ނަސްރުގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ބޭއްވުމަށް ޖުމްހޫރީ މައިދާން ސަރަހައްދު މާދަމާ ބަންދުކުރަން ނިންމައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފުލުހުން ވިދާޅުވީ، ނަސްރުގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ބޭއްވުމަށް ޖުމްހޫރީ މައިދާނާއި، ޝަހީދުންގެ ބިނާ އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތަކާއި، އެ ސަރަހައްދުގެ ކަނޑުގެ ސަރަޙައްދު ބަންދުވާނެ ކަމަށެވެ. އެ ހަރަކާތްތަކަށް މާދަމާ ފަތިހުން ފެށިގެން ރެއާ ހަމައަށް އެ ސަރަހައްދު ބަންދުވާނެއެވެ.

ބަންދުކުރާ ސަރަހައްދުތައް
- ޖަމާއަތުގައި ފަތިސް ނަމާދު: ފަތިހު 04:00 އިން ފެށިގެން ނަމާދު ނިމެންދެން، އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތައް އެއްގަމު ދަތުރުފަތުރަށް ބަންދުވާނެއެވެ.
- ޝަހީދުންގެ ބިނާގައި ދިދަ ނެގުން: ފަތިހު 04:00 އިން ފެށިގެން އެ ރަސްމިއްޔާތު ނިމެންދެން، ޝަހީދުންގެ ބިނާ އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތައް އެއްގަމު ދަތުރުފަތުރަށް ބަންދުވާނެއެވެ.
- މިލިޓަރީ ޑިސްޕްލޭ: މެންދުރުފަހު 1:30 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތަކުގެ އިތުރުން ފަޅާއި، ކަނޑުގެ ސަރަހައްދުވެސް ބަންދުވާނެއެވެ.
- ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ: އިރުއޮއްސި 6:30 އިން ފެށިގެން ޖަލްސާ ނިމެންދެން ޖުމްހޫރީ މައިދާން ވަށައިގެންވާ މަގުތަކާއި، އެ ސަރަހައްދުގެ ފަޅު ބަންދުވާނެއެވެ.

ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 3 ވަނަ ދުވަސް ފާހަގަކުރަނީ، ނަސްރުގެ ދުވަހުގެ ގޮތުގައެވެ. ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާގައި ދިވެހި ޤައުމަށްޓަކައި، ޤައުމުގެ މިނިވަންކަމަށްޓަކައި އަދި މާތްވެގެންވާ އިސްލާމްދީނަށްޓަކައި، އެންމެ ވަރުގަދަ ޖިހާދެއް ކުރީ، އަޅުގަނޑުމެން އެބަޔަކަށްޓަކައި ފަޚުރުވެރިވުން ޙައްޤު ލޮބުވެތި ސިފައިންނެވެ. އެދުވަހު ސިފައިން ސާބިތުކޮށްދިނީ، ރާއްޖޭގެ ތާރީޚުގައި މަދުން ނޫނީ ފެންނަން ނެތް ފަދަ ހިތްވަރުގަދަ ކަމުގެ ފުރިހަމަ ނަމޫނާއެއް ކަމާމެދު ޝައްކެއްނެތެވެ. އެހެންކަމުން މިދުވަސް ފާހަގަކުރަނީ، އެ އުދުވާނީ ހަމަލާގައި ރާއްޖެ ސަލާމަތްކޮށްދެއްވި އަބްޠާލުންގެ ހަނދާން އައު ކުރުމުގެ ގޮތުންނެވެ.
މި ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ނަސްރުގެ ދުވަހުގެ ހަނދާނީ ބިނާ ކައިރީގައި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތަކާއި، ސިފައިންގެ އަސްކަރީ މާޗް އަދި ޝަރަފުގެ ތިލަފަތް އެރުވުމުގެ އިތުރުން ތަފާތު ގައުމީ ހަރަކާތްތައް މާލެއާއި އަތޮޅުތަކުގައި ބާއްވައެވެ.