އަމީނީ މަގު މަރާމާތު ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ 3ވަނަ ސެގްމަންޓުގެ މަސައްކަތްތައް އެއްކޮށް ނިންމައި، މި ހަފުތާ ނިމުމުގެ ކުރިން އެ ސަރަޙައްދު އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް ތައްޔާރުވެއްޖެއެވެ.
އަމީނީމަގު މަރާމާތުކޮށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީންއެވެ. އެމްޓީސީސީން މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްގެންދަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ.
އެމްޓީސީސީން ވިދާޅުވީ، މި ސެގްމަންޓުގައި ކުރިން އަޅާފައިވާ ތާރުގެ ތެރެއިން 1924.77 އަކަމީޓަރުގެ ސަރަޙައްދެއްގެ ތާރު ނެގުމަށްފަހު، އަލުން އޭބީސީ ފަށަލަ އަޅައި، ތާރު އެޅުމާއި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ޖަންކްޝަންތަކުގައި ކޮންކްރީޓް އެޅުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާއިރު، މި ހަފުތާގެ ތެރޭގައި މި ސަރަޙައްދު އާންމު ދަތުރުފަތުރަށް ހުޅުވާލާނެ ކަމަށްވެސް އެމްޓީސީސީން ވިދާޅުވިއެވެ.
Road marking works and concrete works on junctions are now complete for Segment 3 of the Ameenee Road Repair Project.
Ameenee Magu Segment 3 is scheduled to be open for public before end of this week.
#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC https://t.co/9hn9v1IklZ— MTCC Plc (@MTCCPlc)October 31, 2026
އަމީނީ މަގުގައި ހަލާކުވެފައިވާ ސަރަޙައްދުތައް މަރާމާތު ކުރުމުގެ ގޮތުން މި ސެގްމަންޓުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުއެވެ. މި ސަރަޙައްދުގައި ހިމެނެނީ ޢިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ މަގުގެ ބައެވެ.
އަމީނީ މަގުގައި ހަލާކުވެފައިވާ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ، ދެ ސެގްމަންޓެއްގެ މަސައްކަތެވެ. އެއީ، ސެގްމަންޓް 1ގެ ގޮތުގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަޙައްދާއި، ސެގްމަންޓް 2ގެ ގޮތުގައި ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ ހަތަރު އަނގޮޅި ކަންމައްޗެވެ. މި ދެ ސެގްމަންޓުގެ މަރާމާތުގެ މަސައްކަތް ނިންމާ މިހާރު ވަނީ، އާއްމުންނަށް މަގު ހުޅުވާލާފައެވެ.
3ވަނަ ސެގްމަންޓުގެ މަސައްކަތް ނިމި އާންމުންނަށް ހުޅުވާލުމާއެކު، ދެން ފެށުމަށް ހަމަޖެހިފައިވަނީ ސެގްމަންޓް 4 ގެ މަސައްކަތެވެ. 4ވަނަ ސެގްމަންޓުގައި ހިމެނެނީ ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާ ހަމައަށް އޮންނަ މަގުގެ ސަރަޙައްދެވެ. މި ސެގްމެންޓުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
އަމީނީ މަގުގެ އިންފްރާސްޓްރަކްޗަރ މިގޮތަށް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ނިމުމުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.