އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ބްރައިޓަން މޮޅުވެ ސިޓީ އާއި ދެމެދުވާ ފަރަގު ކުޑަކޮށްފިއެވެ.
މި މެޗުން ބްރައިޓަން މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިޙާތަނަށް ކުޅުނު 9 މެޗުން ޖުމްލަ 19 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމް ލިބިފައެވެ. އެއްވަނައިގައި އޮތް މެންޗެސްޓަ ސިޓީއަށް 21 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް އާސެނަލްއަށްވެސް ލިބިފައިވަނީ 21 ޕޮއިންޓެވެ. ނަމަވެސް ސިޓީއަށް ކުރި ލިބިފައިވަނީ ގޯލުގެ ތަފާތުންނެވެ. މިއަދު އާސެނަލް ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެނަމަ އާސެނަލްއަށް ކުރި ލިބޭނެއެވެ.
މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް ބްރައިޓަން ނިކުތްއިރު މިދިޔަ ހަފްތާގައި އެ ޓީމު ވަނީ އިނގިރޭސި ކަރަބާއޮ ކަޕުން ކަޓާފައެވެ.
މި މެޗުގައި ބްރައިޓަން އިން ޖެހި ހަމައެކަނި ލަނޑަކީ މެޗުގެ 11 ވަނަ މިނިޓުގައި މެންޗެސްޓަރ ސިޓީގެ ޑިފެންޑަރ މެތިއުސް ނޫނޭޒް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ޔަސީން އަޔާރީ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ނަމަވެސް އޭގެ 10 މިނިޓު ފަހުން މެންޗެސްޓަރ ސިޓީއަށްވަނީ މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ރަގަޅު ފުރުސަތެއް ލިބިފައެވެ. އަރިމަތިން އެލިއަޓް އެންޑަސަން ނަގައިދިން ހުރަހަކުން އިލިމަން އެންޑިޔާއޭ ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާ ބްރައިޓަންގެ ކީޕަރު ވަނީ މަތަކޮށްފައެވެ.
މި މެޗުގެ ދެވަނަ ހާފުގައި ބްރައިޓަން އަށް ލީޑު ފުޅާ ކުރުމަށް ރަގަޅު ފުރުސަތެއް ލިބުނު ނަމަވެސް މެކްސިމް ޑެ ކުއިޕާރ ފޮނުވާލި ބާރު ހަމަލާ ސިޓީގެ ގޯލުކީޕަރު, ޑޮންނަރޫމާ ވަނީ މަތަކޮށްފައެވެ.
ސިޓީ ބަލިކޮށް ބްރައިޓަން ފަރަގު ކުޑަކޮށްފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed