ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.
ލާމަރުކަޒީ ޤާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް 3 މެންބަރުން އިންތިޚާބު ކުރަންޖެހެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެވެ.
އިންތިޚާބީ މަޤާމުތަކަށް ހުޅުވާލުމުން ސިޓީ ކައުންސިލުގެ މެންބަރުންގެ ތެރެއިން ނަން ހުށަހެޅުއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް އެކަނިކަމުން އެ މެންބަރުވަނީ އެލްޖީއޭގެ ބޯޑަށް އިންތިޚާބު ވެފައެވެ. އެހެންކަމުން މާދަމާ ބާއްވަނީ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންގެ ތެރެއިން އައްޔަންކުރާ މެންބަރުންގެ އިންތިޚާބެވެ.
މިއިންތިޚާބާއި ގުޅިގެން، ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އޮންލައިން ފޯމް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެއެވެ. ހުށަހަޅާ ޝަކުވާތަކަށް ޖަވާބު ދިނުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް، ފޯމުގައި ބަޔާންކުރާ އީމެއިލަށްކަމަށް އެލްޖީއޭއިން ވިދާޅުވިއެވެ.

ވޯޓުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 10:00 އިން ހަވީރު 4:00 ޖެހުމާއި ހަމައަށެވެ. ވަގުތު ހަމަވާއިރު ކިޔޫގައި އިތުރު މީހުން ތިބިނަމަ ވޯޓުލުމުގެ ފުރުސަތު ދޭނެކަމަށް އެލްޖީއޭއިން ވިދާޅުވިއެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 807 ފަރާތަކަށް ލިބިގެންވެއެވެ. އޭގެ ތެރޭގައި 625 ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ 182 ރައީސުންނަށް ވޯޓުލުމުގެ ޙައްގު ލިބޭއިރު އެއީ 177 ރަށު ކައުންސިލާއި 5 ސިޓީ ކައުންސިލްގެ ޑަބްލިޔުޑީސީ މެމްބަރުންނެވެ.
މި އިންތިޚާބުގައި އެލްޖީއޭ އާއި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ސަރުކާރުގެ ޚިދުމާތު މަރުކަޒުތަކާއި ހުޅުދޫ އިޖުތިމާޢީ މަރުކަޒުގައި 19 ވޯޓުފޮށި ބަހައްޓާނެއެވެ. އަދި ވޯޓުފޮށިތަކުގެ ކައިރީގައި އެ އޮތޯރިޓީގެ މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށާއި އޮފިޝަލުންގެ ގޮތުގައިވެސް ތިބޭނީ ޚިދުމާތު މަރުކަޒުތަކުގެ މުވައްޒަފުންނާއި އެލްޖީއޭގެ މުވައްޒަފުން ކަމަށް ވިދާޅުވިއެވެ.
އިންތިޚާބުގެ ވޯޓުލުން ނިންމައި، ވޯޓުފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުން ވޯޓު ގުނަން ފަށާނެއެވެ. ދެ އިންތިޚާބުގައި ވޯޓު ކަރުދާހުގެ ކުލަ ތަފާތުވާނެ ކަމަށާއި އިންތިޚާބުގެ ވަގުތީ ނަތީޖާ މާދަމާ ރޭ އިއުލާންކުރާނެ ކަމަށް ވިދާޅުވިއެވެ.