ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ފަށަން އެންމެ ދެ ދުވަހަށްވީއެވެ. ސާކުގެ އެންމެ ބޮޑު މުބާރާތް މިހާ ކައިރިވިއިރު މި ފަހަރުގެ މުބާރާތް ބާއްވާ ގައުމު ބަނގްލަދޭޝް އާއި މުބާރާތް އިންތިޒާމްކުރާ ސާކުގެ ފުޓްބޯޅަ ޖަމިއްޔާ ސާފްއާ ދެމެދު ކޯޅުން އިތުރުވެއްޖެއެވެ.
ބަނގްލަދޭޝްގެ ލޯކަލް އޮގަނައިޒިން ކޮމިޓީން ބުނަނީ އެ ގައުމުގައި 2003 ވަނަ އަހަރާއި 2018 ވަނަ އަހަރު ބޭއްވި މުބާރާތަށްވުރެ މި ފަހަރުގެ މުބާރާތުގައި ބޭރަށް ފެންނަންހުރި ތައްޔާރީތައް ހުރިހާ ގޮތަކުން ވެސް ދަށް ކަމަށެވެ. މި ގޮތުން ފާހަގަކޮށްފައިވަނީ މުބާރާތާ ގުޅޭ އެއްވެސް ބެނާއެއް ނުވަތަ އިސްތިހާރެއް ވެރިރަށް ޑާކާގެ މަގުމަތިން ނުފެނުމާއި މުބާރާތުގެ ތަށި ދައްކާލުން ފަދަ އެއްވެސް ހަރަކާތެއް ނެތުމާއި މެޗުތައް ކުޅޭ ސްޓޭޑިއަމް ރީތިކުރުން ފަދަ އެއްވެސް ކަމެއް ނެތް ކަމަށެވެ. މީގެ އިތުރުން މުބާރާތުގެ ޓިކެޓް އަގުބޮޑު ކަމަށްބުނެ ސަޕޯޓަރުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.
މުބާރާތަށް އެންމެ ފުރަތަމަ ބަނގްލަދޭޝް އަށް ދިޔަ ޓީމަކީ ބޫޓާނެވެ. އެކަމަކު ލޯކަލް އޮގަނައިޒިން ކޮމިޓީން ބުނީ ސަރަހައްދީ އެންމެ ބޮޑު މުބާރާތަށް ގައުމަކުން ބަނގްލަދޭޝް އަށް އައިކަން ވެސް ނޭނގޭ ކަމަށެވެ. އަދި ބާކީ ތިބި ގައުމުތައް އަންނާނީ ކޮންއިރަކުން ކަމާއި އެ މީހުން ތިބޭ ތަންތަން ފަދަ އެއްވެސް މައުލޫމާތެއް އެނގެން ނެތް ކަމަށާއި މިފަދަ މުހިންމު ކަންކަން މާކެޓް ނުކުރެވޭ ކަމަށެވެ.
ލޯކަލް އޮގަނަޒިން ކޮމިޓީން އިތުރަށް ބުނީ ބޮޑު މުބާރާތެއް ބާއްވާކަން މަގުތަކުން ފެންނަން ނެތުމަކީ ބަނގްލަދޭޝާމެދު މެހުމާނުން ދެކޭ ގޮތް ގޯސްވާނެ ކަމެއް ކަމަށެވެ. އަދި ކުރީގެ މުބާރާތްތަކާ އަޅާ ބަލާއިރު މިފަހަރުގެ މުބާރާތުގެ ފޯރިކުޑަކަމަށް ފެންނަ ކަމަށެވެ.
