ލަނޑުގެ ޖެހުމުގެ މައްސަލަ ކުރިމަތިވެފައިވާ ބަނގްލަދޭޝްގެ އެންމެ އުއްމީދީ ފޯވަޑް ރޯނަން ސޮލަވެންއަށް އަނިޔާވެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ނުކުޅެވޭނެކަން ޔަގީން ވެއްޖެއެވެ.

ބަނގްލަދޭޝްގެ ކޯޗު ތޯމަސް ޑޫލޭ އެންމެ ބޮޑަށް އުއްމީދު ކޮށްގެން ކުރީ ބުރާސްފަތި ދުވަހު އަމިއްލަ ގައުމުގައި ފަށާ މުބާރާތުގައި ޓީމުގެ ކުރިއަށް ރޯނަން ލައްވައި ކުޅުވާށެވެ. ނަމަވެސް އެމެރިކާ ލީގުގައި ކުޅޭ ކުޅުންތެރިޔާ އަށް އަނިޔާވުމުން މިހާރު ވަނީ ކުރިއަށް ކުޅުވާނެ ކުޅުންތެރިއަކާމެދު ވަރަށް ބޮޑު ބަހުސެއް އުފެދިފައެވެ. ކޯޗަށް މާގިނަ އޮޕްޝަންތަކެއް ވެސް ނެތެވެ.

"ރޯނަން ވަނީ އަހަރުމެންނަށް އަންގާފައި އޭނަ އަށް މުބާރާތަށް ނާދެވޭނެ ވާހަކަ. އޭނާ ހުރީ ވަރަށް ދެރަވެފައި،" މިއަދު ޓީމާ ގުޅެން އޮތް ކުޅުންތެރިޔާގެ އަނިޔާގެ ތަފްސީލު ނުދީ ބަނގްލަދޭޝްގެ ފުޓުބޯޅަ ފެޑަރޭޝަނުން ބުނެފައިވެއެވެ.

އުމުރުން 20 އަހަރުގެ ރޯނަން ވަނީ ދިވެހިރާއްޖޭގައި މި އަހަރު ބޭއްވި ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ބަނގްލަދޭޝް ޓީމުގައި މޮޅަށް ކުޅެފައެވެ. އޭނާ އަށް އަނިޔާވުމުން ކޯޗު ޑޫލޭ މިހާރު މަސައްކަތް ކުރަނީ އެހެނިހެން ގައުމުތަކުގައި ކުޅެމުންދާ ބަނގްލަދޭޝްގެ ކުޅުންތެރިންގެ ތެރެއިން ފޯވަޑަކު ހޯދުމަށެވެ. ރޯނަންގެ އިތުރުން ރަފޭލް ޓޫޑޯއަށް ވެސް އަނިޔާވެފައިވުމުން މިވަގުތު މުބާރާތުގައި ކުޅެވޭ ގޮތަށް ހުރި ފޯވަޑަކީ އިނގިރޭސި ނުވަ ޑިވިޝަނުގައި ކުޅޭ ފޯވަޑް މުހައްމަދު މާހޭ ހާންއެވެ. އޭނާ އަކީ މިހާތަނަށް ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިއެއްނޫނެވެ.

ސާފް ޗެމްޕިއަންޝިޕަށް ޑޫލޭ ވަނީ 28 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލައިފައެވެ. އޭނާ ގައުމީ ޓީމާ ހަވާލުވުމަށްފަހު ބަނގްލަދޭޝް އަށް ޓީމަށް މިހާތަނަށް ކުރަން އެންމެ ދަތވެފައިވާ ކަމަކީ ވެސް ގޯލު ޖެހުމެވެ. ޖޫން މަހު ޓީމާ ހަވާލުވި ކޯޗާއެކު ބަނގްލަދޭޝް މިހާތަނަށް ލަނޑު ޖަހާފައިވަނީ އެންމެ ހަތަރު ފަހަރުއެވެ. މީގެ ތެރެއިން ދެ ގޯލު ޖެހީ ޑިފެންޑަރު ޓޮޕޫ ބަރްމާންއެވެ.

މި މައްސަލައިގެ އިތުރުން ބަނގްލަދޭޝް އަށް މުބާރާތް ފަށަން ޖެހިފައިވަނީ ތަޖުރިބާކާރު އަދި ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ހަމްޒާ ޗައުދަރީ އާއި ފަރްހާން ޢަލީ ވާހިދު ނުލައެވެ. މި ދެ ކުޅުންތެރިންގެ ކުލަބުން ދޫނުކުރާތީވެ ގައުމީ ޓީމާ ގުޅެވެން އޮތީ ފުރަތަމަ މެޗަށް ފަހުއެވެ.

މުބާރާތުގައ ވާދަ ކުރަނީ ސާކުގެ ހަތް ގައުމުގެ ތެރެއިން ހަ ގައުމެވެ. ދިފާއީ ޗެމްޕިއަން އިންޑިޔާ ހިމެނެނީ ދިވެހިރާއްޖެ އާއި ޕާކިސްތާނާއެކު ގްރޫޕް އެކެއްގައެވެ. ބަނގްލަދޭޝް އާއި ބޫޓާނާއި ސްރީލަންކާ ހިމެނެނީ ގްރޫޕް ދޭއްގައެވެ. ސާކުގެ ހަތް ގައުމުގެ ތެރެއިން މި ފަހަރުގެ މުބާރާތުގައި ވާދަ ނުކުރަނީ ހަމައެކަނި ނޭޕާލެވެ. އެ ގައުމު ވަނީ ފީފާއިން ސަސްޕެންޑް ކޮށްފައެވެ.