މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން، ޞިއްޙީ ހިދުމަތް ފޯރުކޮށްދޭ އަމިއްލަ މަރުކަޒުތަކުން ޚިދުމަތް ހޯދާއިރު 15 އިންސައްތައިގެ ކޯ-ޕޭމަންޓެއް އަންނަ އަހަރުގެ ޖަނަވަރީ 1ގައި ފެށިގެން ނަގާނެކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން މިހާރު ވަނީ މިކަމާއި ގުޅޭ ގަވާއިދު ގެޒެޓްކޮށްފައެވެ.
60،000 ރުފިޔާ އަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭގޮތަށް ހަމަޖައްސަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހުއެވެ. އެގޮތުން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެގޮތައް އަމަލުކުރުމަށް ފެށުމަށް ވަނީ ނިންމާފައެވެ. މިއީ ދައުލަތުގެ ޞިއްޙީ އިންޝުއަރަންސް ނިޒާމު، އާސަންދަ ހަރުދަނާކޮށް އިސްރާފު ކުޑަކުރުމަށްޓަކައި ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅެކެވެ.
އާސަންދަ ނިޒާމުގެ ތެރެއިން ކޯ-ޕޭމަންޓު ނެގުމާއި ގުޅޭ އުސޫލު ގެޒެޓުކޮށްފައިވާއިރު، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ކޯ-ޕޭމަންޓް ނެގުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ސަރުކާރުގެ ފެސިލިޓީތައް ފިޔަވައި، އާސަންދަ ސްކީމުގައި ރަޖިސްޓަރީވެފައިވާ އަމިއްލަ ކްލިނިކްތަކާއި، ހޮސްޕިޓަލްތަކާއި، ފާމަސީތަކުގެ އިތުރުން އޮޕްޓިކަލް އަދި ޕްރޮސްތެޓިކް ޚިދުމަތް ދޭ ތަންތަނުންކަމަށެވެ. އެހެންކަމުން ސަރުކާރުގެ ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ޚިދުމަތް ހޯދާ ފަރާތްތަކުގެ އަތުން މިފަދަ އެއްވެސް ފީއެއް ނުނަގާނެއެވެ. މީގެއިތުރުން، ސަރުކާރުގެ ފެސިލިޓީތަކުން ޚިދުމަތް ހޯދާއިރު، މިހާރުވެސް ޢަމަލުކުރަމުންދާ އުޞޫލުގެ ދަށުން އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ފޮނުވަންޖެހޭ ޙާލަތްތަކުގައިވެސް އެއްވެސް ކޯ-ޕޭމަންޓެއް ނެގުމަކާ ނުލައި ފުރިހަމަ ޚިދުމަތް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
އާމްދަނީ ބޮޑު ނަމަވެސް، ޤައުމަށް ނުހަނު ބޭނުންތެރި ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމަށާއި ހިފެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން ބައެއް ފަރާތްތައް ވަނީ މި އުޞޫލުން އިސްތިސްނާކޮށްފައެވެ. އެގޮތުން އިސްތިސްނާވާ ފަރާތްތަކަކީ:
• ޑޮކްޓަރުންނާއި މެޑިކަލް ދާއިރާގެ ފަންނީ މުވައްޒަފުން
• ޕައިލެޓުންނާއި އޭވިއޭޝަން ދާއިރާގެ ފަންނީ މުވައްޒަފުން
• އިންޖިނިއަރުންނާއި ސައިންސް ބޭސްޑް ދާއިރާތަކުގެ ފަންނީ މުވައްޒަފުން
މިއީ އާސަންދަ ނިޒާމު ހަރުދަނާކުރުމަށާއި އިސްރާފު ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ވަރަށް މުހިންމު ނިންމެވުމެކެވެ. މި ނިންމެވުމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ވިދާޅުވެފައިވަނީ މި ސިޔާސަތަށް ގެންނަ އިޞްލާޙީ ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު ގާތްގަނޑަކަށް 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. މިގޮތަށް ސަލާމަތްކުރެވޭ ފައިސާ، ރައްޔިތުންނަށް އެންމެ ބޭނުންތެރި އެހެނިހެން އަސާސީ ކަންކަމަށާއި އިޖުތިމާޢީ ތަރައްޤީއަށް ހޭދަކުރުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.