ނިމުނު ހަފުތާގައި ތަފާތު އެކި ދާއިރާތަކުން މުހިންމު ކަންތައްތަކެއް ހިނގާދިޔައެވެ. (24 އޮކްޓޫބަރު) ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 އިން ފަހުރުވެރި ވަނަތައް ހާސިލުކުރެއްވި ފަރާތްތަކަށް އިނާމު ދީފައިވަނީ ހޮނިހިރު ދުވަހުގެރޭ އެކަމަށްޓަކައި ބާސެލޯ ނަސަންދުރައިގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުން މުޅި މައުރަޒުން އެންމެ މަތިން މާކްސް ހޯދައިގެން ރަންވަނަ ޙާޞިލުކުރެއްވި 5 އުފެއްދުމަކަށް އިނާމް ޙަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި އެކި ފަންތިތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި ފަރާތްތަކަށް ޖުމްލަ 298 އެވޯޑެއް ވަނީ ދީފައެވެ.
(25 އޮކްޓޫބަރު) އުފެއްދުންތެރިންނާއި މަސައްކަތްތެރިންގެ ފަންނުވެރިކަން އެއް ފުރާޅެއްގެ ދަށުން ދައްކާލުމަށް ބާއްވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ފަށާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ މި މައުރަޒު އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިއަހަރުގެ މައުރަޒުގައި 419 ފަރާތަކުން 4,404 އުފެއްދުން ވަނީ ބައިވެރިކޮށްފައެވެ. މިއީ މިދިޔަ އަހަރު 240 ފަރާތަކުން ބައިވެރިކުރި 2,400 އުފެއްދުމާއި އަޅާ ބަލާއިރު، %83.5 ގެ ކުރިއެރުމެކެވެ. މިއަހަރުގެ މައުރަޒުވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 9 ދުވަހުގެ މުއްދަތަށެވެ. އެގޮތުން މިމަހުގެ 25 އިން އަންނަ މަހުގެ 2ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި މައުރަޒު ކޮންމެ ދުވަހަކުވެސް ހަވީރު 16:00 ރޭގަނޑު 23:00 އާއި ހަމަށް އާންމުންނަށް ހުޅުވިފައި ހުންނާނެއެވެ.

(25 އޮކްޓޫބަރު) ދަ ޕްލަސްގެ އިތުރު އެޕިސޯޑެއް ގެނެސްދީފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. މި ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ރަސްމާލެ މަޝްރޫޢާއެކު ރާއްޖޭގެ ޖީޑީޕީއަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށެވެ. ރައީސް ވިދާޅުވީ އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ މަޝްރޫޢަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަސްމާލޭގެ ތަރައްގީ ހަގީގަތަކަށް ހަދައިދޭނެ މުހިންމު މަޝްރޫޢެއް ކަމަށެވެ. މިމަޝްރުޢާއެކު އެރަށުގައި އެކަނިވެސް 15،000 ވަޒީފާ އުފެދޭނެ ކަމަށް އީގަލް ހިލްސްއިން ލަފާކުރެއެވެ. މިތަން ތަރައްޤީވެގެންދާއިރު 1500 އެއްހާ ފިހާރަ ހުންނާނެއެވެ. މިތަންތަން ހިންގުމަށް ދޫކުރާއިރު ދިވެހިނަށް އިސްކަންދޭނެއެވެ.
(28 އެކްޓޫބަރު) ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގެ އިތުރު އެޕިސޯޑެއް ގެެނެސްދީފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. މި ޕްރޮގްރާމަކީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ރައްޔިތުންނަށް މައުލުމާތު ފޯރުކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ނޭޝަން ޗެޓް ޕްރޮގްރާމުގައި ރާއިސް ދެއްކެވި ވާހަކަފުޅުގެ އުސްއަލިތައް:
- މިއީ ދަރަނި ކުޑަކުރެވި ކްރެޑިޓް ރޭޓިން މަތިކުރެވުނު 3 އަހަރު ކަމަށް ރައީސް ވިދާޅުވުން
- އީގަލް ހިލްސްއިން އަޅާ ފްލެޓުތަކަށް ސަރުކާރުން އެއްވެސް ޚަރަދެއް ނުކުރާނެކަމަށް ރައީސް ވިދާޅުވުން
- ޒަޔަނިޒަމާ ފާޅުގައި ދެކޮޅު، އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ރާއްޖޭގައި ނުތިބެވޭނެ ކަމަށް ރައީސް ވިދާޅުވުން
- ބަޖެޓުގެ އެންމެ އިސް އަމާޒަކީ ތަރައްގީވެފައިވާ ގައުމަކަށް ވުމުގެ ސިޔާސަތުގެ ބިންގާ އެޅުން ކަމަށް ރައީސް ވިދާޅުވުން

(29 އޮކްޓޫބަރު) "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ އިތުރު އެޕިސޯޑެއް ގެނެސްދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްލައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ވީހާވެސް ފުޅާދާއިރާއެއްގައި އެފުރުސަތު ދެއްވުމަށްޓަކައި ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފަހި މާހައުލެއް ޤާއިމްކޮށްދެއްވާނެކަމަށާއި، މިހާރަށް ވުރެ ބޮޑަށް އެކަމަށް އިސްކަން ދެއްވާނެކަމަށެވެ.

