ނަފްސާނީ ފަރުވާ ހޯދުމަކީ ހިތްވަރުގަދަކަމެއްގެ ގޮތުގައި ބަލައިގަންނަ މުޖުތަމަޢެއް ބިނާކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ސާކް ސައިކޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ. އެކަމަނާ ވަނީ ނަފްސާނީގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެެކަނި ބޭސްފަރުވާއާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި އެއީ އިންސާނާގެ ކަރާމަތާއި އިންސާނީ ގުޅުމާއި މިއަދާއި މާދަމާގެ ކުރިމަގަށް ގެންގުޅޭ އުއްމީދާ ގުޅުންހުރި ކަމެއް ކަމަށެވެ. އަދި ކޮންމެ ނަފްސާނީ ކަމެއްގެ ފަހަތުގައި އެތައް ވާހަކަތަކެެއްވާ ކަމަށާއި އެކަންކަން ދެނެގަނެ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް މުޖުތަމަޢުގެ ދައުރު މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
"މީގެ ތެރޭގައި ހިމެނެނީ އެންޒައިޓީއާ ހަނގުރާމަ ކުރަމުންދާ ޒުވާނެއް. ޒިންމާތައް ބޮޑުވެ، ފިކުރު ބޮޑުވެފައިވާ ބެލެނިވެރިއެއް، އިމޯޝަނަލް ޑިސްޓްރެސް ބަޔާންކުރަން ނޭނގޭ ކުޑަކުއްޖެއް. ސުވާލުތަކަށް ޖަވާބުހޯދާ، އެއްބާރުލުން ބޭނުންވާ އާއިލާއެއް. މިއީ ހަމައެކަނި މެޑިކަލް ކޭސްތަކެއް ނޫން ނުވަތަ ތަފާސްހިސާބުތަކެއްވެސް ނޫން. އެއީ އިންސާނުން. އެއީ އާއިލާތައް. އެއީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ހިއްސާއެއް. އެއިން ކޮންމެ މީހެއްގެ ދުޅަހެޔޮކަން އަޅުގަނޑުމެންނަށްވެސް މުހިންމުވާންޖެހޭ،" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

ރައީސުލްޖުމްޙޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ޑިޕްރެޝަނާއި އެންޒައިޓީ އަދި ޓްރޯމާފަދަ ނަފްސާނީ މައްސަލަތައް އެކި އުމުރުފުރާގެ މީހުން ތަޖުރިބާކުރާއިރު އެކަންކަމުން އަރައިގަތުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މުޖުތަމަޢުގެ ނަޒަރިއްޔާތު ކަމަށެވެ. މީގެ ސަބަބުން އެކަންކަމަށް ފަރުވާ ހޯދުމުގައި ފަސްޖެހުންފަދަ ކަންކަން ދިމާވާ ކަމަށާއި ނަފްސާނީ ފަރުވާ ހޯދުމަކީ ހިތްވަރުގަދަކަމެއްގެ ގޮތުގައި ބަލައިގަންނަ މުޖުތަމަޢެއް ބިނާކުރަން ކޮންމެ ރައްޔިތަކުވެސް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވިގޮތުގައި އެކަން ކުރެވޭނީ އެންމެންގެ އަޅާލުމާއެކުގައި ކަމަށެވެ.
މަންމައެއްގެ ހައިސިއްޔަތުން ދަރިންނާއި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާމެދު ކަންބޮޑުވެވަޑައިގަންނަވާކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ ތަޢުލީމީ ގޮތުން ހުންނަ ޕްރެޝަރާއި މުޖުތަމަޢުގެ އުއްމީދުތަކާއި އާއިލާގެ ތެރޭގައި ހުންނަ ހަމަނުޖެހުންތަކާއި އޮންލައިންކޮށް އަންނަ ނުފޫޒުތަކުގެ ސަބަބުން އެ އުމުރުގެ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށް އޭގެ އަސަރުކުރާ ކަމަށެވެ. އެފަދަ ޒުވާނުންގެ ފަރާތުން ފެންނާނެ އަމަލުތައް ދެނެގަނެ، އެ ޒުވާނުންނަށް ބޭނުންވާ އެހީތެރިކަން ލޯތްބާއި އަޅާލުމާއެކު ދިނުން މުހިންމުކަމަށްވެސް ވިދާޅުވިއެވެ.
ދުޅަހެޔޮ މުސްތަގުބަލެއް ބިނާކުރެވޭނީ ނަފްސާނީގޮތުން ދުޅަހެޔޮ ދަރިންތަކެއް ބިނާކުރެވިގެން ކަމަށް ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. އެގޮތުން، ވިލުންތެރި އަދި ދުޅަހެޔޮ ޤައުމެއް ބިނާކުރުމަށް ނަފްސާނީ ފަރުވާ ތަރައްގީ ކުރުމަކީ މުހިންމު ކަމެއް ކަމަށް ރާއްޖޭން ގަބޫލުކުރާ ކަމަށާއި ޤައުމީ ޞިއްޙަތާބެހޭ އެޖެންޑާގައި ނަފްސާނީ ދުޅަހެޔޮކަން ހިމަނާފައިވުމުން ސަރުކާރުން އެކަމަށްދޭ މުހިންމުކަން ހާމަވާ ކަމަށް ވިދާޅުވިއެވެ. އަދި 2029ވަނަ އަހަރާ ހަމައަށް އެކުލަވާލާފައިވާ މެންޓަލް ހެލްތު ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުންވެސް ޤައުމީ ފެންވަރުގައި ނަފްސާނީ ފަރުވާ ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ރާއްޖެފަދަ ޖަޒީރާ ޤައުމެއްގައި ނަފްސާނީ ފަރުވާ ފަސޭހަކަމާއެކު ކޮންމެ ރަށަކުންވެސް ހޯދޭނެ ގޮތް ހަމަޖެހުމަކީ މުހިންމު ކަމެއްކަންވެސް ފާހަގަކުރެއްވިއެވެ.

ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި ކަންކަން ހައްލުކުރުމަށް ހުރި ގޮންޖެހުންތައް ދެކުނު އޭޝިއާގެ ޤައުމުތަކުގައި އެއްގޮތްކަން ފާހަގަކުރައްވައި ސައިކޭޓްރިކް ފެޑަރޭޝަންގެ ސަބަބުން ޤައުމުތަކުގެ ތަޖުރިބާކާރުން ގުޅިގެން ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރެވޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. އަދި އެ ފެޑަރޭޝަންގެ 16ވަނަ ކޮންފަރެންސްގެ ތެރެއިން ކުރެވޭ މަޝްވަރާތަކާއި ދިރާސާތަކުގެ އަލީގައި ކުރިއަށް އޮތްތަނުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާ އިތުރަށް ތަރައްގީވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގައި މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިންނަށާއި އެ ދާއިރާއިން ޚިދުމަތްތެރިން އުފައްދައި، ދިރާސާތައް ހެދުމަށް ޤައުމީ ޔުނިވަރސިޓީން ކުރައްވަމުން އަންނަ ކަންކަން ފާހަގަކުރައްވައި ޝުކުރުއަދާ ކުރައްވާފައެވެ.