމާލިއާގެ ޕައިރެޓުންނަށް އަނެއްކާ ވެސް ވަނީ ފުރުޞަތުތަކެއް ފަހިވެފައެވެ. އެއާއެކު ހޯން އޮފް އެފްރިކާ ސަރަޙައްދުގައި ޕައިރެޓުން ޙަރަކާތްތެރިވާ މިންވަރު ވަނީ އިތުރުވެފައެވެ. އެއާއެކު އެ މަގުން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރާއި އެ އުޅަނދުތަކުގެ ފަޅުވެރިންނަށް ޕައިރެޓް ހަމަލާއެއް އަމާޒުވުމުގެ ނުރައްކާ ވަނީ އިތުރުވެފައެވެ.

މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ޢުމާންއިން ފުރައިގެން މޮގަދިޝުއަށް ދަތުރުކުރި އޮނަރ 25 އުޅަނދަށް ކަނޑުމަތީގައި ކުރިމަތިވި ހާދިސާއިން އެ ކަން ވަރަށް ރަނގަޅަށް ފެނިގެން ދިޔައެވެ. 2،700 ޓަނުގެ ތެޔޮ ހިފައިގެން ދަތުރުކުރި މި ޑީސެލް ޓޭންކަރަށް ގަލްފް އޮފް އޭޑެންއިން ޕައިރެޓުން ވަނީ އަރައިފައެވެ. އަދި އުޅަނދުގައި މަސައްކަތް ކުރާ 17 ފަޅުވެރިން އެ ބޯޓުގެ ބުރިޖުގައި ހުރި ކުޑަ ޖާގައެއްގައި ފަސް މަހަށްވުރެ ދިގު މުއްދަތަކަށް ބަންދުކޮށްފައި ބޭތިއްބިއެވެ. ޕައިރެޓުންގެ ބެލުމުގެ ދަށުގައި ފާޚަނާ ބޭނުންކުރުމަށް ނޫން ގޮތަކަށް ބަންދުކޮށްފައި ތިބި ތަނުން ފަޅުވެރިންނަށް ނުނިކުމެވެއެވެ.

އޮނަރ 25 އުޅަނދަކީ އެންމެ ރަނގަޅަށް ބަލަހައްޓަމުން އައިސްފައިވާ އުޅަނދެއް ވެސް ނޫނެވެ. ބޯޓަށް ޕައިރެޓުން އެރުން ހުއްޓުވުމަށް ހަތިޔާރު އެޅި ފާރަވެރި ގާޑެއް ވެސް އުޅަނދުގައި ނެތެވެ. އަދި ނަރުދާ ދަމާފައެއް ވެސް ނެތެވެ. އެ ބޯޓުގެ ފަޅުވެރިއެއް ކަމަށްވާ ޔާސިރު ޚާން ބުނީ އެ އުޅަނދުގެ ޙާލަތުގެ ސަބަބުން ހަމަލާގެ ކުރިން ވެސް އެ ބޯޓުގައި ދަތުރުކުރުން އޮތީ ނުރައްކާތެރި ކަމަކަށް ވެފައެވެ.

އުޅަނދާއި ފަޅުވެރިން ދޫކޮށްލާނީ އުޅަނދުގެ ވެެރިފަރާތުން 7 މިލިއަން އެމެެރިކާ ޑޮލަރު ދެއްކުމުން ކަމަށް ޕައިރެޓުން ފުރަތަމަ ޝަރުތުކުރިއެވެ. ނަމަވެސް ބޯޓުގެ ވެރިފަރާތާއެކު ފަހުން މަޝްވަރާކޮށް، އެ ޢަދަދު ވަނީ އެއް މިލިއަން ޑޮލަރަށް ދަށްކޮށްފައެވެ. ޕައިރެޓުން އުޅަނދަށް އެރިފަހުން ފަޅުވެރިންނަށް އެ މީހުންގެ ޢާއިލާތާ މުޢާމަލާތުކުރުމަށް ދުވަހެެއް ދުވަހަކަށް ހުރަސްއެޅުންތައް އިތުރުވެ، ހިސޯރު ފެށުނުތާ ތިންވަނަ މަސް ކަމަށްވާ ޖުލައި މަހު ޢާއިލާތަކާ އެއްކޮށް ގުޅުން ކެނޑުނެވެ. ފަޅުވެރިންގެ ޢާއިލާތަކުން ދެން ފެށީ މުޒާހަރާ ކުރާށެވެ. އެ ގޮތުން ޕާކިސްތާނުގެ ކަރާޗީއާއި އޮސްޓްރޭލިއާގެ މެލްބަންއާއި އިނގިރޭސިވިލާތުގެ ލަންޑަންގައި ޢާއިލާތަކުން މުޒާހަރާކޮށް، ފަޅުވެރިންނަށް ކުރިމަތިވެފައިވާ ޙާލަތަށް ސަމާލުކަން ހޯދުމަށް މަސައްކަތް ކުރަމުން ދިޔައެވެ.

