ސާފް ޗެމްޕިއަންޝިޕުގައި ގްރޫޕް ސްޓޭޖުގައި ރާއްޖެ އާއި އިންޑިއާ ދެކޮޅަށް ކުޅޭ މެޗަކީ ވެސް ފައިނަލެއް ކަމަށާއި އަމާޒަކީ މުބާރާތުގެ ސެމީ ފައިނަލަށް ދިއުން ކަމަށް ޕާކިސްތާނުން ބުނެފި އެވެ.

ކޯޗު ނޮލްބާޓޯ ސޮލާނޯ މިހެން ބުނީ މުބާރާތުގެ އެންމެ ފަހުގެ ތައްޔާރުވުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ.
އޭނާ ބުނީ އެންމެ ފަހުން ޕާކިސްތާން ކުޅުނު މެޗުތަކާއެކު ކުޅުންތެރިންނަށް ވަރަށް ބޮޑު އިތުބާރެއް ލިބިފައިވާ ކަމަށެވެ.
"ކޮންމެ މެޗަކީ ވެސް ވަރުގަދަ މެޗެއް. އަހަރުމެން މި ތިބީ ޗެލެންޖް ކުރަން ތައްޔާރަށް. އަހަރުމެން މިދަނީ ވަރުގަދަ ޓީމެއް ބިނާކުރަމުން އަދި އުއްމީދުތައް ހާސިލްވުން އޮތީ ވަރަށް ގާތުގައި. އަހަރުމެން ރާއްޖޭގައި ވަރަށް ރަނގަޅު ނަތީޖާތަކެއް ހޯދިން. އޭގެ ފަހުން އަހަރުމެން ވާނީ އިންޑޮނީޝިޔާގައި ވަރަށް ރަނގަޅު ނަތީޖާތަކެއް ހޯދާފައި. އެހެންވީމާ އަހަރުމެންނަށް މިހާރު (ވާދަކުރަންޖެހޭ ޓީމުތަކުގެ) ފެންވަރު އެނގޭ،" ޕެރޫ އަށް އުފަން ކޯޗު ބުންޏެވެ.

އޭނާ ބުނީ އިންޑިޔާ އާއި ޕާކިސްތާނުގެ ވާދަވެރިކަމަކީ އޭނާގެ ގައުމު ދެކުނު އެމެރިކާގެ ޕެރޫ އާއި ޗިލީއާ ދެމެދުގައި އޮތް ކަހަލަ ވާދަވެރިކަމެއް ކަމަށެވެ.

"މީގެ ސަބަބުން ފޯރި ހިފާނެ. އަހަރެންނަށް އެނގޭ މި މެޗުތަކަކީ ސަޕޯޓަރުންނަށް ކިހާ މުހިންމު މެޗުތަކެއްކަން. އަހަރުމެން މަސައްކަތް ކުރަނީ ސަޕޯޓަރުން އުފާކޮށްދޭން،" ކޯޗު ބުންޏެވެ.

އޭނާ ބުނީ މުބާރާތުގެ ސެމީ ފައިނަލަށް ދިއުމަށް ކޮންމެ މެޗަކަށް ވަކިވަކިން ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށެވެ.

"ބުރާސްފަތި ދުވަހު ކުޅޭ އިންޑިޔާ މެޗަކީ ވަރަށް ބޮޑު މެޗެއް. އޭގެ ފަހުން ރާއްޖެ މެޗު ވެސް. އަހަރުމެންގެ ފޯކަސް ބަހައްޓާނީ މެޗަކަށް ފަހު މެޗަކަށް. ޓާގެޓަކީ ސެމީ ފައިނަލަށް ދިއުން. ކޮންމެ މެޗަކީ ވެސް ފައިނަލެއް. ފުރަތަމަ ފައިނަލަކީ އިންޑިއާ މެޗު. ދެ ވަނަ ފައިނަލަކީ ރާއްޖެ މެޗު،" ކޯޗު ބުންޏެވެ.

ޕާކިސްތާނުގައި ވަރުގަދަ ޕްރޮޕެޝަނަލް ލީގެއް ނެތުމަކީ ގައުމީ ޓީމެއް ބިނާކުރަން ހުރި ގޮންޖެހުމެއް ކަމަށާއި ނަމަވެސް އަންނަ އަހަރުން ފެށިގެން ލީގު ފަށާތީވެ އެއީ ކުޅުންތެރިންނަށް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތަކަށްވާނެ ކަމަށް ވެސް ކޯޗު ބުންޏެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފަށާނީ އަންނަ ބުރާސްފަތި ދުވަހު ބަނގްލަދޭޝްގަ އެވެ. ނޮވެމްބަރު 17އާ ހަމައަށް ކުރިއަށްގެންދާ މުބާރާތުގައި ދިފާއީ ޗެމްޕިއަން އިންޑިއާ އާއި ދިވެހިރާއްޖެ އާއި ޕާކިސްތާނާއެކު ގްރޫޕް އެކެއްގައި ހިމެނޭއިރު ބަނގްލަދޭޝް އާއި ބޫޓާނާއި ސްރީލަންކާ ހިމެނެނީ ގްރޫޕް ދޭއްގަ އެވެ. ސާކުގެ ހަތް ގައުމުގެ ތެރެއިން މި ފަހަރުގެ މުބާރާތުގައި ވާދަ ނުކުރަނީ ހަމައެކަނި ނޭޕާލެވެ. އެ ގައުމު ވަނީ ފީފާއިން ސަސްޕެންޑް ކޮށްފަ އެވެ.