ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ގާއިމްކުރުމަށް ލޯނު ދޫކުރާ ލިމިޓު 4 މިލިއަން ރުފިޔާއަށް ބޮޑުކޮށް ލޯނަށް ކުރުމަތިލާން ފުރުޞަތު ހުޅުވާލައިފިއެވެ.

މި ސްކީމަކީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒާރާ އާއި މާޅީ ވުޒާރާގެ، ލައިވްސް އެންޑް ލައިވްލިހޫޑް ފަންޑް، އެލްއެލްއެފް އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް، އައިއެސްޑީބީ ގުޅިގެން އެސްއެމްއީ ޑިޖިޓަލް އިން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

އެސްއެމްއީ ޑިޖިޓަލްއިން ވަނީ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ދެމެހެއްޓެނިވިކަން އިތުރުކުރުމުގެ ގޮތުން ދޫކުރަމުން އަންނަ ރެފްރިޖަރޭޓެޑް ސީ ވޯޓަރ، އާރްއެސްޑަބްލިޔު ފައިނޭންސިންގ ފެސިލިޓީގެ ލިމިޓް، އެއްވެސް ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއާ ހަމައަށް ނެގޭ ގޮތަށް އިތުރުކޮށްފައެވެ. މިއާއެކު އުޅަނދުތަކުގައި އިންޖީނު އެޅުމަށްވެސް ލޯނު ދޫކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މި ލޯނު މިހާތަނަށް ދޫކުރަމުން އައީ މަސްދޯނިފަހަރުގައި އާރްއެސްޑަބްލިޔު ސިސްޓަމާއި، ޖެންސެޓް އަދި ސޯލާ ޕެނަލް ހަރުކުރުމަށެވެ. އެހެން ނަމަވެސް އަލަށް ގެނެވުނު ބަދަލާއެކު، އުޅަނދުތަކުގައި އަލަށް އިންޖީނު އެޅުމަށާއި އިންޖީނު ބަދަލުކުރުމަށްވެސް ލުއި ގޮތެއްގައި މި ފެސިލިޓީގެ ދަށުން ލޯނު ހަމަޖެހިގެންދާނެކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވިއެވެ.

މި ފައިނޭންސިންގ ފެސިލިޓީގެ ދަށުން ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރަނީ އަހަރަކު %6 ގެ ފައިދާ ރޭޓެއްގައިކަމަށާއި، ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭއިރު، އޭގެ ތެރޭގައި 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނެއެވެ. މި ލޯނުތައް ދޫކުރުމުގެ މައިގަނޑު މަގުޞަދަކީ މަސްވެރިން އައިސް ހޯދުމަށް ކުރާ ހޭދަ ކުޑަކޮށްދީ، ބާނާ މަހުގެ ތާޒާކަން ދަމަހައްޓައި ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދައިދިނުމެވެ.

ލިމިޓު ބޮޑުކޮށް އާރުއެސްޑަބްލިޔު ސިސްޓަމާއި އިންޖީނު އަޅަން، ލޯނަށް ހުޅުވާލައިފި
ލިމިޓު ބޮޑުކޮށް އާރުއެސްޑަބްލިޔު ސިސްޓަމާއި އިންޖީނު އަޅަން، ލޯނަށް ހުޅުވާލައިފި

މަސް ދޯނިތަކުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ގާއިމްކުރުން/ ފޮޓޯ:މަސްވެރިކަމާއި ކަނޑުގެ ވަސީލައްތަކާއި ބެހޭ ވުޒާރާ

މި މަޝްރޫޢާ ގުޅޭގޮތުންމަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތަކާއި އެކަމަށްދާ ބޮޑު ޚަރަދު ކަމަށާއި، އެހެންކަމުން ދޯނިފަހަރުގައި އާރްއެސްޑަބްލިޔު ސިސްޓަމްތައް ގާއިމްކުރުމުން އައިސް ޕްލާންޓްތަކަށް ބަރޯސާވާ މިންވަރު ކުޑަވެ، ތެލަށް ކުރާ ހޭދަ ސަލާމަތްވާނެ ކަމަށެވެ. އަދި އުޅަނދުފަހަރު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ މަސްވެރިންނަށް ލިބޭ ސާފު އާމްދަނީ އިތުރުވެ، މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ކުރިއެރުމެއް ގެނެސްދޭނެ ކަމެއް ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މި ބަދަލާ ގުޅިގެން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ، މިއީ ރާއްޖޭގެ އުތުރާއި ދެކުނުގައި ހަރަކާތްތެރިވާ އޮޑިވެރިންނާއި މަސްވެރިންނަށް މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެއް ކަމަށާއި، "އެއްވެސް ރަހުނަކާ ނުލައި ދޫކުރާ މި ލޯނުތަކާއެކު މަސްވެރިން ބާނާ މަސް، ތާޒާކަންމަތީ ބެހެއްޓުމަށް އެންމެ ޒަމާނީ ވަސީލަތް ދޯނިފަހަރުގައި ގާއިމްކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

ލިމިޓު ބޮޑުކޮށް އާރުއެސްޑަބްލިޔު ސިސްޓަމާއި އިންޖީނު އަޅަން، ލޯނަށް ހުޅުވާލައިފި
ލިމިޓު ބޮޑުކޮށް އާރުއެސްޑަބްލިޔު ސިސްޓަމާއި އިންޖީނު އަޅަން، ލޯނަށް ހުޅުވާލައިފި

އެސްއެމްއީ ޑިޖިޓަލްގެ މޮބައިލް އެޕް ތައާރަފުކުރުމުގެ ތެރެއިން.

މަސްވެރިކަމަކީ ދެކޮޅުޖެހޭ މަސައްކަތެއްގެ ގޮތުގައި ކުރެވޭ އިންވެސްޓްމަންޓެއް. މީގެ ސަބަބުން މަސްވެރިކަމުން އުފެއްދުންތެރިކަން އިތުރުކުރުމަށާއި ވެލިއު އެޑެޑް ޕްރޮޑަކްޓްތަކެއް އުފެއްދުމަށް އެހީތެރިވެދޭނެ. އަދި މިކަމުގެ ފައިދާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް، ވިޔަފާރިތަކަށާއި ރަށުގެ އިގްތިސާދަށް ހެޔޮ ގޮތުގައި ކުރާނެ" ބަދުރުއްދީން ޙަސަން ވިދާޅުވިއެވެ.

އާރްއެސްޑަބްލިއު ފައިނޭންސިންގ އަށް އެދުމަށް އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓު www.smedigital.mvގައިވާ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށެހެޅޭނެކަމަށް އެބޭންކުން ވިދާޅުވިއެވެ.