ސޮމާލިއާގެ ޕައިރެޓުން ކަނޑުތަކުގައި ޙަރަކާތްތެރިވާ މިންވަރު އަނެއްކާ ވެސް އިތުރުވެފައި މި ވަނީ އަހަރުަތަކެއް ވަންދެން އެ ކަން ތަންކޮޅެއް މަޑުޖެހިފައި އޮތުމަށް ފަހުގައެވެ. އެ ކަން ފެށިގެން އައީ 1990ގެ އަހަރުތަކުގެ ކުރީކޮޅު ސޮމާލިއާގެ ސަރުކާރު ވެއްޓުމުންނެވެ. ޤާނޫނާ ޚިލާފަށް ކަނޑުގެ ސަރަޙައްދުގައި މަސްވެރިކަން ކުރުމާއި ކަނޑުގެ ސަރަޙައްދަށް ކުނިއެޅުން ހުއްޓުވުމަށް ހަތިޔާރުއެޅި މީހުން ފެށި މަސައްކަތް މިހާރު ބަދަލުވެފައި މި ވަނީ ފައިސާ ހޯދުމަށް ވިޔަފާރި އުޅަނދުތައް ހައިޖެކް ކުރުމުގެ އޮޕަރޭޝަނަކަށެވެ. 2005ވަނަ އަހަރާއި 2012ވަނަ އަހަރާ ދެމެދު 1،000އަށްވުރެ ގިނަ އުޅަނދަށް ޕައިރެޓުން ހަމަލާ ދީފައިވެއެވެ. އަދި އެ މުއްދަތުގައި ބޯޓުތައް ދޫކޮށްލުމަށް 400 މިލިއަނަށްވުރެ އެމެރިކާ ޑޮލަރު ހޯދާފައިވެއެވެ.

ނޭޓޯއާއި ވިލާތުގެ އިއްތިޙާދާއި އެމެރިކާއިން ހިންގާ ބައިނަލްއަޤްވާމީ ކަނޑުގެ އޮޕަރޭޝަންތަކުގެ ސަބަބުން ފާއިތުވި ދިހަ އަހަރެއްހާ ދުވަހު ޕައިރެޓުންގެ އުނދަގޫ ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. ނަމަވެސް ސަރަޙައްދީ ހަމަނުޖެހުންތަކާއެކު، 2023ވަނަ އަހަރުގެ ފަހުކޮޅު އަނެއްކާ ވެސް ކާމިޔާބު ކަމާއެކު ބޯޓުތައް ހައިޖެކް ކުރުން ފެށި އެ ފަދަ ހަމަލާތައް ވަނީ އިތުރުވެފައެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ޙާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. އެ ހަނގުރާމައިގެ ސަބަބުން ތެލާއި އިންޝުރެންސްގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. ވިޔަފާރިތަކަށް ބުރޫއަރައި، ޕާސިއަން ގަލްފްއާއި ބާބުލް މަންދީބަށް ކަނޑުގެ ވަސީލަތްތައް ބަދަލުކުރަން ޖެހުމުގެ ސަބަބުން ވެސް ޙާލަތަށް އިތުރު އުނިކަމެއް އައިސްފައިވެއެވެ. ރަތް ކަނޑާއި ގަލްފް އޮފް އޭޑެންގައި ޔަމަނުގެ ޙޫޘީން ދެމުންދާ ހަމަލާތަކުގެ ސަބަބުން ވެސް ޝިޕިންގ މަގުތަކަށް ބަދަލު އައިސް، ބައެއް އުޅަނދުތަކަށް ވަނީ ސޯމާލިއާގެ އައްސޭރިފަށުން ދަތުރުކުރުމަށް މަޖުބޫރުވެފައެވެ.

