ރައީސުލްޖުމްހޫރިއްޔާ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް، އެމްސީޖީއެޗް އާއި އިތުރު 5 ހޮސްޕިޓަލެއްގެ ގަވަރނިންގ ބޯޑުތައް އުވައިލައްވައި، މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް، އެމްޓީއެޗްޖީ އުފައްދަވައިފިއެވެ.
މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް، އެމްޓީއެޗްޖީ އުފައްދަވާފައިވަނީ ސަރުކާރުގެ ޞިއްޙީ ނިޒާމު ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ސަރުކާރުގެ ޓަރޝަރީ ހޮސްޕިޓަލުތަކާއި ޓަރޝަރީ ފެންވަރަށް ތަރައްޤީކުރަމުންދާ ސަރުކާރުގެ ހޮސްޕިޓަލުތައް އެއް ގަވަރނިންގ ބޯޑެއްގެ ދަށުން، ހައިބްރިޑް ސެންޓްރަލައިޒްޑް މޮޑެލްއަކަށް ހިންގަމުންދާނެ އިންތިޒާމު ހަމަޖެއްސެވުމަށެވެ.
އެމްޓީއެޗްޖީގެ ގަވަރނިންގ ބޯޑަކީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން، އެމަނިކުފާނަށް ޖަވާބުދާރީވާ، އަދި ސިއްހަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާއި ބެހޭ ވުވާރާއާ ގުޅިފައިވާ ގޮތަށް ހިނގަމުންދާނެ ބޯޑެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.
މި ބަދަލާއެކު، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑުތައް ވަނީ އުވައިލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމް.ޓީ.އެޗް.ޖީ)ގެ ގަވަރނިންގ ބޯޑާއި، އެ ބޯޑުން ބަލަހައްޓަވަމުން ގެންދާ ތަންތަނުގެ ކަންކަން ވިލަރެސްކުރައްވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސް ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
"މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕްގެ ގަވަރނިންގ ބޯޑު"ގައި ހިމެނިވަޑައިގަންނަވާ 18 ބޭފުޅުން
1- ޑރ. ޢަބްދުލްޢަޒީޒު ޔޫސުފް - ޗެއަރޕަރސަން ޑރ. ޢަބްދުލްޢަޒީޒު ޔޫސުފް އަކީ ގިނަ ދުވަހު ޞިއްޙީ ދާއިރާގައި މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
2- ޙުސައިން ޙަލީމް - ވައިސް ޗެއަރޕަރސަން، ޙުސައިން ޙަލީމް އަކީ އައިޓީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ.
3- ދަރުމަވަންތަ ހޮސްޕިޓަލްގެ ސީ.އީ.އޯ، އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް
4- ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީ.އީ.އޯ އަދި ޞިއްޙީ ދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރެއްކަމުގައިވާ، ޑރ. އިބްރާހީމް ޔާސިރު އަޙްމަދު.
5- ޕްރައިމަރީ ހެލްތްކެއަރގެ ތަޖުރިބާކާރެއް ކަމުގައިވާ ނަޔާޒު އަޙްމަދު
6- ޕަބްލިކް ހެލްތު ދާއިރާގެ ތަޖުރިބާކާރެއްކަމުގައިވާ، ޑރ. މަރްޔަމް ޖެނިފާ
7- ނަރސިންގ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ ފާޠިމަތު ޢާފިޔާ ވަޙީދު
8- ހުޅުމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް ކަމުގައިވާ، މޫސާ ކަލީމް ޤާސިމް
9- ވިލިމާލެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީ.އީ.އޯ، މުޙައްމަދު މަބްރޫކް
10 - ވިލިމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް ކަމުގައިވާ، ޢާލިމް ޝަކީލް
11- ސިއްހަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާއި ބެހޭ ވުޒާރާގެ ފަރާތުން، އަލްއުސްތާޛާ ތަސްލީމާ
12- މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާގެގެ ފަރާތުން، އާދަމް ބަދުރުﷲ
13- ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ، ނާޡިމާ ޢަލީ
14- އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ، ޑރ. އަޙްމަދު ޢަދީލް ނަޞީރު
15- އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ، ޙުސައިން ޢާޞިފް
16- ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ، އަޙްމަދު އަޝްރަފް
17- ގަން ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ، ޢަބްދުލްޙަންނާން ޢަބްދުއްރަޙީމް
18- ފުވައްމުލަކު ހޮސްޕިޓަލު ހިންގެވުމާ ހަވާލުވެހުންނެވި އިސްވެރިޔާ، ފަތުޙުﷲ ނަސީމް
ބޯޑުން ބަލަހައްޓަވަމުން ގެންދާ ތަންތަން:
ދަރުމަވަންތަ ހޮސްޕިޓަލް
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލް
ވިލިމާލެ ހޮސްޕިޓަލް
މޯލްޑިވިއަން ބްލަޑް ސަރވިސަސް
މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ދަށުން ހިނގަމުންދާ ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ގަން ރީޖަނަލް ހޮސްޕިޓަލް
ފުވައްމުލަކު ހޮސްޕިޓަލު
މާލެއާއި އަތޮޅުތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ޓަރޝަރީ ހޮސްޕިޓަލްތައް ގުޅާލާ "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް"ގެ ނަމުގެ ދަށުން ޚިދުމަތްތައް އެއް ވިއުގައަކުން ގުޅާލުމަށް ނިންމާފަވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ ޕީއެސްއެމް ނިއުސްގެ ނެޝަން ޗެޓްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ބަދަލާއެކު އެންމެ ބޮޑު އެއް ކަމަކަށްވާނީ، ސިއްޙީ ދާއިރާގައި ކުރާ އިސްރާފު ކުޑަކޮށް، އެންމެ އެކަށީގެންވާ، ބެލެހެއްޓެނިވި ޚިދުމަތުގެ ނިޒާމެއް ޤާއިމުކުރުމަށެވެ. މިކަމަށް ވާސިލުވުމަށް ސަރުކާރުން މިހާރު ނިންމާފަވަނީ، މާލެ ސަރަޙައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅުތަކުގައި ޓާރޝަރީ ފެންވަރަށް ތަރައްޤީކުރާ އެންމެހާ ހޮސްޕިޓަލްގެ ހިންގުން އެއް ވިއުގައަކުން ބަލަހައްޓާގޮތަށް ބަދަލުކުރުންކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އެންމެ ބޮޑު ފައިދާއަކަށްވާނީ، އެއް ހޮސްޕިޓަލް އަނެއް ހޮސްޕިޓަލާއި ހިންގުމުގެ ނިޒާމުގެ ގުޅުން ބަދަހިވެ، އެފިޝަންސީ އިތުރުވެ، ބޭކާރުގޮތުގައި ކުރެވޭ ޚަރަދުތައް ކުޑަވުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޚިދުމަތުގެ މުޅި ނިޒާމުން ވަށާޖެހޭގޮތެއްގައި ޚިދުމަތްތައް ފޯރުކޮށްދެވުންކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އަންނަ އަހަރުގެ ބަޖެޓުން، މިކަމަށް ފަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.