މަޖިލިސް ޚަބަރު
(27 އޮކްޓޫބަރު) ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރުތަކަށް ބަހުސްކުރުމުގެ ކުރިން ޤަރާރު ބަލައިގަންނަން ފާސްނުވެއްޖެނަމަ ޤަރާރު ބާތިލުވާގޮތަށް މަޖިލީހުގެ ޤަވާއިދު އިސްލާހުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މިި ބަދަލުތައް ގެނެސް، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 272 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، މަޖިލީހުގެ ޤަވާއިދުގެ 191 ވަނަ މާއްދާ އިޞްލާޙު ކުރުމަށް ހުށަހެޅުއްވީ، ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރެވެ. މިއަދު މަޖިލީހުގައި ވަނީ އެ މައްސަލަ ޢާންމު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަޙުސްކޮށްފައެވެ. މަޖިލީހުގެ ޤަވާއިދަށް އިސްލާހު ގެނެސްފައިވަނީ، 56 މެމްބަރުންގެ ވޯޓާއެކުގައެވެ. އިސްލާޙު ބަލައިގަންނަން ނުފެންނަކަމަށް 11 މެމްބަރުން ވޯޓު ދެއްވިއެވެ.
(28 އޮކްޓޫބަރު) ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބުދަ ދުވަހުއެވެ. މަލިއްޔަތު ކޮމިޓީންވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އެލަވަންސް އިތުރުކުރުމަށް މިމަހުގެ 21 ގައި ފާސްކޮށްފައެވެ. މަޖިލީހުގެ ރައީސްގެ އެލަވަންސް އިތުރުކުރުމަށް ހުށަހަޅުއްވާފައިވަނީ، މިހާރު މަޖިލީހުގެ ރައީސަށް 73،125 ރުފިޔާ ލިބިވަޑައިގަންނަވާތީ، މަޖިލީހުގެ ރައީސްގެ މުސާރަ ބޮޑުކުރުމަށްޓަކައެވެ. މިހުށަހެޅުމުގައި ވަނީ، މަޖިލީހުގެ ރައީސަށް ލިބިދޭ އެލަވަންސަށް 22،000 ރުފިޔާ އިތުރު ކުރުމަށެވެ. މިއާއެކު މަޖިލީހުގެ ރައީސަށް މުސާރައިގެ ގޮތުގައި 95،125 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

ވިޔަފާރީގެ ދާއިރާ:
(25 އޮކްޓޫބަރު) ދައުލަތުގެ ބިންތަކުގައި އައްޑޫގައި ވިޔަފާރިކުރާ ފަރާތްތަކަށް ކުލި ދައްކަން ނުޖެހޭ ގޮތަށް ހަދަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު އުފެއްދުންތެރިކަމުގެ މައުރަޒު 2026 އިން ފަހުރުވެރި ވަނަތައް ހާސިލުކުރެއްވި ފަރާތްތަކަށް އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އައްޑޫގައި ޚާއްސަ އިޤްތިޞާދީ ސަރަޙައްދެއް ކަނޑައަޅައި 3 އަހަރަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި އައްޑޫއަށް އިޤްތިޞާދީ ގޮތުން ޚާއްސަ ލުއިތަކެއް ދޭން ނިންމާފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން 2027 އިން 2029 އަށް 3 އަހަރުގެ މުއްދަތަށް އައްޑޫ ސިޓީއާއި، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫ ހިމެނޭހެން އައްޑުއަތޮޅަކީ، ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް އިންވެސްޓްކުރުމަށް ގިނަ ލުއިތަކެއް ލިބިގެންދާނެ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވިއެވެ.
