ޔަހޫދީންގެ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބަށްފަހު، ޔަހޫދީންގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެރިކަމުން ދުރުކޮށް، އައު ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް އިދިކޮޅު ފަރާތްތަކުން ފަށައިފިއެވެ.

މިގޮތުން، އިދިކޮޅު ޑިމޮކްރެޓްސް ޕާޓީގެ ލީޑަރު ޔާއިރް ގޯލާން ވަނީ ޢަރަބި ޕާޓީއެއް ކަމުގައިވާ ޔުނައިޓެޑް އެރެބް ލިސްޓް، ރަޢާމްގެ ލީޑަރު މަންޞޫރު ޢައްބާސްއާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމާ ގުޅޭގޮތުން ގޯލާން ބުނީ، މިއީ ރައްޔިތުން އެދޭފަދަ އިސްލާޙީ ހެޔޮ ބަދަލުތަކުގެ ސަރުކާރެއް ވީ އެންމެ އަވަހަކަށް ޤާއިމުކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ޔަހޫދީންގެ އާންމު އިންތިޚާބުގެ ވޯޓު ގުނުން ނިމިފައިވާއިރު، ސަރުކާރެއް އެކުލަވައިލުމަށް ކޮންމެހެން ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތު ހޯދުމުގައި ނަތަންޔާހޫގެ އިއްތިޙާދު ވަނީ ނާކާމިޔާބުވެފައެވެ.

ޖުމްލަ 120 ގޮނޑި ހިމެނޭ ޤާނޫނުހަދާ މަޖިލީހުން ނަތަންޔާހޫގެ އިއްތިޙާދަށް ކާމިޔާބުކުރެވުނީ އެންމެ 53 ގޮނޑިއެވެ. އޭގެ ބަދަލުގައި، އިދިކޮޅު 'ޗޭންޖް ބްލޮކް' އިން 48 ގޮނޑި އަދި ޢަރަބި ޕާޓީތަކުން 19 ގޮނޑި ހޯދާފައިވުމުން، މި ދެބައި ގުޅިގެން 67 ގޮނޑީގެ އަޣުލަބިއްޔަތެއް ހޯދުމުގެ ފުރުޞަތު ވަނީ ތަނަވަސްވެފައެވެ.

މި ފުރުޞަތުގެ ބޭނުން ހިފައި، ޢަރަބި ޕާޓީތަކާއެކު އިއްތިޙާދުވެ އައު ސަރުކާރެއް އެކުލަވައިލުމަށް ގޯލާން ވަނީ އިދިކޮޅު އެހެން ލީޑަރުންނަށް ގޮވާލަައިފައެވެ.

ނަމަވެސް، އިދިކޮޅު ބައެއް ޕާޓީތަކުން ޢަރަބި މެންބަރުންނާއެކު އިއްތިޙާދުވުމަށް ޖެހިލުންވާތީ، އައު ސަރުކާރެއް އުފެއްދުމުގެ ކާމިޔާބީ ބިނާވެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ސިޔާސީ ޕާޓީތަކުގެ މެދުގައި ކުރިއަށްދާ މަޝްވަރާތަކުގެ ނަތީޖާގެ މައްޗަށެވެ.

ނަތީޖާތައް ކަށަވަރުކުރުމުގެ އެންމެ ފަހުގެ މަރުޙަލާތަކަށްފަހު، އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާންކުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ.