ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމެންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ "އާރުވެރި" މެޗިންގ ގްރާންޓަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ "އާރުވެރި" މެޗިންގ ގްރާންޓް ޕްރޮގްރާމްގެ 7 ދާއިރާގެ ތެރެއިން 5 ދާއިރާއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ދާއިރާތައް:
* ފިޝިންގ ފްލީޓް ޑީކާބަނައިޒޭޝަން ގްރާންޓް - މި ފައިނޭންސިންގ ފަރުމާކޮށްފައިވަނީ މަސްދޯނިފަހަރުގައި ހަކަތައަށް ކުރާ ހޭދަ ކުޑަކުރެވޭނެ ނިޒާމުތައް ގާއިމް ކުރުމަށް
* ސާކުއިލާ އިކޮނޮމީ ޑިވެލޮޕްމަންޓް ގްރާންޓް - މި ފައިނޭންސިންގ ފަރުމާކޮށްފައިވަނީ ދަނޑުވެރިކަމާއި މަސްވެރިކަމަށް ދޫކޮށްފައިވާ ފަޅުރަށްރަށުގެ އުމުރާނީ ތަރައްގީއަށާއި މީހުން ދިރިއުޅޭ ރަށްރަށުގައި ލައިސަންސް ލިބިގެން ހިންގާ ދަނޑުވެރިކަމުގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ނިޒާމްތަކާއި، އުމްރާނީ ތަރައްޤީކުރުމަށް
* މެރިކަލްޗަރ ޑިވެލޮޕްމަންޓް ގްރާންޓް - މި ފައިނޭންސިންގ ފަރުމާކޮށްފައިވަނީ މެރިކަލްޗަރ ދާއިރާއިން އަލަށް ފަށައިގަންނަ އަދި މިހާރުވެސް އެ ވިޔަފާރި ކުރަމުންދާ އަމިއްލަ ފަރުދުންނާއި ކުންފުނިތައް ތަރައްޤީކުރުމަށް
* ސާކުއިލާ އިކޮނޮމީ ޑިވެލޮޕްމަންޓް ގްރާންޓް - މި ފައިނޭންސިންގ ފަރުމާކޮށްފައިވަނީ މަހުގެ ބާވަތްތައް ޕްރޮސެސްކުރާ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އިތުރުކުރުމަށް ބާރުވެރިކޮށްދޭ ތަރައްޤީގެ މަޝްރޫޢު ހިންގުމަށް
* އެސްއެމްއީ ޑިވެލޮޕްމަންޓް ގްރާންޓް - މި ފައިނޭންސިންގ ފަރުމާކޮށްފައިވަނީ ކުދި އަދި މެދު
ފަންތީގެ ވިޔަފާރިތަކުން މަހުގެ އަގު އެއްކުރި އުފެއްދުންތައް އިތުރުކުރުމާއި، ސިންދަފާތުކުރުމަށް މަގުފަހިކޮށްދިނުމަށް ( މި ފައިނޭންސިންގ ގައި، އަންހެނުންނާއި، ޒުވާނުންގެ ވިޔާފާރިތަކަށް ޚާއްސަ ސަމާލުކަމެއް ދޭނެ
ޖުމްލަ 278 މިލިޔަން ރުފިޔާގެ ބަޖެޓަކާއެކު ފަރުމާކޮށްފައިވާ މި ގްރާންޓް ސްކީމަކީ މަސްވެރި ސިނާއަތް ކުރިއަރުވައި މާލީ ގޮތުން ބާރުވެރިކުރުމަށް މިހާތަނަށް އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅެވެ. މި ސްކީމްގެ ދަށުން ހާއްސަ 7 ދާއިރާއަކަށް އިސްކަންދެވިފައިވާއިރު، މި ސްކީމަށް އެދި ހުށަހަޅައިގެން ފާސްވާ މަޝްރޫއުތަކުގެ ހަރަދުގެ 40 އިންސައްތަ ހަމަޖައްސައިދޭނީ ހިލޭ އެހީގެ ގޮތުގައެވެ.
މި ސްކީމްގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި މަސްވެރި ސިނާއަތުގައި ބޭނުންކުރާ ހަކަތަ ސަމަކާރަކުރުމާއި، ދެމެހެއްޓެނިވި އުފެއްދުންތެރިކަމުގެ އުސޫލުތައް ކުރިއެރުވުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުން ހިމެނެއެވެ. މީގެއިތުރުން، ނަފާވެރި ސިނާޢަތެއްގެ ގޮތުގައި މެރިކަލްޗަރ ތަރައްޤީކުރުމާއި، އަގު އެއްކުރި މަހުގެ އުފެއްދުންތައް އިތުރުކުރުމަށް ބޭނުންވާ ނިޒާމުތައް ގާއިމުކުރުމުގެ އިތުރުން، އަންހެނުންނާއި ޒުވާނުންނަށް ވިޔަފާރިއާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުންވެސް މި ސްކީމްގެ ދަށުން ހިމެނެއެވެ.
މިސްކީމަށް ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތައް https://aaruveri.fishagriocean.gov.mv މިލިންކުން ބަލާލެވޭނެއެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި ގްރާންޓަށް ކުރިމަތިލުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެ ގޮތުން ޕޯޓަލްގައި ބަޔާންކޮށްފައިވާ ލިޔެކިޔުން ހުށަހަޅަންވާނެއެވެ.
ސްކީމަށް ޝައުގުވެރިވާ ފަރާތްތަކަށް 30 ނޮވެންބަރު 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅޭނެއެވެ. އެޕްލިކޭޝަނާ އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.