ބ. އޭދަފުށީގައި ސަރުކާރުން ތަރައްޤީކުރާ އިސްލާމި މަރުކަޒުގެ ބިންގާ އަޅައިފިއެވެ.

ބ. އޭދަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތަތަކާއި އަޢުޤާފާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ޝިޖާއު ޢަބްދުލް ޙަކީމްއާއި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ.

2 ފަންގިފިލާގެ މި އިމާރާތުގައި ނަމާދުކުރުމުގެ އިތުރުން، އިތުރު މުހިންމު ޚިދުމަތްތަކެއް ދިނުމަށް ވަސީލަތްތައް ޤާއިމުކުރާނެއެވެ. މިސްކިތުގެ ނަމާދުކުރާ ބައިގެ ބައިގެ ޖަގައަކީ 700މީހުންނަށް ނަމާދުކުރެވޭނެ ޖާގައެވެ.

މީގެއިތުރުން އެކިއެކި ހަރަކާތްތައް ކުރިއަށްގެންދެވޭގޮތަށް މަލްޓިޕަރޕަސް ހޯލަކާއި އަދި 3 ކްލާސްރޫމްވެސް ތަރައްޤީކުރާނެއެވެ. އަދި ލައިބްރަރީއަކާއި އޮފީސް ބައެއްވެސް ހިމެނެއެވެ. ހިފްޒް ކްލާސްތައް ހިންގުމަށް ޚާއްސަ ބައެއްވެސް ހިމެނެއެވެ. ހިނަވާ ގެއެއްވެސް މި ޕްރޮޖެކްޓްގައި ހިމަނައިގެން ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އޭދަފުށި އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފި
އޭދަފުށި އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފި

ބ.އޭދަފުށި އިސްލާމީ މަރުކަޒުގެ ބިންގާއެޅުން. ފޮޓޯ:އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

މި ވަސީލަތްތަކުގެ މަޤްޞަދަކީ، މި މަރުކަޒަކީ އިސްލާމީ ތަޢުލީމު އުނގަންނައިދިނުމާއި، މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމާއި، އޭދަފުށީގެ ރައްޔިތުންނަށް ބޭނުންވާ ދީނީ ޚިދުމަތްތައް ފޯރުކޮށްދޭ ފުރިހަމަ ދީނީ އަދި ތަޢުލީމީ މަރުކަޒަކަށް ހެދުމެވެ.

ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމާއި ސްޓޭޓް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމް ދެއްކެވި ވާހަކަފުޅުގައި، ދީނީ ބިނާތައް ވަރުގަދަކުރުމުގެ މުހިންމުކަމުގެ މައްޗަށާއި، އިސްލާމީ ތަޢުލީމާއި އިޖުތިމާޢީ ޚިދުމަތްތައް ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒާޢާމަތުގެ ދަށުން، ރަށްރަށުގެ މުޖުތަމަޢުތަކަށް ބޭނުންވާ ޒަމާނީ، ފަސޭހައިން ޚިދުމަތް ލިބެންހުރި އަދި ފުރިހަމަ ވަސީލަތްތަކާއެކު އިސްލާމީ ބިނާތައް ޤާއިމުކުރުމަށް އިސްކަންދެއްވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ މަރުކަޒުތައް ޤާއިމުކުރުމުގެ ސިޔާސަތު ސަރުކާރުން އަންނަނީ ކުރިއަށްގެންދަވަމުންނެވެ.

ބ. އޭދަފުށީ އިސްލާމީ މަރުކަޒުގެ މަޝްރޫޢަކީ، އިސްލާމީ ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމަށާއި، ޖަމާޢަތުގައި ނަމާދުކުރާނެ ވަސީލަތްތައް އިތުރުކުރުމަށާއި، ރަށްރަށުގެ ފެންވަރުގައި ދީނީ ޚިދުމަތްތައް ފޯރުކޮށްދިނުން ވަރުގަދަކުރުމަށްޓަކައި ޤައުމީ ފެންވަރުގައި ކުރިއަށްގެންދެވޭ ތަރައްޤީގެ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.

އޭދަފުށި އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފި
އޭދަފުށި އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފި
ބ.އޭދަފުށި އިސްލާމީ މަރުކަޒުގެ ބިންގާއެޅުން. ފޮޓޯ:އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

މި މަޝްރޫޢުއަކީ ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. އޭދަފުށި އިސްލާމީ މަރުކަޒުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފަވަނީ ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

އޭދަފުއްޓަކީ ބ. އަތޮޅުގެ ވެރިކަންކުރާ ރަށެވެ. އެ ރަށުގެ އާބާދީ 2500އިން މައްޗަށް އަރައެވެ.

ސަރުކާރުން ދަނީ އިސްލާމީ މަރުކަޒުތަކާއި ޤުރުއާނާ ބެހޭ މަރުކަޒު އަދި މިސްކިތްތައް އިމާރާތްކުރުމުގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދަމުންނެވެ. އެގޮތުން އަތޮޅުތަކުގެ 12 ރަށުގައި މިހާރުވެސް އިސްލާމީ މަރުކަޒުތައް ދަނީ ތަރައްޤީކުރަމުންނެވެ. އަދި 16 ރަށެއްގައި ޤުރުއާނާ ބެހޭ މަރުކަޒު ދަނީ ތަރައްޤީކުރަމުންނެވެ. އަދި 45އަށްވުރެ ގިނަ މިސްކިތްތައް އެކި ރަށްރަށުގައި އަންނަނީ ތަރައްޤީކުރަމުންނެވެ.

އޭދަފުށި އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފި
އޭދަފުށި އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފި