ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޤައުމު އޮތީ ބަނގުރޫޓުވުމާ ދިމާލަށް މިސްރާބު ޖަހާފައެވެ.

ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކާއި މާލީ އިދާރާތަކާއި ރާއްޖޭގެ ސިޔާސީ ބޭފުޅުންވެސް ޤަބޫލުކުރެއްވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދު އިނދަޖެހި، ބަނގުރޫޓުވާނެ ކަމަށް އައީ ޤަބޫލުކުރަމުންނެވެ. ނަމަވެސް ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ކުރެއްވި މަސައްކަތުން މިއަދު ފެނިގެންދަނީ ޤައުމުގެ ދުވެލި އިތުރަށް ބާރުވެފައިވާ މަންޒަރެވެ.

ރާއްޖޭގެ އިޤްތިޞާދު އަނބުރާ ކޮޅަށް ޖެހުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ހަރުދަނާ މަސައްކަތްތަކެއް ކުރައްވާފައެވެ. ކުރީ ސަރުކާރުތަކުން ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ ދަރަނިން ރައްޔިތުން ސަލާމަތް ކުރުމަށް ގިނަ ގޮންޖެހުންތަކާއެކު އެމަނިކުފާނު ކުރެއްވި މަސައްކަތުގެ ނަތީޖާ އަންނަ އަހަރަށް ލަފާކޮށް، ދައުލަތުން ހުށަހެޅި ބަޖެޓުގައި ފެނިގެންދެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ 3 އަހަރު މަސައްކަތް ކުރެއްވީ ރައްޔިތުން ދަރަނިން ސަލާމަތްކުރައްވައި، ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމަށް ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު ކްރެޑިޓް ރޭޓިން މަތިވެ، ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާއި މާލީ އިދާރާތަކުގެ އިތުބާރު ރާއްޖެއަށް ލިބިފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި އިންވެސްޓްމަންޓުތައްވެސް އިތުރުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަހަރު ފެށިއިރުގައި ރިކޯޑް މިންވަރެއްގެ ރިޒާވްއެއް އަޅުގަނޑުމެން ބިލްޑް ކުރިން. ގްރޮސް ރިޒާވް އަދި ޔޫސަބަލް ރިޒާވް. ބިލްޑްކޮށް އަޅުގަނޑުމެން މިވަނީ ރައްޔިތުން ބޮލުގައި އެޅިފައި ހުރި ވަރަށް ގިނަ ދަރަނިތަކުން ސަލާމަތްކޮށްދީފައި،" ރައީސް ވިދާޅުވިއެވެ.

ބަޖެޓުން ފެންނަނީ ޤައުމުގެ ދުވެލި ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ
ބަޖެޓުން ފެންނަނީ ޤައުމުގެ ދުވެލި ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ

"ނޭޝަން ޗެޓް" ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅުދައްކަވަނިކޮށް / ފޮޓޯ: ޕީއެސްއެމް ނިއުސް

މި މަސައްކަތްތަކާއެކު އަންނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި %6.8 އަށް ކުރިއަރާނެކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ. އަދި ދަރަނި ދެއްކުމަށް ސަރުކާރުން ކުރެއްވި މަސައްކަތުން މިއަހަރުގެ ނިޔަލަށް 11.7 ބިލިޔަން ރުފިޔާގެ ދަރަނި ދައްކައި، އަންނަ އަހަރު ދަރަނި ދެއްކުމަށް ހޭދަވާ އަދަދު ވަނީ ކުޑަކޮށްފައެވެ.

ބަޖެޓުން ދައްކާގޮތުގައި ދަރަނި އަނބުރާ ދެއްކުމަށް އަންނަ އަހަރު ހޭދަވަނީ 4.5 ބިލިޔަން ރުފިޔާއެވެ. މިއީ، މުސްތަޤުބަލުގެ ޖީލުތަކަށް ދަރަނީގެ ބުރަ ކުޑަކުރުމަށް ސަރުކާރުން އެޅި މުޙިންމު ފިޔަވަޅެއް ކަމަށް މާލީ ވުޒާރާއިން ސިފަކުރައްވައެވެ.

ކޮންމެ ސަރުކާރެއްގައިވެސް ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށްވެފައި އޮންނަނީ އެ ސަރުކާރަކުން ފަށާ މަޝްރޫއުތަކާއި އޭގެ ކުރީގެ ސަރުކާރުތަކުން ފަށައި، އެކި ސަބަބުތަކާހުރެ މަޑުޖެހިފައި ހުންނަ މަޝްރޫއުތައް ނުނިމި، ރައްޔިތުންނާއި ރަށަށް އޭގެ ގެއްލުން ލިބުމުގެ ޝަކުވާއެވެ. އަންނަ އަހަރުގެ ބަޖެޓުން ރައްޔިތުންގެ މި ޝަކުވާއަށްވެސް ސަރުކާރުން ވަނީ ހައްލު ހޯދައިދެއްވާފައެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ އެންމެ ބޮޑު އަމާޒެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މިވަގުތު ރާއްޖޭގައި ހިނގަމުންދާ މަޝްރޫއުތައް ނިންމުމެވެ. އެގޮތުން، އައު މަޝްރޫއުތައް ފަށަން ސަރުކާރުން ނިންމާފައިވަނީ މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ މަދުވެގެން %70 މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމައި، ރައްޔިތުންނާ ހަވާލުކުރުމަށްފަހުއެވެ.

"މި ދެންނެވީ މިސާލަކަށް 100 މަޝްރޫއޭ ހަވާލުކޮށްފައި އޮތީ، އެހެންވެއްޖެއްޔާ 70 މަޝްރޫޢު ނިންމާފައި ހަވާލުކުރާނަމޭ ރައްޔިތުންނާ. އެއީ، އަންނަ އަހަރުގެ ޓާގެޓަކީ،" ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތަށް އެމަނިކުފާނުގެ ސަރުކާރަކީ ތަރައްޤީއާއި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގެ ޒިންމާ ވަރަށް ރަނގަޅަށް އަދާކުރާ ސަރުކާރެއްކަން ބަޖެޓުން ފެންނަން އެބައޮތެވެ. އަދި ޚަރަދު ކުޑަކުރުމަށް ގެންގުޅުއްވާ ސިޔާސަތާއި ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމަށް ސަރުކާރުން ކޮށްފައި ހުރި މަސައްކަތްތަކާއި، މެކްރޯ އިކޮނޮމިކް އިންޑިކޭޓާތަށް ރަނގަޅު ކުރުމަށް ކުރައްވަމުންދާ ކަންކަމާއި، ފިސްކަލް ރެސްޕޮންސިިބިލިޓީ އިތުރަށް ވަރުގަދަ ކުރުމަށް ކުރައްވާ މަސައްކަތްތައްވެސް ބަޖެޓުގައި ވަނީ ފާހަގަކޮށްފައެވެ.