ހދ. ކުރިނބީގައި މިވަގުތު ތެލަސީމިއާގެ ލޭ އަޅާ 2 މީހުން އެބަތިއްބެވެ. ރަށުން މިވަގުތު ލޭ އެޅުމުގެ ޚިދުމަތް ލިބުނުނަމަވެސް ލޭ ހަދިޔާ ކުރާމީހުންނާއި ތެލަސީމިއާ ޕޭޝަންޓްގެ ލެޔާ ދިމާވޭތޯ ޔަޤީންކުރަން ހަދާ ޓެސްޓްތައް ހެދެނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންނެވެ. ނަމަވެސް އެ ރަށުގައި މިހާރު ތަރައްޤީކުރަމުންދާ ސިއްހީ މަރުކަޒުގެ އައު އިމާރާތާއެކު އިތުރު ޚިދުމަތްތައް ލިބި މިފަދަ މައްސަލަތަކަށް ހައްލު ލިބިގެން ދިޔުމަކީ އެރަށު ރައްޔިތުންގެ އުންމީދެކެވެ.
ހދ. ކުރިނބީ ސިއްހީ މަރުކަޒަކީ މިހާރު 16 ގަޑިއިރަށް ޚިދުމަތް ދެމުންދާ މަރުކަޒެކެވެ. 1 ޑޮކްޓަރަކީ 5 ނަރުހުންނާއެކު ޚިދުމަތް ދެމުންދާ އެ މަރުކަޒަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަމެވެ. މުވައްޒަފުން ތިބުމަށް ކުޑަ ތަންކޮޅެއް ހުންނައިރު ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާ ދިނުމަކީވެސް ދަތިކަމަކަށް ވަނީ ވެފައެވެ.
ކުރިނބީ ސިއްހީ މަރުކަޒުގައި ހުރި ދަތިތަކާގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ކުރިނބީ ސިއްހީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރ ހެލްތު ސަރވިސަސް ފާތިމަތު ސަނީދާ ވިދާޅުވީ މިވަގުތު ސިއްހީ މަރުކަޒުގައި ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ހުރީ 3 އެނދުކަމަށެވެ. ނަމަވެސް އެ ޚިދުމަތް ދޭން ޖެހެނީ ބަލި މީހުންނަށް އެއްވެސް ޕްރައިވަސީއެއް ނެތިކަމަށް ސަނީދާ ވިދާޅުވިއެވެ. އެކްސްރޭ ނެގުމުގެ ޚިދުމަތް މިވަގުތަށް ލިބެން ނެތް އިރު ލެބޯޓަރީގެ ޚިދުމަތްވެސް ލިބެން ނެތްކަން ސަނީދާ ފާހަގަކުރެއްވިއެވެ. އަދި މިހާރު ޓެސްޓްތައް ހަދަންޖެހެނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވައިގެންކަމަށް ސަނީދާ ވިދާޅުވިއެވެ.
"ވަގުތީގޮތުން ލެބޯޓަރީއެއް ހަދާފައި އެބަހުރި، އަދި ޚިދުމަތް ނުފަށާ. މިވަގުތު ލޭ ނަގައިގެން ޓެސްޓް ހެދުމަށް ފޮނުވަނީ ކުޅުދުއްފުށީ ސިޓީއަށް. ތެލަސީމިއާ ކުދިންނަށް ލޭ އެޅުމަށްޓަކައި ޓެސްޓް ކުރަންވެސް ގެންދަން ޖެހެނީ ކުޅުދުއްފުއްޓަށް. ނަމަވެސް އެކުދިންނަށް ލޭ އަޅަނީ މި ސިއްހީ މަރުކަޒުން." ކުރިނބީ ސިއްހީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރ ހެލްތު ސަރވިސަސް ފާތިމަތު ސަނީދާ ވިދާޅުވިއެވެ.
އާންމު ރޯގާތައް ގިނަ ދުވަސްވަރެއްނަމަ ކުރިނބީ ސިއްހީ މަރުކަޒަށް ދުވާލަކަށް އެވްރެޖްކޮށް 11 މީހުން ޑޮކްޓަރަށް ދައްކައެވެ. އަދި އާންމު ދުވަސްތަކުގައިވެސް ދުވާލާއި ރޭގަނޑު ޚިދުމަތް ދޭއިރު އެވްރެޖްކޮށް 8 މީހުން ޑޮކްޓަރަށް ދައްކައެވެ. ކުރިނބީގައި ތަރައްޤީ ކުރާ އައު ސިއްހީ މަރުކަޒު އިމާރާތުގައި ލެބޯޓަރީއާއި މުވައްޒަފުން ތިބުމަށް ޚާއްސަ ސަރަޙައްދެއް ޤާއިމްކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ޕަބްލިކް ހެލްތު ޔުނިޓާއި ތެލަސީމިއާ ކުދިން އެޑްމިޓްކޮށްގެން ފަރުވާދެނޭ ޖާގަ ތަނަވަސް ތަނެއް ތަރައްޤިކުރާނެއެވެ.
ހދ. ކުރިނބީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ކުރިނބީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގައި ލެބޯޓްރީއާއި ވޯޑާއި ޕްރޮސީޖަރ ރޫމާއި ނާސިން ސްޓޭޝަނާއި ގަރާޖަކާއި ސްޓޯރޭޖް އޭރިއާއެއްގެ އިތުރުން ޕަބްލިކް ހެލްތު ޔުނިޓެއް ޤާއިމުކުރެވޭނެކަމަށެވެ. އަދި އައު އިމާރާތް ނިމުމުން 24 ގަޑިއިރު، ސިއްހީ ޚިދުމަތް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ކުރިނބީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގައި ލޭ އަޅާ ކުދިންނަށް ތަނަަވަސް ޖާގައެއް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed