ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް ނިޔާވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަވަހާރަވީ، އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. ނިޔާވެފައިވަނީ، އުމުރުން 72 އަހަރުގައެވެ.

ރިލްވާނަކީ ފިނޭންސް މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައި، އެ މިނިސްޓްރީގެ އެކި މަޝްރޫއުތަކާއި މާލީ ސިޔާސަތުތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި، ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމު ރިލްވާން އަދާކުރެއްވިއެވެ. ޚާއްސަކޮށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ރާއްޖެއަށް ގެނައި މާލީ ގިނަ އިސްލާހުތަކުގައި އޭނާގެ ދައުރު ބޮޑެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ދިރާގުގެ ބޯޑަށް ރިލްވާން އައްޔަންކުރައްވައި، ބޯޑު އޮފް ޑިރެކްޓަރުންގެ ޗެއާމަންކަން ކުރެއްވިއެވެ. އޭނާ އެ މަގާމުން ވަކިކުރީ، ފެބްރުއަރީ 2015 ގައެވެ.

ރިލްވާން ވަނީ، ގިނަ ދުވަސްތަކެއް ވަންދެން ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވާފައެވެ. އަދި މޯލްޑިވްސް ސްޓޮޮކް އެކްސްޗޭންޖުގެ ޑިރެކްޓަރު ކަމުގެ މަގާމުވެސް އަދާކުރެއްވިއެވެ.

ރިލްވާންއަކީ، އޮސްޓްރޭލިއާގެ މެލްބަންގައި ހުންނަ އާރުއެމްއައިޓީ ޔުނިވާސިޓީން މާސްޓާރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަންއިން އިންޓަނޭޝަނަލް މެނޭޖްމަންޓު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.