ދުނިޔޭގެ ޓެނިހުގެ ރޭންކިންގގެ އެއްވަނަ މަގާމް ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒުވަރޭވް ކަށަވަރު ކޮށްފިއެވެ.

މިގޮތުން މިއަންނަ ހޯމަދުވަހު ދުނިޔޭގެ އައު ރޭންކިންގ އާންމު ކުރާއިރު މިމަގާމުގައި މިހާތަނަށް ހުރި އިޓަލީވިލާތުގެ ޔަނިކް ސިނަރ ފަހަތަށް ޖައްސާލުމަށްފަހު ރޭންކިންގެ އެއްވަނަ މަގާމު ޒުވަރޭވަށް ލިބޭނެކަން މިހާރުވަނީ ޔަގީންވެފައެވެ. ޒުވަރޭވް މިމަގާމު ކަށަވަރު ކޮށްފައިވަނީ އޮސްޓްރިއާގައި މިހާރު ކުރިއަށްދާ ވިއޭނާ އޯޕަން ޓެނިސް މުބާރާތުގެ ކުއާޓަރ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރުމާއެކުއެވެ. މިމުބާރާތުގައި އޭނާ ކުއާޓަރ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރީ ދެވަނަ ބުރުގައި ނެދަލަންޑްސްގެ ޓޭލޮން ގްރީކްސްޕޯ އާއި ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ.

ޒުވަރޭން އަންނަނީ މިސީޒަންގައި މޮޅު ކުޅުމެއް ދައްކާ ގިނަ ކާމިޔާބީ ތަކެއް ހާސިލް ކުރަމުންނެވެ. މިގޮތުން މިސީޒަންގައި ގްރޭން ސްލޭމް ދެ މުބާރާތް ކާމިޔާބު ކުރުމުގެ އިތުރުން މިހާތަނަށް މިސީޒަންގައި ކުޅުނު 80 މެޗުގެ ތެރެއިން 64 މެޗު އޭނާ ވަނީ ކާމިޔާބު ކޮށްފައެވެ. ޒުވަރޭވް ވެފައިވަނީ ދުނިޔޭގެ ރޭންކިންގ ގެ އެއްވަނަ މަގާމް ހާސިލް ކުރާ ޖަރުމަނުވިލާތުގެ ދެވަނަ ކުޅުންތެރިޔާ އަށެވެ. މީގެކުރިން މިމަގާމް ހާސިލް ކޮސްފައިވަނީ 1991 ވަނަ އަހަރު ކުރީގެ ތަޖުރިބާކާރު ކުޅުންތެރިޔާ ބޮރިސް ބެކަރއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޒުވަރޭވް ބުނީ މިހާހިސާބަށް އައުމަށްޓަކައި ގިނަ ދުވަސް ތަކެއް ނަގައިފި ކަމަށާއި ނަމަވެސް މުހިންމު ކަންތައްތައްވާނީ ގިނަ ދުވަހުން ކަމަށް އޭނާ ބުންނެވެ. އަދި ދުނިޔޭގެ ރޭންކިންގގެ އެއްވަނަ މަގާމް ކަށަވަރު ކުރެވުމުން ވަރަށް އުފާވާމުގައި ޒުވަރޭވް ހާމަކުރިއެވެ.

ޒުވަރޭވަށް މިމަގާމް ލިބުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އަނެއް ކަމަކީ ރޭންކިންގެ އެއްވަނައިގާ މިހާތަނަށް އުޅޭ ސިނަރއަށް ވިމްބަލްޑަންގައި ލިބުނު އަނިޔާއެވެ. އޭނާއަށް އެމުބާރާތުގައި ލިބުނު އަނިޔާ އާއެކުވެސް އެމުބާރާތް ކާމިޔާބު ކުރި ނަމަވެސް އޭގެ ފަހުން މިސީޒަންގައި ސިނަރ އެހެން މުބާރާތެއްގައި ފެނިގެން ގޮސްފައެއް ނުވެއެވެ.

ވިއޭނާ އޯޕަންގެ ކުއާޓަރ ފައިނަލްގައި ޒުވަރޭވް ބައްދަލުކުރާނީ އިނގިރޭސިވިލާތުގެ އަރތަރ ފެއަރީއާއެވެ. މިމުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަހޯދި އެހެން ކުޅުންތެރިންގެ ތެރޭގައި ދެވަނަ އަށް ސީޑު ކުރެވިފައިވާ ކާލޯސް އަލްކަރާޒް އާއި ތިންވަނަ އަށް ސީޑު ކުރެވިފައިވާ ރަޝިއާގެ ޑަނީލް މެޑްވެޑޭވް ހިމެނެއެވެ. އަދި ހަތަރު ވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ފްލާވިއޯ ކޯބޯލީއަށް އަނިޔާވެ މެޗުން ރިޓަޔަރ ވުމުން ކުއާޓަރ ފައިނަލުން ޖާގަ ލިބިގެންދިޔައީ އިޓަލީވިލާތުގެ މެޓިއޯ ބެރެޓީނީ އަށެވެ.