ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަކާތުގެ ޤާނޫނެއް ރާއްޖޭގައި ތަޢާރަފުވެގެން ދިޔައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެއާއެކު މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ޚާއްސަ އިދާރާއެއް އުފެދި، ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ.
ކޮންމެ އިދާރާއަކުންވެސް ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހުންނާނެވެ. ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް މޯލްޑިވްސް ޒަކާތު ހައުސްއިންވެސް އަންނަނީ ރޭވުންތެރިކަމާއެކު މަސައްކަތް ކުރަމުންނެވެ. އެގޮތުން، 2028ވަނަ އަހަރާ ހަމައަށް އެ އިދާރާއިން ހާސިލް ކުރަން ބޭނުންވާ ގިނަ ލަނޑުދަނޑިތަކާއެކު ޒަކާތު ހައުސްގެ އިސްތިރާޖީ ޕްލޭން ވަނީ މިހާރު ތަޢާރަފުކޮށްފައެވެ.
މޯލްޑިވްސް ޒަކާތު ހައުސި އިން އެކުލަވާލާފައިވާ މި ޕްލޭނަކީ، ޒަކާތުގެ އިދާރީ ނިޒާމު ޒަމާނީކުރުމަށާއި، އިޖުތިމާޢީ ރައްކާތެރިކަމާއި އިޤްތިޞާދީ ފުދުންތެރިކަން ކުރިއެރުވުމުގައި އެ އިދާރާގެ ދައުރު ވަރުގަދަކުރުމަށް އެކުލަވައިލެވިފައިވާ އޮނިގަނޑެކެވެ.
މި ޕްލޭނުގައި އެ އިދަރާއިން އިސްކަންދޭނެ މައިގަނޑު ހަތަރު އިސްތިރާޖެއް ފާހަގަކޮށްފައިވާއިރު، އެ ކަންކަން ހާސިލުކުރުމަށްޓަކައި ކަމާގުޅޭ ފަރާތްތަކުގެ ބައިވެރިވުމާއި، މާލީ ނަތީޖާއާއި، އޮޕަރޭޝަނަލް ހިންގުންތެރިކަމާއި، އަދި ދަސްކުރުމާއި ކުރިއެރުމުގެ ދާއިރާތައް ހިމެނޭހެން ނުވަ ސްޓްރެޓީޖިކް ލަނޑުދަނޑިއެއް ވަނީ ކަނޑައަޅާފައެވެ.

އިސްތިރާޖީ ޕްލޭނުގައި ޒަކާތު ހައުސިންއިން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ހިންގުމުގެ އުސޫލުތައް ޢާންމުކުރުމާއި، ގަވާއިދުން މާލީ ރިޕޯޓުތައް ހާމަކުރުމާއި، ޒަކާތް ދައްކާ ފަރާތްތަކަށާއި ޒަކާތުގެ މަންފާ ލިބޭ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމުގެ ތެރެއިން ދެފުށް ފެންނަ މިންވަރު އިތުރުކޮށް، ޒިންމާދާރުކަން ކަށަވަރުކޮށް، ޢާންމުންގެ އިތުބާރު ބޮޑުކުރުމަށެވެ. އަދި ތަޢުލީމީ ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުމުގެ ހަރަކާތްތައް މެދުވެރިކޮށް ޒަކާތާ ގުޅޭގޮތުން ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް އެ އިދާރާއިން ވަނީ އަމާޒު ހިފާފައިވެއެވެ.
ޒަކާތު ހައުސްއިން ވިދާޅުވާގޮތުގައި 2028ވަނަ އަހަރުގެ ނިޔަލަށް، ޒަކާތުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ޕްރޮގްރާމްތަކުގެ ޒަރީޢާއިން އާބާދީގެ މަދުވެގެން %25އަށް ވާސިލުވެ، އަލަށް ޒަކާތް ދައްކާ ފަރާތްތައް އަމިއްލައަށް އިސްނަގައިގެން ޒަކާތް ދެއްކުން %20 އިތުރުކުރެވޭނެއެވެ.
