އިނގިރޭސި ފުޓްބޯޅައިގެ ހަތަރު ވަނަ ޑިވިޝަންގެ ޓީމެއް އަތުން ބަލިވެ, އާސެނަލް އިނގިރޭސި ލީގު ކަޕް (ކަރަބާއޯ ކަޕް) އިން ކެޓި މެޗުގައި މެކްސް ޑައުމަން އަށް ދެއްކި ރަތްކާޑް އެޕީލް ކުރި ނަމަވެސް ކާމިޔާބުނުވެ, ތިން މެޗުގެ ސަސްޕެންޝަނަކާ ކުރިމަތިވެއްޖެއެވެ.
16 އަހަރުގެ މެކްސް ޑައުމަން އަށް ރަތްކާޑް ދެއްކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 5 މިނިޓަށް ވެފައިވަނިކޮށެވެ. އެއީ މެޗުން މޮޅުވި ފްލީޓްވުޑްގެ ހެރިސަން ނީލް އަށް ކުރި ނުރައްކާތެރި ފައުލަކަށެވެ. ޒުވާން މިޑްފީލްޑަރަށް ދެއްކި ރަތްކާޑް އާސެނަލް އިން އެޕީލް ކުރިނަމަވެސް އެޕީލް ބަލައި ނުގަތެވެ. މިއީ މިމަހު މެކްސް ޑައުމަން އަށް ދެއްކި ދެވަނަ ރަތްކާޑެވެ. އިނގިރޭސި 19 އަހަރުން ދަށުގެ ޓީމްގައި މިމަހު ކުޅުނު މެޗުގައިވެސް އޭނާ އަށް ވަނީ ސީދާ ރަތްކާޑެއް ދައްކާފައެވެ.
ލީގު ކަޕްގައި ފްލީޓްވުޑް އަތުން އާސެނަލް ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ފްލީޓްވުޑް ކުރި ހޯދީ 5-3 އިންނެވެ. މެޗު އެއްވަރުވެފައި ވަނިކޮށް ދެއްކި ރަތްކާޑާއެކު މެކްސް ޑައުމަން ދަނޑުން ފޭބުމުން ކޯޗު އާޓެޓާ ނުރުހުމުގެ ނަޒަރަކުން ޒުވާން ކުޅުންތެރިޔާއަށް ބެލިކަމަށް މީޑިޔާތަކުން ރިޕޯޓުކޮށްފައި ވެއެވެ.
އާސެނަލް އަށް ކުރިއަށް އޮތީ އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލާ ދެކޮޅަށް ހޮނިހިރު ދުވަހު ކުޅޭ މެޗެވެ.
މެކްސް ޑައުމަންގެ އެޕީލް ކާމިޔާބު ނުވި، 3 މެޗަށް ސަސްޕެންޑް!
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed