ބަންގްލަދޭޝްގައި ޑެންގީ ހުން ޖެހިގެން މި އަހަރު މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައި ވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ބަންގްލަދޭޝްގެ ޞިއްޙީ ވުޒާރާއިން ހާމަކުރި މަޢުލޫމާތުން އެނގޭ ގޮތުގައި މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން 418 މީހުން މަރުވެފައިވާއިރު، އެ ބަލިޖެހިގެން ހަސްފަތާލުގައި އެޑްމިޓް ކުރި މީހުންގެ ޢަދަދު ވަނީ 133،000އަށް އަރައިފައެވެ. އޮކްޓޯބަރު މަހު އެކަނި ވެސް އެ ބަލީގައި 173 މީހުން މަރުވެފައިވާ ކަމަށާއި، އެއީ މަހެއްގެ މައްޗަށް އެ ބަލީގައި މި އަހަރު އެންމެ ގިނަ މީހުން މަރުވި ޢަދަދު ކަމަށް އެ ވުޒާރާއިން ބުނެއެވެ. އޭގެ ކުރީ މަހުގައި ޑެންގީ ބަލީގައި މަރުވެފައި ވަނީ 148 މީހުންނެވެ.
ބަންގްލަދޭޝްގައި ޑެންގީ ޖެހިގެން ގިނަ ޢަދަދެއްގެ މީހުން މަރުވަމުން ދަނީ އެ ޤައުމުގައި ހިމަބިހި ވެސް ހަލުވިކަމާއެކު ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. އެއީ މިހާތަނަށް ދުނިޔާގައި އެންމެ ބޮޑަށް އެ ބަލި ފެތުރިފައިވާ މިންވަރެވެ. އެ ބަލީގައި އެ ޤައުމުން 1،200އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ޑޮކްޓަރުން ބުނީ ޑެންގީ ޖެހިފައިވާ ގިނަ މީހުން ހަސްފަތާލުން ފަރުވާ ހޯދުމަށް އަންނަނީ ވަރަށް ބޮޑަށް ޙާލު ދެރަވުމުން ކަމަށެވެ. ދާކާގައި ހުންނަ ސަރުކާރުގެ ހަސްފަތާލެއް ކަމަށްވާ ޝަހީދު ސުހްރަވާދީ މެޑިކަލް ކޮލެޖު އެންޑް ހޮސްޕިޓަލްގައި ޑެންގީ ޖެހިފައިވާ 279 މީހުންނަށް ފަރުވާ ދެމުންދާ ކަމަށާއި، އެއް ދުވަހުގެ މަތިން 67 މީހުން އެޑްމިޓްކޮށްފައިވާ ކަމަށް އެ ހަސްފަތާލުން ބުނެއެވެ. ހަސްފަތާލުގެ ޑިރެކްޓަރު، މިރްޒާ ގޮލަމް ސަރުވާރު ވިދާޅުވީ ފަރުވާ ހޯދުމަށް އަންނަ ގިނަ ޢަދަދެއްގެ ބަލިމީހުން ހަސްފަތާލަށް އަންނައިރު ޙާލު ދެރަވެ ޝޮކް ޖެހިފައިވާ ކަމަށާއި، ބައެއް ފަހަރު މިން ނުކުރެވޭ ވަރަށް ލޭގެ ޕްރެޝަރު ދަށްވެފައި ހުންނަ ކަމަށެވެ. އެ މީހުންގެ އޮކްސިޖަން ހިފަހައްޓ މިންވަރު ވެސް ވެއްޓެމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މީގެ ކުރިން ޑެންގީ ޖެހިފައިވާ މީހުންނަށް ތަކުރާރުކޮށް ބަލިޖެހުމުގެ ސަބަބުންނާއި، ބަލި ދެނެގަތުން ލަސްވެ ފަރުވާ ލަސްވުމުން، ޙާލު ބޮޑުވާ މީހުންނާއި މަރުވާ މީހުންގެ ޢަދަދު އިތުރުވަމުންދާ ކަމަށެވެ. މަދިރި ބިސް އަޅާފަދަ މާހައުލުތައް ނައްތާލުމަށާއި ބަލީގެ އަލާމަތްތައް ފެންނަ އިރަށް ފަރުވާ ހޯދުމަށް ޑޮކްޓަރުން ދަނީ އިލްތިމާސް ކުރަމުންނެވެ. ޑެންގީ ވައިރަހުގެ ހަތަރު ސްޓްރެއިންއެއް ފެތުރެމުންދާތީ ބަލިޖެހުމުން ޙާލުބޮޑުވުމުގެ ފުރުޞަތު ބޮޑުވާ ކަމަށް ވެސް ތަޖުރިބާކާރުން ވިދާޅުވެއެވެ.
އޮކްޓޯބަރު މަހުގެ ތެރޭހައި މީހުން މަރުވި ޢަދަދަށް ކުރިއަށް އޮތް މަސްތަކުގައި ޑެންގީ ޖެހިގެން މީހުން މަރުވާނެ ކަމަށް ނުބެލެވޭ ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއެވެ. ނަމަވެސް ނޮވެމްބަރު މަހުގެ ތެރޭގައި ވެސް ބަލި ހަލުވިކަމާއެކު ފެތުރެމުންދާނެ ކަމަށް ބެލެވެއެވެ. ޙާލަތަށް ފާހަގަކުރެވޭ ވަރުގެ ހެޔޮ ބަދަލެއް ޑިސެމްބަރު މަހުގެ ކުރިން ފެންނާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް މާހިރުން ވިދާޅުވެއެވެ.
ބަންގްލަދޭޝްގައި ޑެންގީ ޖެހިގެން މިމަހު ރެކޯޑް އަދަދަކަށް މީހުން މަރުވި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed