އިޓާލިއަން ސެރީއާގައި އެންމެ ފަހުގެ ޗެމްޕިއަން އިންޓަރ މިލާން އާއި ވާދަވެރި އޭސީ މިލާންގެ ކުރިމަތިލުން މިލާން އިން ކާމިޔާބު ކޮށްފިއެވެ.
ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މިލާން ޑަރބީ އޭސީ މިލާން އިން ކާމިޔާބު ކޮށްފައިވަނީ 3 ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންޓަރއިންނެވެ. ނަމަވެސް މިއާއެކުވެސް މިމެޗުގެ ފެށުން ރަނގަޅުވީ މިލާންގެއެވެ. މިގޮތުން މެޗުގެ ފުރަތަމަ 10 މިނެޓްގެ ތެރޭގައި މިލާން އިން ވަނީ 2 ލަނޑުގެ ލީޑެއް ނަގައިފައެވެ.
މިމެޗުގައި މިލާންގެ ޑިއޭގޯ މޮރެއިރާވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން މިމެޗުގައި މޮރެއިރާވަނީ އެއް ލަނޑު ޖަހައިދީ މިލާން އިން ދެން ކާމިޔާބު ކުރި 2 ލަނޑު ޖެހުމުގައި ފުރުސަތު ތަނަވަސްކޮށްދީފައެވެ. މިމެޗުގައި މިލާން އިން ކާމިޔާބު ކުރި ފުރަތަަމަ ލަނޑު މެޗުގެ 4 ވަނަ މިނެޓުގައި މޮރެއިރާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ކްރިސްޓިއަން ޕުލިސިޗްއެވެ. އަދި މިލަނޑު ޖެހިތާ 6 މިނެޓް ފަހުން މޮރެއިރާ ނަގައިދިން ކޯނަރަކުން މިލާންގެ ދެވަނަ ލަނޑު ޖަހާ އެޓީމުގެ ލީޑު ފުޅާކޮށްދިނީ އެޑްރިއަން ރެބިއޯއެވެ. ރެބިއޯ މިލަނޑު ޖެހިލެން ރީތިކަމުން މެޗު ބަލަން އިން މިލާންގެ ކުރީގެ ތަޖްރިބާކާރު ކުޅުންތެރިޔާ ކާކާވަނީ އެގޮތަށް ލަނޑު ޖަހަން ދަސްކުރަން ބޭނުންވާކަމުގެ އިޝާރާތެއް އަތުން ދައްކާލައިފައެވެ.
މިމެޗުގައި އިންޓަރއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރ އެލޭސަންޑްރޯ ބަސްޓޯނީ އެވެ. މިލަނޑާއެކު އިންޓަރއިންވަނީ ގިނަ ހަމަލާތަކެއް އުފައްދާ މިލާންގެ ގޯލަށް ވަރަށް ބޮޑަށް ނުރައްކާ ކޮށްފައެވެ. މިގޮތުން މިލާންގެ ކީޕަރ މައިކް މިންޔޮންވަނީ އިންޓަރގެ ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިފާއު ކޮށްފައެވެ. މީގެތެރޭގައި ޖެޑް ސްޕެންސް، ހަކާން ޗަލަނޮގްލޫ، އެންޑީ ޑިއޫފް އަދި ޕެޓާ ސުސިޗްއަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ. އަދި އިންޓަރއިން އުފެއްދި މިހަމަލާތައް ނާކާމިޔާބު ވުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ ފުރަތަމަ ހާފް ނިމެން 2 މިނެޓަށް ވެފައިވަނިކޮށް މިލާންއިން އެޓީމުގެ ލީޑު ފުޅާކުރުމެއެވެ. މިލަނޑު ލިބުނު ހިލޭޖެހުމަކުން އެޓީމަށް ކާމިޔާބު ކޮށްދިނީ މޮރެއިރާއެވެ.
މިމެޗުގެ ދެވަނަ ހާފްގައި އިންޓަރއިން މެޗުން ނަތީޖާއެއް ނެރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް އެކަން އެޓީމަށް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. އަދި މިމެޗަށް ނިކުންއިރު އިޓާލިއަން ސެރީއާގައި ލާޒިއޯ އާއި އޭއެސް ރޯމާ އާއެކު މެޗަކުން ބަލިނުވާ ތިން ޓީމުގެ ތެރޭގައި އިންޓަރ އޮތް ނަމަވެސް މިނާކާމިޔާބީ އާއެކު އެޓީމު މިވަނީ މިސީޒަންގައި ލީގުގައި ފުރަތަމަ ފަހަރަށް ބަލިވެފައެވެ. އަދި މިއާއެކު އިންޓަރ މިވަނީ ފައިދާ ގޯލަށް ބަލާއިރު ތާވަލްގެ ދެވަނައަށްވެސް ވެއްޓިފައެވެ.
އިންޓަރ މިހާރު އުޅެނީ ކުޅުނު 10 މެޗުން ލިބިފައިވާ 25 ޕޮއިންޓާއެކު ތާވަލްގެ 2 ވަނައިގައެވެ. އަދި އެއްވަނައިގާ މިވަގުތު އުޅޭ ލާޒިއޯ މިހަފްތާގައި ކުޅޭ މެޗު ކާމިޔާބު ކޮށްފިނަމަ އެޓީމަށް ލީގުގައި 3 ޕޮއިންޓްގެ ލީޑެއް ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިމެޗުން ލިބުނު ކާމިޔާބީ އާއެކު މިލާން އުޅެނީ 21 ޕޮއިންޓާއެކު ތާވަލްގެ 4 ވަނައިގައެވެ.
މިލާން އަތުން ބަލިވެ އިންޓަރ ތާވަލުގެ ދެވަނަ އަށް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed