އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ޓެކުހުގެ ގޮތުގައި ލިބޭނެ އާމްދަނީ އިތުރުވާނެކަމަށް ވަނީ ބުނެފައެވެ. މި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޓެކުހުގެ ޤާނޫނުތަކަށް ގެންނަ އިސްލާހުތަކުގެ ސަބަބުންނެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިޔަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ. އާމްދަނީއާއި ހިލޭ އެހީގެ ތެރެއިން ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 33.6 ބިލިޔަން ރުފިޔާއެވެ.

އަންނަ އަހަރުގެ ތެރޭގައި ޓެކްސް އާމްދަނީ އިތުރުވާނެ ސަބަބެއްގެ ގޮތުގައި ޓެކުހުގެ ޤާނޫނުތަކަށް ގެންނަ އިސްލާހުތައް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު 18 އޮކްޓޫބަރ 2026ގައި ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށައަޅާފައެވެ. މިއާއެކު 19 އޮކްޓޫބަރ 2026 ގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުވެސް ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހުތަކާއެކު ޢާމްދަނީން ނަގާ ޓެކުހުން ލިބޭ އާމްދަނީ 495.3 މިލިޔަން ރުފިޔާ އިތުރަށް ލިބޭނެކަމަށް މީރާއިން ލަފާކުރެއެވެ. މި އިސްލާހަށް އަމަލުކުރަން ފެށުމަށް ބަޔާންކޮށްފައިވަނީ 1 ޖަނަވަރީ 2027އިން ފެށިގެންނެވެ.

ބަޖެޓު 2027: ޓެކްސް އާމްދަނީގެ ގޮތުގައި 33.6 ބިލިޔަން ރުފިޔާ
ބަޖެޓު 2027: ޓެކްސް އާމްދަނީގެ ގޮތުގައި 33.6 ބިލިޔަން ރުފިޔާ

ޖޭޑަބްލިއު މެރިއޮޓް ރިސޯޓް މޯލްޑިވްސް

އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި އަންނަ އަހަރު ލިބޭނެކަމަށް އަންދާޒާކުރެވެނީ 4،403.4 މިލިޔަން ރުފިޔާއެވެ. މިއަހަރު ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 4،103 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %7.3 އިތުރުވުމެކެވެ.

ފަތުރުވެރިކަމުގެ ރިކަވަރީއާއެކު 2027 އާއި މެދުރާސްތާގައި ސޭލްސް ކުރިއަރައި ޓީޖީއެސްޓީގެ ގޮތުގައި ލިބޭ އާމްދަނީވެސް ކުރިއަރާނެކަމަށް ބަޖެޓުގައި ވަނީ އަންދާޒާކޮށްފައެވެ. އަންނަ އަހަރު ޓީޖީއެސްޓީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ އަދަދަކީ 12،130.2 މިލިޔަން ރުފިޔާއެވެ.

އަންނަ އަހަރު މެދުރާސްތާގައިވެސް އައު ރިސޯޓްތައް ހުޅުވުމާއެކު ކުލި ދައްކާ ފަރާތްތައް އިތުރުވެ ރިސޯޓް ބިމު ކުލިން ލިބޭ އާމްދަނީ އިތުރުވެގެންދާނެކަމަށް ވަނީ ލަފާކޮށްފައެވެ. 2026 ވަނަ އަހަރު ރިސޯޓް ބިމު ކުލީގެ ގޮތުގައި ލިބޭނެކަމަށް މިހާރު ލަފާކުރެވޭ އަދަދަކީ 2،277.3 މިލިޔަން ރުފިޔާއެވެ. އަންނަ އަހަރު މި އަދަދު 2،369.1 މިލިޔަން ރުފިޔާއަށް އިތުރުވާނެކަމަށް ބަޖެޓްގައި ވަނީ ލަފާކޮށްފައެވެ.

އިންކަމް ޓެކުހަކީވެސް ދައުލަތައް ބޮޑު އާމްދަނީއެއް ލިބޭ ޓެކުހެކެވެ. އިންކަމް ޓެކުހުގެ ގޮތުގައި ހިމެނެނީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް، ބޭންކް ޕްރޮފިޓް ޓެކްސް، ނަން-ރެސިޑެންޓް ވިތުހޯލްޑިންގ ޓެކްސް އަދި ފަރުދުންގެ އާމްދަނީން ނަގާ ޓެކުހެވެ. 2027ވަނަ އަހަރު އިންކަމް ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ އާމްދަނީއަކީ 6،707 މިލިޔަން ރުފިޔާއެވެ. މިއީ 2026 ވަނަ އަހަރު ލިބޭނެކަމަށް މިހާރު ލަފާކުރާ އިންކަމް ޓެކުހަށްވުރެ %4.8 އިތުރު އަދަދެކެވެ.

އިންކަމް ޓެކްސް ލިބޭނެކަމަށް ލަފާކުރާ ގޮތް:

* ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް: 3،234.2 މިލިޔަން ރުފިޔާ
* ބޭންކް ޕްރޮފިޓް ޓެކްސް: 1،562 މިލިޔަން ރުފިޔާ
* ނަން ރެޒިޑެންޓް ވިތު ހޯލްޑިންގް ޓެކްސް: 1،360 މިލިޔަން ރުފިޔާ

ރާއްޖޭގައި ތަކެތީގެ އަގުތައް އުފުލި، ޓެކްސް ދައްކާ ފަރާތްތަކުން ޑިކްލެއަރކޮށްފައިވާ ޖީޖީއެސްޓީ ނެގޭ އާމްދަނީވެސް އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން 2027ވަނަ އަހަރު ޖީޖީއެސްޓީގެ ގޮތުގައި ލިބޭ އާމްދަނީ %7.3 އިން ކުރިއަރައި 6،245.4 މިލިޔަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

ކުދި ވިޔަފާރިތައް ކުރިއަރުވައި ވިޔަފާރިކުރުމަށް ހުރި ގޮންޖެހުންތައް މަދުކުރުމުގެ ގޮތުން 1 ޖަނަވަރީ 2027 އިން ފެށިގެން ޖީޖީއެސްޓީއަށް ރަޖިސްޓްރީކުރަންޖެހޭ އަހަރީ ސޭލްސް ތުރެޝޯލްޑް 1 މިލިޔަން ރުފިޔާއިން 1.5 މިލިޔަން ރުފިޔާއަށް މަތިކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.