ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން 25,000 ރުފިޔާގެ އިނާމަކާއެކު "ސްވައިޕް، ސްޕެންޑް، ވިން"ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަނަކީ، ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް 'ސްވައިޕް' ވޮލެޓުން ފައިސާ ދެއްކުމުން އިނާމު ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

ޕްރޮމޯޝަން ކުރިއަށްދާނީ، 1 ނޮވެންބަރުން ފެށިގެން 1 ޑިސެންބަރު 2026ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި މި ޕްރޮމޯޝަންގައި ބައިވެރިވާ މާޗަންޓުތަކުން ވިޔަފާރިކޮށް، ސްވައިޕް މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފުތާއަކު ގުރުއަތު ނަގާނެއެވެ. އަދި ޕްރޮމޯޝަން ނިމުމުން ހޮވޭ ނަސީބުވެރިޔާއަށް 25,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބީއެމްއެލްއިން ވިދާޅުވީ، މި ޕްރޮމޯޝަންގެ ތެރެއިން ކޮންމެ ހަފުތާއަކު ހޮވޭ ފަސް ނަސީބުވެރިންގެ ތެރެއިން ކޮންމެ މީހަކަށް 1,000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ ކަމަށެވެ. ޖުމްލަ ހަތަރު ހަފުތާގެ މަތިން ނެގޭ ގުރުއަތުލުންތަކުގައި 20 ފަރާތަކަށް އިނާމު ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. މީގެއިތުރުން ހަފުތާގެ ނަސީބުވެރިންނަށްވެސް ކުރިއަށް އޮތް ހަފުތާތަކުގެ ގުރުއަތުލުމުގައާއި، ގްރޭންޑް ޕްރައިޒު ކާމިޔާބު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އެބޭންކުން ވިދާޅުވިއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ، ބައިވެރިވާ މާޗަންޓެއްގެ އަތުން ސްވައިޕް ބޭނުންކޮށްގެން އެއްފަހަރާ 500 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ މުއާމަލާތެއް ކޮށްގެންނެވެ.

ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތާއި، ބައިވެރިވާ މާޗަންޓުންގެ ލިސްޓު ބީއެމްއެލްގެ ވެބްސައިޓް https://www.bankofmaldives.com.mv/Swipe-promotion އިން ލިބެން ހުންނާނެ ކަމަށް އެބޭންކުން މައުލޫމާތުދެއްވައެވެ.