(28 އޮކްޓޫބަރު) ޗައިނާ - މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް ބާއްވާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހަވާސާގައި ބޭއްވި ފޯރަމުގައި 100އަށްވުރެ ފަރާތުން ބައިވެރިވެފައިވާއިރު އޭގެތެރޭގައި ޗައިނާގެ 40އަށްވުރެ ގިނަ ކުންފުނިން ހިމެނެއެވެ. މި ފޯރަމު ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވަނީ 2040 ވަނަ އަހަރާ ހަމައަށް ތަރައްގީވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރުގައި ބައިވެރިވުމަށް ޗައިނާގެ އިންވެސްޓަރުންނަށް ދަޢުވަތު ދެއްވާފައެވެ. އެމަނިކުފާނު ވަނީ ރާއްޖޭގެ ތަރައްގީގައި ޗައިނާއަކީ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
(27 އޮކްޓޫބަރު) މުދަލާއިއެކު ކޮންޓެއިނަރ ދޫކުރުމުގެ ޚިދުމަތް ތިލަފުށި ޕޯޓުގައި ފަށާފައިވަނީ އަންގާރަ ދުވަހުއެވެ. މިއީ، ތިލަފުށި ޕޯޓުން ދޭން ފެށި ފުރަތަމަ ޚިދުމަތެވެ. މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ، ރާއްޖޭގެ އިޤުތިޞާދު އެހެން ހަރުފަތަކަށް ގެންދިއުމަށް ހުރި ގޮންޖެހުންތައް ނައްތާލުމުގެ މަޤުޞަދުގައެވެ. ރާއްޖެއަކީ ގާތްގަނޑަކަށް ހުރިހާ ބާވަތްތަކެއްވެސް އެހެން ޤައުމުތަކުން އެތެރެ ކުރާ ޤައުމަކަށްވާއިރު، ރާއްޖެ އެތެރެވާ މުދަލުގެ ތެރެއިން މައިގަނޑު ގޮތެއްގައި ހުރިހާ ބާވަތެއްވެސް އެތެރެކުރަނީ މާލޭ ވިޔަފާރި ބަނދަރުންނެވެ. މިކަމާއި ގުޅިގެން ވިޔަފާރި ބަނދަރުވެފައިވަނީ، 24 ގަޑިއިރު ހިންގަންޖެހޭ ޤައުމުގެ އިޤުތިޞާދުގެ އެންމެ ބޮޑު އޮޕަރޭޝަނަށެވެ.
(29 އޮކްޓޫބަރު)އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިއަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހަޅާފައި ވަނީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރުއެވެ. އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މުޅި ޖުމްލަ 59,704,440,795 (ފަންސާސް ނުވަ ބިލިޔަން، ހަތްސަތޭކަ ހަތަރު މިލިޔަން، ހަތަރުލައްކަ ސާޅީސްހާސް ހަތް ސަތޭކަ ނުވަދިހަ ފަސް ރުފިޔާ) ގެ ބަޖެޓެކެވެ. މިއީ މިއަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓާއި އަޅާ ބަލާއިރު 4.5 ބިލިޔަން ރުފިޔާގެ ދަށް އަދަދެކެވެ. މިއަހަރުގެ ބަޖެޓަކީ 64.2 ބިލިޔަން ރުފިޔާއެވެ. މި ބަޖެޓުގެ ތަފްސީލުތަކަށް ބަލާއިރު، ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 52.6 ބިލިޔަން ރުފިޔާއެވެ. މި ޚަރަދުގެ ބޮޑު ބައެއް ކަމަށްވާ 42.7 ބިލިޔަން ރުފިޔާ ހިމެނެނީ ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދުގެ ގޮތުގައެވެ. ދައުލަތުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ހިމެނޭ ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިޔަން ރުފިޔާ ހިމެނެއެވެ. އަދި ޕީއެސްއައިޕީއަށް 8.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ވަނީ ހިމަނާފައެވެ.
ބަޖެޓުގެ އުސްއަލިތައް:
- ބަޖެޓުގެ އެންމެ އިސް އަމާޒަކީ ތަރައްގީވެފައިވާ ގައުމަކަށް ވުމުގެ ސިޔާސަތުގެ ބިންގާ އެޅުން
- އަންނަ އަހަރު އިޤްތިޞާދީ ދުވެލި %6.8އަށް ކުރިއަރާނެކަމަށް ލަފާކުރުން
- އަންނަ އަހަރު ދަރަނި ދެއްކުމަށް ހޭދަކުރަންޖެހޭ މިންވަރު 4.5 ބިލިޔަން ކުޑަކުރުން
- ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފަހި މާހައުލެއް ޤާއިމްކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވުން
އެހެނިހެން ދާއިރާތައް:
(24 އޮކްޓޫބަރު) ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ ތިންވަނަ ކޯސް ރަސްމީކޮށް އިފުތިތާޙުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނަކީ، ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްތަކުގެ ތެރެއިން ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
(28 އޮކްޓޫބަރު) މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް، އިންޒެކް 2026 ބާއްވާފައިވަނީ ނިމުނު ހަފުތާތެރޭގައެވެ. މިއީ މި ކޮންފަރެންސް ބާއްވާ 3 ވަނަ އަހަރެވެ. އިިންތަރނޭޝަނަލް ޒަކާތު ކޮންފަރެންސް، އިންޒެކްއަކީ، މާލީ އަދި އިޖުތިމާޢީ ނާޒުކު ޙާލަތްތަކާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކާއި، ވިލުންވެރި މުޖުތަމަޢުތަކެއް ބިނާކުރުމުގައި ޒަކާތުގެ ދައުރާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ޢިލްމުވެރިންނާއި، އިޤުތިޞާދީ މާހިރުންނާއި، ޒަކާތުގެ ކަންކަން ބަލަހައްޓާ ފަރާތްތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، މާލީ އިދާރާތަކާއި، މަދަނީ ޖަމްޢިއްޔާތަކުގެ މަންދޫބުންގެ އިތުރުން ކަމާއި ގުޅުންހުރި އެހެނިހެން ފަރާތްތައް އެއްތަނަކުން ބައްދަލުވެ މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.