ބައެއް ބޮޑެތި ޝިޕިންގ ކުންފުނިތަކަށް އެފްރިކާގެ ކޭޕް އޮފް ގުޑް ހޯޕް ވަށާލައި ދަތުރުކުރާ ގޮތަށް ބޯޓުތަކުގެ ރޫޓަށް ބަދަލު ގެނައުމުގެ މާލީ ޤާބިލުކަން ލިބިފައިވި ނަމަވެސް، އިތުރު ޚަރަދުތައް ނުކުރެވޭ ވަރުގެ ކުދި ކުންފުނިތަކަށް ނުރައްކާ ބޮޑު މަގުތަކުން ދަތުރުކުރުމުގެ ނުރައްކަލާ ކުރިމަތިލައި އެ މަގުތައް ބޭނުން ކުރެއެވެ. ތެލުގެ އަގުތައް ބޮޑެވެފައިވާ މި ދުވަސްވަރު ތެޔޮ ޓޭންކަރުތަކަށް ޕައިރެޓުންގެ ސަމާލުކަން އޮންނަ މިންވަރު ވަކިން ބޮޑެވެ. ޓޭންކަރެއް ދޫކޮށްލުމަށް 10 މިލިއަން ޑޮލަރު ވެސް ޕައިރެޓުން ކިޔައެވެ.

ސޮމާލިއާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިކަމަކީ ވެސް ޕައިރެޓުން ގިނަވުމުގެ އެއް ސަބަބެވެ. ވާރޭ ނުވެހި ހަނަފަސް ދުވަސްތައް އިތުރުވުމާއި، ކާބޯތަކެއްޗާއި ހަކަތައިގެ އަގު އުފުލުމުގެ އިތުރުން ޤައުމުތަކަށް އެކްސްޕޯޓު ކުރުމަށް އޮތް ހުރަސްތަކުގެ ސަބަބުން އެ ޤައުމުގެ ޙާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ސޮމާލިއާއަކީ އެ ޤައުމަށް ބޭނުންވާ ޒަރޫރީ ސާމާނުގެ 90 އިންސައްތަ އިމްޕޯޓުކުރާ ޤައުމަކަށްވުމުން އެކްސްޕޯޓަށް ކުރިމަތިވެފައިވާ ދަތިތަކުގެ ސީދާ އަސަރު އެ ޤައުމަށް ކުރެއެވެ. ރައްޔިތުންގެ ފަޤީރު ޙާލަތާއި، ޕައިރެޓުންގެ ގޮތުގައި ޙަރަކާތްތެރިވުމުން ބޮޑެތި ޢަދަދުން ފައިސާ ލިބޭތީ ޕައިރެޓުންގެ މަސައްކަތުގައި ބައިވެރިވާ މީހުންގެ ޢަދަދު ދަނީ އިތުރުވަމުންނެވެ.

އޮނަރ 25 ބޯޓަށް އެރި ޕައިރެޓުންނަކީ ވެސް މި ފަދަ ފަގީރު ޙާލަތެއްގައި ތިބި ބައެއް ކަމަށް ބެލެވެއެވެ. ބޯޓުގެ ފަޅުވެރިން ކިޔައިދިން ގޮތުގައި އެ ޕައިރެޓުންނަކީ ބަނޑުހައިހޫނުކަން ތަޙައްމަލް ކުރަމުންދިޔަ، ބަލިކަށި ޙާލަތުގައި ތިބި ބައެކެވެ. ފަޅުވެރިންގެ ކާބޯތަކެއްޗާއި އަންނައުނާއި ތައްމަތިތައް ޕައިރެޓުން ވަނީ އަތުލައިފައެވެ. ބޯޓުގައި ހުރި ކާބޯތަކެތި މަހެއްހާ ދުވަހުގެ ތެރޭގައި ހުސްވުމުން ހަނޑުލާއި މުގާއި ތަރުކާރީއާއި އެއްގަމު މަހާއި އެހެން ސާމާނު އެއްގަމުން ފޮނުވަން ފެށިއެވެ. އެ ކަމުން ދޭހަވަނީ ޕައިރެޓުންގެ ޙަރަކާތްތަކަށް ޚަރަދުކުރާ ބަޔަކު ތިބޭ ކަމެވެ. ނަމަވެސް އެއީ ކޮން ބައެއްކަން ތަޖުރިބާކާރުންނަށް ވެސް ބުނެދޭކަށް ނޭނގުނެވެ. ބެލެވޭ ގޮތުގައި މި ޙަރަކާތްތަކަށް ޚަރަދުކުރަނީ އެ ޤައުމުގައި އޮތް ޕައިރެޓުންގެ ބޮޑު ހަތިޔާރުއެޅި ނެޓްވޯކަކުންނެވެ.

