މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައިވާއިރު މީގެތެރެއިން ބޮޑުބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ އާމްދަނީކަމަށް މާލީ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ، %9.8 އިތުރުވެފައެވެ.

އޮކްޓޫބަރު މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ މިންވަރު ހުރީ، 33.36 ބިލިއަން ރުފިޔާގައެވެ. މިއީ، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 31.60 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 5.6 އިންސައްތައިގެ ކުރިއެރުމެކެވެ.

ދައުލަތުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 9.8 އިންސައްތަ އިތުރުވުމެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސް އާމްދަނީގެ ގޮތުގައި 23.44 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު މި އަދަދު ވަނީ 25.73 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ މުދަލާއި ޚިދުމަތުގެ ޓެކްސް، ޓީޖީއެސްޓީއަކީ ދައުލަތުގެ އާމްދަނީގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ އެއް ޓެކްސްއެވެ. ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 5.7 އިންސައްތަ އިތުރުވެ، 8.87 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މީގެއިތުރުން ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 2.6 އިންސައްތަ އިތުރުވެ، 1.78 ބިލިއަން ރުފިޔާއަށް ވަނީ މައްޗަށް ގޮސްފައެވެ.

ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ %9.8 މައްޗަށް
ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ %9.8 މައްޗަށް

އެމިރޭޓްސްގެ ފްލައިޓުން ރާއްޖެއައި ފަތުރުވެރިންތަކެއް. ފޮޓޯ: އެމްއޭސީއެލް

އާމްދަނީ ލިބޭ އެހެނިހެން ދާއިރާތަކަށް ބަލާއިރު، ވިޔަފާރިއާއި މުދަލުން ނަގާ ޓެކްސްގެ ގޮތުގައި 5.97 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.82 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އާންމު މުދަލާއި ޚިދުމަތުގެ ޓެކްސް، ޖީއެސްޓީގެ ގޮތުގައި 4.46 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ޚަރަދުތަކަށް ބަލާއިރު މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ، 37.21 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ، މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 17.0 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރޭގައި ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދު 32.00 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައިވާއިރު، ތަރައްޤީގެ މަޝްރޫޢުތަކަށް ކުރާ ކެޕިޓަލް ޚަރަދު ވަނީ 5.21 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މި މުއްދަތުގެ ތެރޭގައި ކައުންސިލުތަކަށް ދޫކުރި ގްރާންޓް 15.9 އިންސައްތަ އިތުރުވެ، 2.08 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. ކެޕިޓަލް ޚަރަދުތަކުގެ ތެރެއިން ބިން ހިއްކުމާއި، ބިން ބެލެހެއްޓުމުގެ މަޝްރޫޢުތަކަށް ކުރި ޚަރަދު 89.7 އިންސައްތަ އިތުރުވެފައިވެއެވެ. އަދި އިމާރާތްތަކާއި ބިމަށް ކުރި ޚަރަދު ވެސް ވަނީ، 1.69 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.