ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތިން ތެޔޮ ޓޭންކަރެއްގައި އަލިފާން ރޯވެ ގޮވާފައިވާ ކަމަށް އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ)އިން ބުނެފިއެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީން އިސްވެ އީރާނަށް ހަަމަލާދީ މެދުއިރުމަތީގެ ހަނގުރާމަ ފެށުމުން އީރާނުން ދަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމަށް ދަތިކުރަމުންނެވެ. އޭގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރަށް އޮންނަ ނުރައްކާ ބޮޑުވުމުގެ ސަބަބުން އިންޝޫރެންސްގެ އަގުތައް ވެސް ވަނީ އިންތިހާއަށް އުފުލިފައެވެ.

އައިއާރްޖީސީއިން ބުނީ ހުރްމުޒް ކަނޑުއޮޅިން ދަތުުރުކުރި އުޅަނދުތަކުގައި ރޯވެފައިވަނީ ދަތުރުކުރުމުގެ ޙުއްދަ ދީފައި ނުވާ މަގަކުން ދަތުުރުކުރަމުން ދަނިކޮށް ކަމަށެވެ. އެ އުޅަނދުތަކުގެ ތެރެއިން އެއް ޓޭންކަރު ދަތުުރުކުރަމުން ދިޔައީ ދެ މިލިއަން ފީފާގެ ތެޔޮ ބަރުކޮށްގެން ކަމަށާއި، އެ އުޅަނދު މައިނެއްގައި ޖެހިފައިވާ ކަމަށް އައިއާރްޖީސީއިން ބުނެއެވެ.

އައިއާރުޖީސީއިން މިހެން ބުނެފައިވާއިރު، ޢުމާންގެ ކަނޑުގެ ސިފައިން ވަނީ ހުރްމުޒް ކަނޑުއޮޅި ކައިރީގައި އޮންނަ މުސަންދަމްގެ ބޭރުގައި ރޯވެ އަނދަމުން ދިޔަ އުޅަނދަކުން 25 ފަޅުވެރިން ސަލާމަތްކޮށްފައިވާ ކަމަށް ބުނެފައެވެ. ޢުމާންއިން ބުނީ ޕަނަމާގެ ދިދައިގައި ދަތުުރުކުރަމުން ދިޔަ އެ އުޅަނދުގައި ރޯވެފައި ވަނީ ހަމަލާ ދިނުމުގެ ސަބަބުން ކަމަށެވެ. ފަޅުވެރިންނަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ކަނޑުގެ ސިފައިން ވަނީ ބުނެފައެވެ.

އީރާނުން އިތުރަށް ބުނީ ހުރްމުޒް ކަނޑުއޮޅީގެ އިރުމަތީ ފަޅިން އޮޔާދިޔަ އެމެރިކާގެ ފަޅު ބޯޓެއް ވެސް ނައްތާލާފައިވާ ކަމަށެވެ. އެމެރިކާގެ އަސްކަރިއްޔާއިން މިހާތަނަށް އެ ކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.