ސައުދީ ޕްރޯ ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކޮށްދިން ހެޓްރިކާއެކު އަލް ނަސްރުން އަލް ހޮލޫދު ބަލިކޮށްފިއެވެ.
އަލް ނަސްރުގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ 5 ލަނޑު 3 ލަނޑުންނެވެ. މިމެޗުގައި އަލް ނަސްރުގެ ކެޕްޓަން ރޮނާލްޑޯ ކާމިޔާބު ކުރި ހެޓްރިކަކީ އޭނާގެ ކެރިއަރުގައި ކާމިޔާބު ކުރި 67 ވަނަ ހެޓްރިކެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނަގާފައިވަނީ އަލް ހޮލޫދުންނެވެ. އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 16 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހޫލިއަން ޑޮމިންގޭޒްއެވެ. ނަމަވެސް މިލަނޑު ޖެހިތާ 8 މިނެޓް ފަހުން އަލް ނަސްރުގ އެންޖެލޯ ކާމިޔާބު ކޮށްދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ވިއެވެ. އަދި މެޗުގެ 38 ވަނަ މިނެޓްގައި ސާޑިއޯ މާނޭ ކާމިޔާބު ކޮށްދިން ލަނޑުން މިމެޗުގައި ފުރަތަމަ ފަހަރަށް އަލް ނަސްރު ލީޑު ނެގިއެވެ. ނަމަވެސް ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ހޮލޫދުގެ ލޮއިކް އެސޮމްބާ ކާމިޔާބު ކުރި ލަނޑާއެކު ފުރަތަމަ ހާފް ނިމުނީ 2-2 ލަނޑުން ދެޓީމު އެއްވަަރު ވެގެންނެވެ.
މިމެޗުގައި ރޮނާލްޑޯގެ ޖާދޫ ފެނިފައިވަނީ ދެވަނަ ހާފްގައެވެ. މިގޮތުން މިމެޗުގައި ރޮނާލްޑޯ ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ކާމިޔާބު ކުރިއިރު ދެވަނަ ލަނޑު ޖަހާފައިވަނީ 72 ވަނަ މިނެޓްގައެވެ. އަދި މިމެޗުގައި ރޮނާލްޑޯ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައިވަނީ މެޗުގެ 81 ވަނަ މިނެޓުގައި ކާމިޔާބު ކުރި ލަނޑުންނެވެ. މިމެޗުގައި ހޮލޫދުން ކާމިޔާބު ކުރި ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދީފައިވަނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ޑޮމިންގޭޒްއެވެ.
މިމެޗުގައި ކާމިޔާބު ކުރި ހެޓްރިކާއެކު ރޮނާލްޑޯގެ ކާމިޔާބު ކެރިޔަރުގައި ޖަހާފައިވާ ލަނޑުގެ އަދަދު މިހާރު މިވަނީ 985 އަށް އަރާފައެވެ. ރޮނާލްޑޯގެ އެންމެ ބޮޑު އެއް އުއްމީދަކީ އޭނާ ފުޓުބޯޅަ ކުޅުން ހުއްޓާލުމުގެ ކުރިން 1000 ލަނޑު ހަމަކުރުމެވެ. އަދި މިހާރު ފެންނަ ފެނުމުން މިމަންޒިލަށް ވާސިލް ވުމަށްޓަކައި ރޮނާލްޑޯއަށް އިތުރަށް ބޭނުންވަނީ 15 ލަނޑެވެ.
ރޮނާލްޑޯގެ ހެޓްރިކާއެކު ނަސްރުން އަލް ހޮލޫދު ބަލިކޮށްފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed