މޯލްޑިވްސް އިސްލާމިކް ބޭންކުގެ މިއަހަރުގެ 3ވަނަ ކުއާޓަރުގެ ސާފު ފައިދާ 133 މިލިޔަން ރުފިޔާއަށް އަރާފައިވާކަމަށް މާލީ ރިޕޯޓުން ދައްކައިފިއެވެ. މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ރަނގަޅު މާލީ ނަތީޖާއެއް ޙާޞިލުކޮށްފައިވާ ކަމަށް އެބޭންކުން ބުނެއެވެ.
އެމްއައިބީއިން އާންމުކޮށްފައިވާ މިދިޔަ ކުއާޓަރުގެ މާލީ ނަތީޖާތަކުން ދައްކާ ގޮތުގައި މިއަހަރުގެ 3ވަނަ ކުއާޓަރުގެ ނިޔަލަށް އެމްއައިބީގެ ޖުމްލަ އެސެޓް ވަނީ، 20.30 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ, ކުރީ ކުއާޓަރާ އަޅާބަލާއިރު 5.15 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއީ 35.80 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ ކުއާޓަރުގައި ބޭންކުގެ ސާފު ފައިދާ ވަނީ، 133.00 މިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ، ކުރީ ކުއާޓަރަށްވުރެ 19.37 އިންސައްތަ އަދި ވޭތުވެދިޔަ އަހަރުގެ މި މުއްދަތަށްވުރެ 43.96 އިންސައްތައިގެ ކުރިއެރުމެކެވެ.
އެބޭންކުން އާންމު ކޮށްފައިވާ މިދިޔަ ކުއާޓަރުގެ މާލީ ނަތީޖާތަކުން ދައްކާ ގޮތުގައި، އެމްއައިބީގެ ޖުމްލަ އާމްދަނީގެ ގޮތުގައި 296.89 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 4.32 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި 2025ގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު، މިއީ 29.64 އިންސައްތައިގެ އިތުރުވުމެކެވެ.
ހަމަ މި މުއްދަތުގައި ކަސްޓަމަރުންގެ ޑިޕޮޒިޓްސްވެސް ވަނީ، 17.16 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ، ދެވަނަ ކުއާޓަރާ އަޅާބަލާއިރު 5.77 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 41.62 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މިއިން ދައްކުވައިދެނީ، ބޭންކަށް ކަސްޓަމަރުން ކުރާ އިތުބާރު ދެމިއޮތްކަމެވެ.
މީގެއިތުރުން ފައިނޭންސިންގ ވަނީ، 9.48 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ، ކުރީ ކުއާޓަރަށްވުރެ 5.22 އިންސައްތަ އަދި ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 34.07 އިންސައްތައިގެ ކުރިއެރުމެކެވެ.
ޑިޖިޓަލް ބޭންކިންގއަށް ބަލާއިރު، މި ކުއާޓަރުގައި އިންޓަނެޓް އަދި މޮބައިލް ބޭންކިންގ ލޮގިންގެ ޢަދަދު 14.5 މިލިއަނަށްވުރެ އިތުރުވެފައިވާއިރު، މިދިޔަ ކުއާޓަރުގައި އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ ބޭނުންކުރި ޢަދަދުވަނީ 33.67 މިލިޔަނަށްވުރެ އިތުރުވެފައެވެ. އަދި 570,000 އަށްވުރެ ގިނަ އޭޓީއެމް މުޢާމަލާތާއި، 2.9 މިލިއަން ޕީއޯއެސް މުޢާމަލާތުގެ އިތުރުން 4.01 މިލިއަން ކާޑު މުޢާމަލާތް މި މުއްދަތުގައި ރެކޯޑް ކުރެވިފައިވެއެވެ.
ރާއްޖޭގެ ފުރަތަމަ ފުލް ފްލެޖްޑް އިސްލާމިކް ބޭންކުގެ ގޮތުގައި އެމްއައިބީއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ، މާލީ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދީ، ޑިޖިޓަލް ބޭންކިންގެ އައު އީޖާދުތައް ތަޢާރަފުކޮށް، ބޭންކިންގ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްކަމަށް އެ ބޭންކުން ބުނެއެވެ.
އެމްއައިބީގެ ސާފު ފައިދާ 133 މިލިޔަން ރުފިޔާއަށް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed