ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭ ބޯޑަށް އައްޔަނުކުރާ މެމްބަރުން ކަނޑައެޅުމަށް ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރެއްވި ވަގުތީ ނަތީޖާ ދައްކާގޮތުން މިއަދު ބޭއްވި ދެ އިންތިޚާބުވެސް ކާމިޔާބުކޮށްފައިވަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީންނެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް 3 މެންބަރުން އިންތިޚާބު ކުރަންޖެހެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރެވެ.

ސިޓީ ކައުންސިލްގެ ތެރެއިން އިންތިޚާބުކުރަންޖެހޭ މަޤާމަށް ކުރިމަތިލީ ހަމައެކަނި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ކަމަށްވާތީ އޭނާ ވަނީ އިންތިޚާބަކާއި ނުލައި އެ މަޤާމަށް ހޮވިފައެވެ.

މިއަދު ބޭއްވި ރަށު ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އެލްޖީއޭއަށް އައްޔަނުކުރާ ދެ މެންބަރުންގެ ހޮވުމުގެ އިންތިޚާބުގެ ކާމިޔާބުކޮށްފައިވަނީ ޕީއެންސީންނެވެ. ޕީއެންސީގެ ކެންޑިޑޭޓުންނާއި ވާދަކޮށްފައިވަނީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

ރަށު ކައުންސިލަރުންގެ ތެރެއިން އެލްޖީއޭއަށް އައްޔަންކުރާ މެމްބަރުގެ މަޤާމަށް ޕީއެންސީގެ އަލީ އަހުމަދު އިންތިޚާބުވެވަޑައިގަތީ އެމްޑީޕީގެ އަލީ ޒާފިރުއާ ވާދަކުރައްވައިގެންނެވެ.

އަލީ އަހުމަދު (ޕީއެންސީ) - 314 ވޯޓު
އަލީ ޒާފިރު (އެމްޑީޕީ) - 227 ވޯޓު

މި އިންތިޚާބުގައި 625 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު އޭގެތެރެއިން 541 މީހަކު ވޯޓުލާފައިވާއިރު، އެއީ ވޯޓުލުުމުގެ ހައްގު ލިބިފައިވާ 87 އިންސައްތައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އެލްޖީއޭއަށް އިންތިޚާބުވެވަޑައިގަތީ ޕީއެންސީގެ މަރިިޔަމް ޒީނާއެވެ. އޭނާއާ ވާދަކުރެއްވީ އެމްޑީޕީގެ މަރިޔަމް ނީނާއެވެ.

މަރިިޔަމް ޒީނާ (ޕީއެންސީ) - 93 ވޯޓު
މަރިޔަމް ނީނާ (އެމްޑީޕީ) - 67 ވޯޓު

މި އިންތިޚާބުގައި ވޯޓުލުމަށް 182 މީހަކު ރަޖިސްޓްރީކޮށްފައިވާއިރު، އޭގެތެރެއިން 160 މީހަކު ވަނީ ވޯޓުލާފައެވެ. އެއީ ވޯޓުލުުމުގެ ހައްގު ލިބިފައިވާ 87 އިންސައްތައެވެ.

މިއަދު ބޭއްވި ދެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 807 ފަރާތަކަށް ވަނީ ލިބިފައެވެ. އޭގެތެރެއިން 706 މީހަކު ވަނީ ވޯޓުލާފައެެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 87.5 އިންސައްތައެވެ.

އެލްޖީއޭއިން ވިދާޅުވީ އިންތިޚާބުގެ ދާއިމީ ނަތީޖާ 3 ނޮވެމްބަރުގައި އިއުލާންކުރާނެ ކަމަށް ވިދާޅުވިއެވެ.