ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ބޭއްވި މަގުސަދު ވަރަށް ފުރިހަމައަށް ހާސިލުވެއްޖެކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއް މައުރަޒު ކަމަށްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގެ ކާމިޔާބީ ހިއްސާކުރައްވަމުން ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026އަކީ، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤުޞަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބޭއްވި މައުރަޒެކެވެ. މިއީ، އުފެއްދުންތެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ރާއްޖޭގައި ބޭއްވި އެންމެ ބޮޑު މައުރަޒެވެ.
މި މައުރަޒުގެ ކާމިޔާބީ އެންމެ ބޮޑަށް އެނގިވަޑައިގަންނަވާނީ މައުރަޒު ބައްލަވައިލެއްވި ބޭފުޅުންނަށްކަން ފާހަގަކުރައްވަމުން އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު ސަޢީދު ވިދާޅުވީ، މައުރަޒުން ފެނުނީ ވަރަށް ފުޅާދާއިރާއެއްގައި ދިވެހިންގެ ބަޔަކު ކުރި ބުރަ މަސައްކަތް ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅަކުން ބައިވެރިވި މިމައުރަޒުން ގިނަ ބައެއްގެ އުންމީދާއި ޚިޔާލު އަދި ފިކުރު ބޭނުން ކޮށްގެން، ވަރަށް ބިނާކުރަނިވި އުފެއްދުންތެރި މަސައްކަތްތަކެއް ދައްކުވައިދީފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މައުރަޒުގައި ބައިވެރިވި ފަރާތްތަކުގެ އުންމީދުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މީގެކުރިން ވިޔަފާރިއެއްގެ ތެރެއަށް ނުވަންނަ ފަރާތްތަކުގެ އަމާޒަކީ މިފަދަ ފުރުސަތުތަކުގެ އެހީގައި ކޮންމެވެސް ވިޔަފާރިއެއް ކުރުން ކަމަށެވެ. އަދި މިހާރު ވިޔަފާރި ކުރާ ފަރާތްތަކުން އެ ވިޔަފާރިތައް އިތުރަށް ފުޅާކުރަން ބޭނުންވާއިރު، މުޅިން އަލަށް މައުރަޒުގައި ބައިވެރިވި ފަރާތްތައް ހިމެނޭކަން ފާހަގަކުރެއްވިއެވެ. އެ ހުރިހާ ފަރާތްތަކެއްވެސް މިހާރު އެންމެ ބޮޑަށް އެދޭކަމަކީ، އެ ފަރާތްތަކުގެ މަސައްކަތްތަކަށް އެކަށީގެންވާ ރަނގަޅު މާކެޓެއް ހޯދުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މައުރަޒަށް އެއްޗެއް ދަންނަވާކަމުގައިވަންޏާ މައުރަޒު ވަރަށް ކާމިޔާބު. އަޅުގަނޑުމެންނަށް ވަރަށް ގިނަ ރިކުއެސްޓުތައްވެސް އައި މުއްދަތު އިތުރު ކޮށްދިނުމަށާއި، އިތުރު ދުވަސް މިކަމުގައި ހޭދަކޮށްދިނުމަަށް. މާނައަކީ މިތަނުން މިކަން ހުއްޓާނުލަން. އެހެންނަމަވެސް ކޮންމެވެސް މުއްދަތަކަށް މިކަންވެސް ބޭއްވޭނީ. މި ހުރިހާ ކަމަކުން މި އެނގިގެންދަނީ މީގެ ކާމިޔާބީ." ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މި އުފެއްދުންތަކަށް އިތުރު މާކެޓުތައް ހޯދައިދީ އިޤުތިޞާދު ކުރިއެރުވުމަކީ، ރައީސުލްޖުމްހޫރިއްޔާގެވެސް މުހިންމު އަމާޒެއް ކަމަށެވެ. އެގޮތުން 2030 ވަނަ އަހަރާ ހަމައަށް ދާއިރު، ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 15 އިންސައްތަ ކްރިއޭޓިވް އިކޮނޮމީއިން ހިއްސާކުރުމަކީ ސަރުކާރުގެ ލަނޑުދަނޑިއެއް ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން މިމަހުގެ 2ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރާއި ރޭގަނޑު ކުރިއަށްދިޔަ މި މައުރަޒަކީ، ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ބޭއްވި މިފަދަ އެންމެ ބޮޑު އަދި އެންމެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެއް މައުރަޒެވެ. މި މައުރަޒުގައި ދިވެހިންގެ ސަގާފީ އަދި އަތްތެރި މަސައްކަތްތަކުގެ މުއްސަނދިކަން ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވެއެވެ. މީގެއިތުރުން ދިވެހި ކާބޯތަކެތީގެ އެކި އުފެއްދުންތަކާއި، ކުންފުނިތަކުން ދޭ ތަފާތު ޚިދުމަތްތަކުގެ މަޢުލޫމާތުވެސް މިމައުރަޒުގެ އެކިއެކި ސްޓޯލްތަކުން ދީފައިވެއެވެ.