އޮނަރ 25 ބޯޓުގެ ހިސޯރު އެންމެ ފަހުން ނިމުމަކަށް އައީ ބޯޓު ހައިޖެކް ކުރިތާ ފަސް މަސް ދުވަސް ފަހުން، ސެޕްޓެމްބަރު މަހުގެ 29ވަނަ ދުވަހުއެވެ. އެއީ ސޮމާލިއާގެ ބައެއް ކަމަށްވާ ޕަންޓްލެންޑްގެ ކަނޑުމަތީ ފުލުހުން ފަޅުވެރިން މިނިވަންކުރުމަށް ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި ފަހުން ސިބޫ 1 ކިޔާ ބޯޓަކަށް ޕައިރެޓުން އެރުމުން ވެސް މި ފަދަ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ހިންގާފައިވެއެވެ. އެ ފަހަރު އެއް ޕައިރެޓު މަރާލައި 41 މީހުން ހައްޔަރުކޮށްފައިވެއެވެ.

އޮނަރ 25ގެ ފަޅުވެރިން ސަލާމަތްކުރުމުގެ އޮޕަރޭޝަން ފެށި ދުވަހު ހެނދުނު، ސިފައިން އަންނަތަން ފެނުމުން ޕައިރެޓުން ވަނީ ބޯޓުގެ ފަޅުވެރިން އެ ބޯޓުގެ ރެއިލިންގތަކުގައި ބަނދެ، ފުލުހުންނާއި ޕައިރެޓުންނާ ދެމެދު އޮތް ހުރަހެއް ގޮތަށް ބޭނުންކޮށްފައެވެ. ދެ ފަރާތުގެ ދެމެދުގައި ބަޑީގެ ހަމަލާތައް ބަދަލުކުރަން ފެށުމުން ޕައިރެޓަކު ވަނީ ފަޅުވެރިންނާ ދިމާލަށް ބަޑިޖަހައިފައެވެ. އޭނާ ވަނީ ފަސް ފަޅުވެރިން މަރާލައިފައެވެ. އޭގެ ތެރޭގައި އެ ބޯޓުގެ ސެކަންޑް އޮފިސަރު، ކާޝިފް ޢުމަރު ވެސް ހިމެނެއެވެ.

ބޯޓުގެ އިންޖިނިއަރު، ސަޢީދު ޙުސައިން ޔޫސުފް ވަނީ ބަޑިޖެހުން ހުއްޓައިލުމަށް ފުލުހުންގެ ކިބައިން އާދޭސްކޮށްފައެވެ. އިތުރަށް ބަޑި ޖަހާ ނަމަ ޕައިރެޓުން ހުރިހާ ފަޅުވެރިން މަރައިލާނެ ކަމަށް އޭނާ ބުންޏެވެ. ވަކި ހިސާަބަކުން ބަޑި ޖެހުން ހުއްޓައިލުމުން ފުލުހުން ވަނީ ގެއްލުންތައް ލިބިފައިވާ އެ އުޅަނދު އެއްގަމާ ދިމާކަށް ގެންގޮސްފައެވެ. އަދި ސަލާމަތްވި ފަޅުވެރިން ވަނީ ޞިއްޙީ ފަރުވާ ދިނުމަށް ގެންގޮސްފައެވެ.

މި ހާދިސާއިން ވެސް ދައްކުވައިދެނީ ވިޔަފާރި އުޅަނދުތައް ކަނޑުމަގުން ދަތުރުކުރުމަށް ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި ކަނޑުމަތީގެ ސަލާމަތްތެރިކަން ބަލަހައްޓާ ނިޒާމު ބަލިކަށިވެފައި އޮތުމުން ނިކުންނަ ހިތި ނަތީޖާއެވެ. ވިލާތުގެ އިއްތިޙާދުން ޕައިރެސީއާ ދެކޮޅަށް އެ އިއްތިޙާދުގެ އަމިއްލަ މިޝަންއެއް އަދިވެސް ހިންގަމުން ދެއެވެ. ނަމަވެސް އެ އިއްތިޙާދުގެ މިޝަންއަށް ލިބިފައިވާ ވަވީލަތްތައް މީގެ ކުރިން ޕައިރެޓުން ހުއްޓުވުމަށް ކޮށްފައިވާ މަސައްކަތާ އަޅާ ބަލައިއިރު ފުދޭ ވަރަކަށް މަދެެވެ. ހަމަނުޖެހުންތައް އިތުރަށް ކުރިއަށް ދާނަމަ ކުރިއަށް އޮތް ތަނުގައި ވެސް ޕައިރެޓުންގެ ހަމަލާތައް އަދިވެސް އިތުރުވާނެ ކަމަށް ކަމާބެހޭ މާހިރުން ލަފާކުރެއެވެ.