"އަހަރުމެން ސާފްއާއެކު ވަރަށް ގިނަ ބައްދަލުވުންތައް ބާއްވައިފިން. އެ މީހުން ހުރިހާ ކަމެއް ކުރަނީ އަމިއްލަ އަމިއްލަ އަށް. އަހަރުމެން ކޮންމެ ވާހަކައެއް އެހިޔަސް ބުނަނީ ހުރިހާ ކަމެއް ވަގުތު ޖެހޭއިރު ހުންނާނީ ފުރިހަމަވެފައޭ. އެކަމަކު އެންމެ ދެ ދުވަހަށްވީއިރު އަހަރުމެންނަށް ބޭރަށް އެއްވެސް ކަމެއް ފެންނާކަށް ނެތް. މިހާލަތާމެދު އަހަރުމެން ހިތްހަމަ ނުޖެހޭ. މިއީ އަހަރުމެންނަށް ވަރަށް ބޮޑު މުބާރާތެއް. އަހަރުމެން ކިހިނެތް އެންމެ ފަހު ވަގުތު ކަންކަން ކުރަން ބުނީމާ އެކަން ކުރާނީ،" ލޯކަލް އޮގަނައިޒިން ކޮމިޓީގެ ޗެއާމަން ގޯލަމް ގައުސް ވިދާޅުވި އެވެ.
މި ފަހަރުގެ މުބާރާތުގެ އިންތިޒާމްތައް ހަމަޖައްސަން ސާފުން ވަނީ އިވެންޓް މެނޭޖް ކޮށްދޭ ކުންފުންޏަކާ ހަވާލު ކޮށްފައެވެ. މިއީ ސާފުގެ ބެލުމުގެ ދަށުން އަދި ސާފުގެ ބާރު ހިނގާ ގޮތަށް ކަންކަން ކުރުމަށް ގެނައި ބަދަލެކެވެ. ނަމަވެސް ލޯކަލް އޮގަނައިޒިން ކޮމިޓީން ސުވާލު އުފައްދަނީ އިވެންޓް މެނޭޖްކުރަން ހަވާލުކުރު ކުންފުނީގެ ގާބިލްކަމާމެދުގައެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފަށާނީ އަންނަ ބުރާސްފަތި ދުވަހު ބަނގްލަދޭޝްގައެވެ. ނޮވެމްބަރު 17އާ ހަމައަށް ކުރިއަށްގެންދާ މުބާރާތުގައި މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މުބާރާތުގެ ޓިކެޓްގެ އަގު ބޮޑުވުމެވެ. މި ފަހަރުގެ މުބާރާތުގެ މެޗެއްގެ އެންމެ އާދައިގެ ޓިކެޓެއްގެ އަގަކީ 500 ޓަކާ (ފަސްދޮޅަސް ދެ ރުފިޔާ އަށާވީސް ލާރި) އެވެ.
ލޯކަލް އޮގަނައިޒިން ކޮމިޓީގެ ފާޑުކިއުން ކުރިމަތިވިއިރު މިފަހަރުގެ މުބާރާތަކީ މިހާތަނަށް ސާފުން އެންމެ ގިނަ ސްޕޮންސަރުން ހޯދި މުބާރާތެއް. މި ގޮތުން ސްޕޮންސަރުންނާ ގުޅޭ ތަފާތު އިވެންޓްތައް ސާފުން ވަނީ ވަރަށް ކުލަގަދަކޮށް ބާއްވައިފައެވެ.
މުބާރާތުގައި ވާދަ ކުރަނީ ސާކުގެ ހަތް ގައުމުގެ ތެރެއިން ހަ ގައުމެވެ. ދިފާއީ ޗެމްޕިއަން އިންޑިޔާ ހިމެނެނީ ދިވެހިރާއްޖެ އާއި ޕާކިސްތާނާއެކު ގްރޫޕް އެކެއްގައެވެ. ބަނގްލަދޭޝް އާއި ބޫޓާނާއި ސްރީލަންކާ ހިމެނެނީ ގްރޫޕް ދޭއްގައެވެ. ސާކުގެ ހަތް ގައުމުގެ ތެރެއިން މި ފަހަރުގެ މުބާރާތުގައި ވާދަ ނުކުރަނީ ހަމައެކަނި ނޭޕާލެވެ. އެ ގައުމު ވަނީ ފީފާއިން ސަސްޕެންޑް ކޮށްފައެވެ.
ސާފް ޗެމްޕިއަންޝިޕް: ތައްޔާރީތަކާމެދު ބަނގްލަދޭޝް ހިތްހަމަނުޖެހޭ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed