ކަޅުތުއްކަލާކޮށީގެ 15 ބުރީގެ އިންޓެގްރޭޓެޑް އެކޮމޮޑޭޝަން އެންޑް ލޮޖިސްޓިކްސް ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏާކާ ހަވާލުކޮށްފިއެވެ.

މިއިމާރާތަކީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ސިފައިންގެ ތަރައްޤީއަށް ޚާއްސަކޮށްގެން ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ އުމްރާނީ ބިނާއެވެ.

ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އުސޫލުން، ޗައިނާގެ ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަން ލިމިޓެޑާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް މިމަޝްރޫޢުގެ އެއްބަސްވުމުގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ފާޠިމަތު މިޒްނާ ޢަލީއެވެ. އަދި ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މރ. ޖޯ ވޭދޯންއެވެ.

މިއީ ސިފައިންގެ ޤާބިލްކަން އިތުރުކޮށް، ސިފައިންގެ އޮޕަރޭޝަންތައް ހިންގުމަށްޓަކައި ބޭނުންވާ އެކޮމޮޑޭޝަން އަދި ލޮޖިސްޓިކްސް ބޭނުންތަކަށްޓަކައި ސިފައިންގެ ތާރީޚުގައި ހިންގޭ އެންމެ ބޮޑު ޢުމްރާނީ ތަރައްޤީގެ މަޝްރޫއެވެ.

ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއިން ވިދާޅުވީ ކަޅުތުއްކަލާކޮށި 15 ބުރީގެ އިންޓެގްރޭޓެޑް އެކޮމޮޑޭޝަން އެންޑް ލޮޖިސްޓިކްސް ބިލްޑިންގގެ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ ކަމަށެވެ.

އެއްބަސްވުމުގައި ސޮއޮކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް މޭޖަރ ޖެނެރަލް އިބްރާހިމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާސް އާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، ދިފާޢީ އަދި ވަޠަނީ ޚިދުމަތުގެ ވުޒާރާއިގެ އިސްވެރިންނާއި ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަން ލިމިޓެޑްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.