ކުންފުނިތަކާއި، ބޮޑެތި ވިޔަފާރިވެރިންނާއި، ޒުވާން ޕްރޮފެޝަނަލުން އަދި އަލަށް އުފެދޭ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ހިންގޭ ހަރަކާތްތަކުގެ ތެރެއިން ޒަކާތް ލިބޭ މިންވަރު ފުޅާކުރުމަށްވެސް މި ޕްލޭނުގައި ހިމަނާފައިވެއެވެ.
މުދަލު ޒަކާތް ލިބޭ މިންވަރު އަހަރަކު %10 އިތުރުކުރުމަށް ޒަކާތު ހައުސްއިން ވަނީ ނިންމާފައެވެ. އަދި، 2028 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާ ހަމައަށްދާއިރު އަހަރަކު ލިބޭ ޖުމްލަ ޒަކާތުގެ މަދުވެގެން %25 ކުންފުނިތަކާއި ބޮޑެތި ވިޔަފާރިވެރިންގެ ފަރާތުން ލިބޭ ޒަކާތް ކަމުގައި ހެދޭނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

ދާރުލް އަރުޤަމް އަދި ދާރުއްސަލާމް ހިމެނޭހެން ވަޤުފް މަޝްރޫޢުތައް ތަރައްޤީކުރުމަކީ ވެސް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބޭނެ ވަސީލަތްތައް ޤާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
އިސްތިރާޖީ ޕްލޭނުގައި ޒަކާތް ޙައްޤުވާ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އަމިއްލަ ދިރިއުޅުން ބިނާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްވެސް ލަނޑުދަނޑިވަނީ ކަނޑައަޅާފައެވެ. އެ އިދާރާގެ އަމާޒަކީ މިހާރުވެސް އެހީ ލިބޭ ފަރާތްތަކުގެ އުފެއްދުންތެރި މަސައްކަތްތަކުގެ ޤާބިލުކަމަށް ބަލައި ވަޒަންކޮށް، ޝަރީޢާ ހުއްދަކުރާ މާލީ އެހީ ކަނޑައެޅުމުގެ އައު ސިޔާސަތެއް އެކުލަވައިލުމެވެ.
2028 ވަނަ އަހަރުގެ ނިޔަލަށް، ދިގު މުއްދަތަކަށް އެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން %15 އާއި %20 އާ ދެމެދުގެ ނިސްބަތެއްގެ ބަޔަކު އަމިއްލަ ފުދުންތެރިކަމަށް ވާސިލުވެ، ކުރިއަށްއޮތް ތަނުގައި ޒަކާތް ދައްކާ ފަރާތްތަކަކަށް ބަދަލުވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ޒަކާތު ހައުސް އިން ވަނީ އަމާޒު ހިފާފައެވެ.
ޒަކާތު ހައުސްގެ މަސައްކަތްތައް ޒަމާނީކޮށް، އިދާރާގެ ޤާބިލުކަން އިތުރުކުރުމަށްވެސް މި ޕްލޭނުގެ ދަށުން މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. އެ އިދާރާގެ އަމާޒަކީ ޔުނިވަރސިޓީތަކާއި ސިޔާސަތުތައް އެކަށައަޅާ އިދާރާތަކާ ގުޅިގެން ދާއިރާއާ ގުޅުންހުރި ދިރާސާތައް ކުރެވޭނެ އިންތިޒާމުތައް ޤާއިމުކޮށް، ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގެންފައިވާ ޒަކާތުގެ އިދާރާތަކާއެކު އެއްބަސްވުންތައް ޤާއިމުކޮށް ޒަކާތުގެ ދާއިރާއިން ބައިނަލްއަޤްވާމީ އެއްބާރުލުން ވަރުގަދަކުރުމެވެ.
މި އިސްތިރާޖީ ޕްލޭނާއެކު ޒަކާތު ހައުސްގެ މަގުޞަދަކީ ދެފުށް ފެންނަ، ހަލުވި އަދި އިތުބާރު ހިފޭ ޒަކާތުގެ ނިޒާމެއް ބިނާކުރުމެވެ.