ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލިގުގައި މެންޗެސްޓަރ ސިޓީ ވިމެން އާއި ޕެރިސް ސެއިންޓް ޖަރމެއިން ފެނިނީންސް ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.
ސިޓީގެ ޖޮއި ސްޓޭޑިއަމްގައި ކުޅުނު މިމެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓިއިންނެވެ. ނަމަވެސް މިއާއެކުވެސް މިމެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
މިމެޗުގެ ދެވަނަ ހާފްގައިވެސް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި މެޗު އެއްވަރު ވެގެން ނިމިދާނެކަމަށް ގިނަ ބަޔަކަށް ހީވެފައިވަނިކޮށް މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ ސިޓީއިންނެވެ. މެޗުގެ 85 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީ އަކުން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހަދީޖާ ޝޯއެވެ. މިލަނޑައެކު މިސީޒަންގައި ޗެމްޕިއަންސް ލީގުގައި ފުރަތަމަ ފަހަރަށް ސިޓީއަށް މެޗެއް ކާމިޔާބު ކުރެވޭނެކަމަށް ބެލެވުނު ނަމަވެސް މިލަނޑު ޖެހިތާ 3 މިނެޓް ފަހުން ޕީއެސްޖީއިން ވަނީ ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓާރާ އެލިމްބީ ގިލްބަރޓްއެވެ.
މިމެޗު އެއްވަރު ވުމުން މިސީޒަންގައި މިހާތަނަށް އެއްވެސް މުބާރާތެއްގައި ސިޓީ ވިމެން ޓީމު ބަލިވެފައިނުވި ނަމަވެސް މިސީޒަންގައި ވިމެންސް ޗެމްޕިއަންސް ލީގުގައި މިހާތަނަށް އެޓީމުގެ ކުޅުނު ތިން މެޗުންވެސް މިވަނީ އެއްވަރު ވެފައެވެ. އެހެން ކަމުން ސިޓީ އުޅެނީ ލީގު ތާވަލްގައި 3 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ. އަދި ޕީއެސްޖީ އުޅެނީ 5 ޕޮއިންޓާއެކު ތަވަލްގެ 6 ވަނައިގައެވެ.
މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ތާވަލްގެ އެއްވަނައިގައި އުޅޭ އެފްސީ ބާސެލޯނާ އާއި އެޗްބީ ކޯގޭ ބައްދަލުކުރި މެޗު ރަށުން ބޭރުގައި 8 ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ބާސާ އަންހެން ޓީމެވެ. މިމެޗުގައި ބާސާއިން ކާމިޔާބު ކުރި 8 ލަނޑުގެ ތެރެއިން 2 ލަނޑު ކްލައުޑިއާ ޕީނާ ކާމިޔާބު ކޮށްދިން އިރު އަނެއް ހަލަނޑު ޖަހައިފައިވަނީ ކެރޮލީން ގްރަހަމް ހެންސަން، އީވާ ޕަހޯ، އެސްމީ ބްރުގްޓްސް، ޕަޓްރީ ގުއިހާރޯ، ކްލާރާ ސެރަހޯދީ އަދި ކީކާ ނަޒަރެތުއެވެ. މީގެއިތުރުން ޔުވެންޓަސް އާއި އޮސްޓްރިއާ ވިމެން ބައްދަލުކުރި މެޗު 4 ލަނޑު އެއް ލަނޑުން ޔުވޭ ކާމިޔާބު ކުރިއިރު ޕެރިސް އެފްސީ އާއި ހާކެން ބައްދަލުކުރި މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.
ވިމެންސް ޗެމްޕިއަންސް ލީގު: ސިޓީ އާއި ޕީއެސްޖީ މެޗު އެއްވަރު
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed